އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ވާހަކަ ދެކެވޭއިރަށް ގިނަ ބައަކު ފުރަތަމަވެސް ކުރާ ސުވާލަކީ އަހުރެމެންނަށް އަބޫބަކުރުގެފާނަކަށް ނުވަތަ ޢުމަރުގެފާނަކަށް ވެވޭނީ ކިހިނަކުން ހެއްޔެވެ؟ އެސުވާލަށް އަހުރެންގެ ޖަވާބަކީ އެއީ މިއުންމަތުގެ ޚަލީފާއިންނެވެ. އަހުރެމެންނަކަށް އެބޭކަލުންނަކަށް ނުވެވޭނެއެވެ. އަދި އެކަކަށްވެސް ނުވެވޭނެއެވެ. ނަމަވެސް އެ 2 ބޭކަލުންގެ ޙަޔާތްޕުޅުން ފިލާވަޅުތައް ލިބިގަނެ ޢަމަލުކުރަން މަސައްކަތްކުރެވިދާނެއެވެ. އިން ޝާ ﷲ
މިޘާލަކަށް ނިކަމެތި ޙާލުގައިވާ މީހުންނަށް، ހުވަފަތް އަންހެނުންނަށް އެހީތެރިވުމަކީ ވަކިމީހަކު ކުރަން އޮތް ކަމެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ކުރަން އަންގަވާފައިވާ ކަމެކެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތާއި ޚަލީފާއިން އަދި ޞަޙާބީންގެ ޢަމަލުފުޅުތަކުން އަހުރެމެންނަށް އޮތީ ކަންކަން ކުރާނެ އެންމެ ރަނގަޅު ގޮތް ދަސްކޮށް ޢަމަލުކުރުމެވެ.
މުސްލިމް އުންމަތަށް މިހާރު ކުރިމަތިވަމުން މިއަންނަ ކަންކަން ކުރިމަތިވަނީ ކީއްވެގެންކަމާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. ހަތަރު އުދަރެހިގައި އާރާއި ބާރާއިއެކި ފިޔަޖަހަމުން އައި ބައަކަށް މިހާލު ޖެހުނީ ކީއްވެގެންކަމާއިމެދު ގިނަބައަކު ސުވާލުކުރެއެވެ.
އަހުރެންގެ ޖަވާބު ވަރަށް ކުރެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށްވުރެ ދުނިޔޭގެ އެދުން ބޮޑުވީއެވެ. މިކަމަށް ދަލީލު ލިބޭ ވާހަކަތައް އިސްލާމީ ސިޔަރަތުން ފެންނަން އެބަހުއްޓެވެ.
މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެދިވަޑައިގެން ކުރެއްވެވި މަސައްކަތްޕުޅުތަކުގެ ތެރެއިން މިވާހައަކީ ވަރަށް މަޝްހޫރު ވާހަކައެކެވެ. ވަރަށް ގިނައިން ޚުޠުބާތަކުގައާއި ދަރުސްތަކުގައިވެސް ކިޔައިދެވޭ ވާހަކައެކެވެ. މިރޭވެސް ތަކުރާރުމިކޮށްލަނީ ހަމަ ހަނދުމަކޮށްލައިދިނުމުގެ ގޮތުންނެވެ.
އަހަރެމެން ކޮންމެ މީހެއްގެވެސް އެންމ ބޮޑު އެއް އެދުމަކީ ޤިޔާމަތް ދުވަހު ﷲ ތަޢާލާ ރުހިވޮޑިގަތުމުގެ ލޯފުޅަކުން ބައްލަވައި ލައްވަވާނެ މީހަކަށްވުމެވެ. އެނިޢްމަތް ލިބިގެންދާނީ ނުވަތަ ދެއްވަވާނީ އަހަރެމެންގެ ކިބައިގައި އެފަދަ އަގެއް ހުރިނަމައެވެ. އެފަދަ އަގެއް ހުރި މީހަކަށް ވެވޭނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އެވަރަށް މަސައްކަތް ކުރެވިގެންނެވެ. ވީމާ އަހަރެމެން ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރާ މީހަކަށްވާން އެބަޖެހެއެވެ.
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ޚަލީފާއިން އަދި ޞަޙާބީން އެންމެ އިސްކަމެއް ދެއްވެވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން ހޯއްދަވަން ގަދައަޅުއްވަވައި މަސައްކަތްޕުޅު ކުރެއްވެވުމަށެވެ. އެކަމުގައި އެބޭކަލުން ނުކުރައްވަވާ އެއްވެސް މަސައްކަތްޕުޅެއް ނެތެވެ. ނަމަވެސް ސުވާލަކީ މިއަދު އަހަރެމެންނަށް އެފަދަ އެއްވެސް މަސައްކަތެއް ކުރެވޭ ހެއްޔެވެ؟
ނިކަން ވިސްނައިލަބަލާށެވެ!
އަބޫބަކުރުގެފާނުގެ ޚަލީފާކަމުގައި ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދަށްފަހު ގިނިކަންޏާ ހިންގަވައިވަޑައިގަންނަވައެވެ. ޢުމަރުގެފާނު އެއްދުވަހަކު ޤަޞްދު ކުރެއްވެވީ އަބޫބަކުރުގެފާނު އެ ވަޑައިގަންނަވާ ތަނެއް ބެއްލެވުމަށެވެ. ފަހަތްޕުޅުން ވަޑައިގަންނަވަނިކޮށް ފެނިވަޑައިގަތީ މީހުން ދިރިއުޅޭ ފޭލިގެއަކަށް ވަދެވަޑައިގެންނެވިތަނެވެ.
އަބޫބަކުރުގެފާނު ފޭލިގެއިން ނުކުމެގެން ވަޑައިގަތުމުން ޢުމަރުގެފާނު ފޭލިގޭ ދޮރުމައްޗަށް އަރާވަޑައިގެން ސުވާލު ކުރެއްވެވިއެވެ. "ތިއައީ ކާކު ހެއްޔެވެ؟" ޖަވާބުގައި އޭނާ ދެންނެވިއެވެ. "މިއީ ފިރިމީހާ މަރުވެފައިވާ ވަރަށް ނިކަމެތި އެކަނިވެރި ހުވަފަތް، ލޮލަށް ނުފެންނަ އަނހެނަކީމެވެ."
ޢުމަރުގަފާނު ސުވާލު ކުރެއްވެވިއެވެ. "ދެންމެ މިގެއިން އެ ނުކުތީ ކާކުހެއްޔެވެ؟ އޭނާ މިތަނަށްވަދެ ކުރަނީ ކީއްހެއްޔެވެ؟" ޖަވާބުގައި އަންހެން މީހާ ދެންނެވިއެވެ. "އެއީ ކާކުކަމެއް ނުއެނގެއެވެ. އެމީހަކު ކޮންމެ ދުވަހަކުވެސް ހެނދުނު އައުދެއެވެ. އައިސް މިފޭލިގެ ކުނިކަހައި ތަންތަން ސާފުކޮށްދީ އަހަރެންނަށް ކައްކައިދީ ބަކަރިން ކިރުފެލައިދީ ބައިވަރު މަސައްކަތް ކޮށްދެއެވެ."
ޢުމަރުގެފާނަށް ވަގުތުން ކީރިތި ކުރެއްވެވުނެވެ. ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯއްދެވުމަށް އަބޫބަކުރުގެފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް އެނގިވަޑައިގަތުމުންނެވެ.
ދެން ބަލައިލަންވީ ޢުމަރުގެފާނަށެވެ. ޢުމަރުގެފާނުގެ ޚަލީފާކަމުގައި ރޭގަނޑު ސިއްރިޔާތުގައި ނުކުމެވަޑައިގެން ފަޤީރުންގެ ޙާލު ބައްލަވައި ހެއްދެވިއެވެ. އަދި ކަންކަން ކޮށްދެނީ ކާކުކަން ނުއެނގޭނެ ގޮތަށް އެހީތެރިވެދެއްވެވިއެވެ. އަމިއްލަ ކޮނޑުފުޅުގައި ބަސްތާ އުފުއްލަވައި ފަޤީރުންނަށް ކާބޯތަކެތި ފޯރުކޮށް ދެއްވެވިއެވެ.
ނިކަން ބުނެބަލާށެވެ! މިއަދުވެސް އިސްލާމީ ޤައުމުތަކުގައި މިތިބީ ހަމަވެރިންނެވެ. އަމިއްލައަށް ކަމެއް ނުބަލާއިރު މީހަކު ފޮނުވައިގެން ނަމަވެސް ފަޤީރުންގެ ޙާލު ބަލައިލާ ހެއްޔެވެ؟
މީސްތަކުންނޭވެ! ޣާފިލުވެފައި ނުތިބޭށެވެ! ކޮންމެ ވަގުތަކުވެސް މަރުވެދާނެއެވެ. އަޖަލު ހަމަވުމުގެ ކުރިން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އެމީހަކަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއްވެސް ކުރާށެވެ! އާޚިރަތް ދުވަހުން ތިމާއަކީ އެއްވެސް އަގެއް ހުރި މީހަކަށް ވެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން