މިސްކިތްތަކަށް ލޯބިޖެހި ގިނަ ވަޤުތު މިސްކިތްތަކުގަ ހޭދަކުރުމަކީ ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެ މީހުންގެ ތެރޭގަވެސް ހިމެނޭ ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
މިސްކިތްތަކަށް ލޯބިޖެހި ގިނަ ވަޤުތު މިސްކިތްތަކުގަ ހޭދަކުރުމަކީ ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެ މީހުންގެ ތެރޭގަވެސް ހިމެނޭ ކަމެއް! އިން ޝާ ﷲ

މިސްކިތްތަކަކީ ބިންމަތީގައިވާ ﷲ ތަޢާލާގެ ގެކޮޅުތަކެވެ. އެހެންކަމުން ވަޤުތު ހޭދަކުރަން އެންމެ ރަނގަޅުތަނަކީ މިސްކިތްތަކެވެ. ނަމަވެސް އެކަމަށް ވިސްނަނީ ނިޞްބަތުން މަދުބައެކެވެ. ހެޔޮ ޢަމަލުކުރަން ނުވަތަ ރަނގަޅު މަޤްޞަދެއްގައި މިސްކިތްތަކުގައި ގިނަ ވަޤުތު ހޭދަކުރާނަމަ ލިބެންހުރި ބައެއް ފައިދާތައް ވަރަށް ގިނައެވެ.  

ތިބާއަށް ހުސްކޮށް ވަޤުތުކޮޅެއް ލިބިއްޖެނަމަ ބޭކާރު ކަންކަމުގައި ވަޤުތު ހޭދަކުރުމުގެ ބަދަލުގައި މިސްކިތަށް އަރައި މިސްކިތުގައި ވަޤުތުކޮޅެއް ހޭދަކުރަން މަސައްކަތްކުރާށެވެ. މިހެން ބުނަން މިޖެހެނީ ވަރަށް ގިނަ ސަބަބުތައް ހުރުމުންނެވެ.  

މިސްކިތަށް ގިނައިން އަރައިއުޅޭ މީހުންނަކީ އީމާންތެރިންކަމުގައި ޤަބޫލުކުރަންވާނެއެވެ. ވީމާ އެއީ ހެޔޮލަފާ މީހުންގެ ގޮތުގައި ދެކެންވާނެއެވެ. އެމީހުން މިސްކިތަށް އެހައިގިނައިން އެދަނީ އެމީހުންގެ ހިތުގައި ﷲ ތަޢާލާއަށް އޮންނަ ލޯބިންނެވެ.  

ހަމައެއާއިއެކު މިސްކިތްތަކުގައި އަބަދުވެސް ރަޙްމަތުގެ މަލާއިކަތުން ތިއްބަވާނެތެވެ. ތިބާ މިސްކިތުގައި އިންނައިރު އެއިނދެވެނީ މަލާއިކަތުންނާއިއެކުގައެވެ. ތިބާ ނަމާދުކޮށް، ޛިކުރުކޮށް ޤުރްއާން ކިޔަވާނަމަ ތިބާގެ ވަށައިގެން މަލާއިކތުންގެ ބޮޑެތި ފައުޖުތައް ތިއްބަވާނެތެވެ.  

މިސްކިތުގައި ވަޤުތު ހޭދަކުރަން މިބުނާ އިތުރު ސަބަބެއްވެސް ބުނެލާނަމެވެ. މިޒަމާނުގައި ގެއިން ބޭރުގައި ގިނަ ވަޤުތުތައް ހޭދަކުރުމަކީ ވަރަށް ނުރައްކައުތެރިކަމެކެވެ. ގިނައިން ލޮލަށް ފެންނާނީވެސް ބެލުން ހުއްދަނޫން، ބެލުމުން ފާފަވެރިވާނެ ކަންކަމެވެ. މިސްކިތުގައި އިންނަނަމަ އެކަންކަމުން ސަލާމަތްވެވޭނެއެވެ.  

ބައެއް މީހުން ގެއިން ބޭރުގައި ގިނަ ވަޤުތު ހޭދަކުރަނީ ގޭތެރޭގައި އިންނަން އުނދަގޫވެގެންކަމަށްވެސް ވެދާނެއެވެ. ދިރިއުޅުމުގެ ޙާލަތު ހުންނަގޮތުން އެފަދަ ގޮތްތައް މެދުވެރިވާ މީހުން ތިބޭނެއެވެ. އެޙާލަތުގައިވެސް އެންމެ ފައިދާކުރާނެ ކަމަކީ މިސްކިތުގައި ގިނަ ވަޤުތު ހޭދަކުރުމެވެ.  

ޖަމާޢަތުގެ ނަމާދަށްފަހު މިސްކިތްތައް މިފެންނަނީ ފަޅުތަންތަނުގެ ގޮތުގައެވެ. އެއީ ވަރަށް ދެރަ ކަމެކެވެ. މިސްކިތްތަކަށް ލޯބި ޖެހުމަކީ، އެމީހާގެ މިސްކިތްތަކާއިއެކުގައިވާ މީހާއަކީ ﷲ ތަޢާލާ ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެ 7 މީހުންގެ ތެރޭގައި ހިމެނޭނެ މީހެކެވެ. އިން ޝާ ﷲ.  

ވީމާ އެމަތިވެރި ނިޢުމަތް ލިބިގަތުމަށްޓަކައިވެސް މަސައްކަތްކުރަންވީ މިސްކިތުގައި ގިނަ ވަޤުތު ހޭދަކުރާމީހަކުކަމުގައިވުމަށެވެ. މިސްކިތަށް ލޯބިޖެހިފައިވާ މީހަކު ކަމުގައިވުމަށެވެ. އެފަދަ މީހަކު ކަމުގައިވެވިއްޖެނަމަ ދުނިޔޭގައިވެސް އެމީހަކަށް އުފަލާއި ހިތްހަމަޖެހުން ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- ޝައިޚް އަބޫ ޘައިމިއްޔާގެ ދަރުސަކުން

މިއަދު އޮންލައިން