ވަޤުތުނުވާތީ ކަންކަން ނުކުރެވޭ މީހުން މިމަގުން ޢަމަލުކުރީމާ ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ވަޤުތުނުވާތީ ކަންކަން ނުކުރެވޭ މީހުން މިމަގުން ޢަމަލުކުރީމާ ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރެވޭނެ! އިން ޝާ ﷲ

ކޮންމެ މީހެއްގެ ޙަޔާތަށްވެސް އެންމެ މުހިންމީ ވަޤުތެވެ. ދިރިއުޅެން ކުރަންޖެހޭ ކަންކަން ކުރުމަށާއި އަދި ކުރަންޖެހޭ އަޅުކަން ކުރުމަށްވެސް ވަޤުތު ބޭނުންވެއެވެ. ވަޤުތަކީވެސް ﷲ ތަޢާލާގެ މަޚްލޫޤެކެވެ. އަހުރެމެންނަށް އޮތީ ވަޤުތުގައި ބަރަކާތް ލައްވަވާނެ ގޮތަށް ޢަމަލުތައް ކުރުމެވެ. 

ބައެއް މީހުން ބުނަނީ ކީރިތި ޤުރްއާނުން ތަންކޮޅެއް ކިޔަވައިލާނެ ވަޤުތު ނުވާކަމަށެވެ. އެއީ އެމީހުން ކުރަން ހުންނަ މަސައްކަތްތައް ގިނަކަމުންނެވެ. އާމްދަނީ އިތުރުކުރަން މަސައްކަތްކުރަން ހަދައިގެންނެވެ. 

އެފަދަ ގިނަ މީހުންނަށް ދުވަސް ނިމިގެންދާއިރުވެސް އޮންނަނީ އެމީހަކު އެދުވަހު ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞލުނުކުރެވިފައެވެ. އެއްވެސް ކަމެއް، ނުވަތަ ޙާޞިލްުކުރަން އެންމެ ބޮޑަށް ބޭނުންވި ކަންކަން ޙާޞިލުނުކުރެވެނީސް ދުވަސް ނިމިފައެވެ. 

މިހެންމިވަނީ ކީއްވެގެން ހެއްޔެވެ؟ އެއީ ތިބާގެ ވަޤުތުގައި ﷲ ތަޢާލާ ބަރަކާތް ނުލައްވަވާތީއެވެ. ﷲ ތަޢާލާ ބަރަކާތް ނުލައްވަވައިފިނަމަ 24 ގަޑިއިރު ތެޅިފޮޅުނަސް ކާމިޔާބުކުރެވޭނެ ކަމެއް ނުއޮންނާނެއެވެ. 

ވީމާ އަހުރެންގެ ނަޞީޙަތަކީ ހަމަޖެހިލައިގެން އިނދެ ކޮންމެ ދުވަހަކުވެސް ޤުރްއާނުން މިނަވަރެއް ކިޔެވުމެވެ. ޚާއްޞަކޮށް ޤުރްއާން ކިޔެވުމުން ދުވަސްފަށަން ސަމާލުކަންދޭށެވެ. އެއަށްފަހު މަސައްކަތުގައި އުޅެމުންވެސް ހުސްވަޤުތުކޮޅެއް ލިބޭއިރަށް ކިތަންމެ ކުރު ސޫރަތެއް ނަމަވެސް ނުވަތަ އާޔަތެއް ނަމަވެސް ކިޔަވާށެވެ. ތިބާގެ ވަޤުތުގައިވެސް އަދި ކުރަން އުޅޭ ކަންކަމުގައިވެސް ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ

 

- އަބޫ ޘައިމިއްޔާގެ ދަރުސަކުން

މިއަދު އޮންލައިން