ދުންފަތާއިދެކޮޅަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު އަންނަން އޮތް ޖީލަކީ ދުޅަހެޔޮ ޖީލަކަށްވުމުގެ މަގުފަހިވެގެންދާނެ ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ރ. ހުޅުދުއްފާރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ، މިއަދު މުޖުތަމަޢުން ފެންނަނީ ފުރާނައަށް ނުރައްކާވާ، ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނަ މަންޒަރު ކަމަށެވެ. އަދި މިއީ ދިރިއުޅުމުގެ އާދަކާދައާއި ގުޅިފައިވާ ކަމަކަށްވާއިރު، މީގެކުރިން ވެރިއަކަށް ކުރައްވަން ކެރިވަޑައިނުގެންނެވި އެތައް ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ދުންފަތާއި ވޭޕަކީ ސީދާ ސިއްޙަތަށް ގެއްލުންހުރި އެއްޗަކަށްވީނަމަވެސް މީގެކުރިން އެކަމަށް ފިޔަވަޅެއް އެޅިފައި ނެތް. އެހެންނަމަވެސް މިހާރު ސަރުކާރުން އަޅުއްވާފައިމިވާ ފިޔަވަޅުތަކާއެކު އަންނަން އޮތް ޖީލަކީ ދުޅަހެޔޮ ޖީލަކަށްވުމުގެ މަގުފަހިވެގެންދާނެ," މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން، މިނިސްޓަރ ނާޒިމް ވިދާޅުވީ މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގައި، ޕްރައިމަރީ ހެލްތު ކެއަރ ވަރުގަދަކުރުމަށް ފަށާފައިވާ ޕްރޮގްރާމް އެއްކޮށް ނިންމާނެ ކަމަށެވެ. އަދި ސިއްޙީ ނިޒާމަކީ ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކުރާ ނިޒާމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަށް އަންނަން އޮތް ޖީލު ޝުކުރުއަދާކުރާނެ ކަމަށްވެސް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ސިއްޙީ ހާލަތު ރަނގަޅުވެ، ދުޅަހެޔޮ ޖީލެއް އުފެދިގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ.