ކޮންމެ ކަމެއްގައިވެސް ދެމަފިރިން މަޝްވަރާކުރާނަމަ ކާމިޔާބުވުން ގާތްވެފަ ލިބޭ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ކޮންމެ ކަމެއްގައިވެސް ދެމަފިރިން މަޝްވަރާކުރާނަމަ ކާމިޔާބުވުން ގާތްވެފަ ލިބޭ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ

މަޗްވަރާ ކުރުމަކީ ޑިމޮކްރަސީގެ އުޞޫލުތަކަށް ބުނާނަމަ އެހަދަނީ ބޮޑު ދޮގެކެވެ. ކަންކަމުގައި  މަޝްވަރާކުރަން ކީރިތި ޤުރްއާނުގައި އެބަ އޮތެވެ. އެއިރު ތިއަބުނާ ޑިމޮކްރަސީ ކޮބައިހެއްޔެވެ؟ ދުނިޔެއަށް ޑިމޮކްސީ އުފަންވުމުގެ ކަންކަން ހުވަފެނުން ނަމަވެސް ފެނުނު މީހަކު އެއިރު ހުރި ހެއްޔެވެ؟ 

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮންނަނީ މަޝްވަރާކޮށްގެން ކަންކަން ކުރަންޖެހޭނީ ހަމައެކަނި ބޮޑެތި މަޖިލިސްތަކުގައި ކަމަށެވެ. މުޖުތަމަޢުގެ ކަންކަމުގައި ރައްޔިތުންގެ މަންދޫބުން ކަމަށެވެ.  

އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައި އަނބިންނާއި މަޝްވަރާކުރުމަކީ ތިމާގެ ދަރަޖަ ތިރިވެ އަގުވެއްޓޭނެ ކަމެއް ކަމަށް ހީވެސް ނުކުރާށެވެ! އެއީ ﷲ ތަޢަލާގެ ޙަޟްރަތުގައި ތިމާގެ ދަރަ އުފުލެން އޮތް މަގެކެވެ. ދިރިއުޅުން ކާމިޔާބުވެ އުފާވެރިކަން ލިބުމަށް އޮތް މަގެއްވެސްމެއެވެ.  

ﷲ ތައާލާގެ ވަޙީ ބަސްފުޅަށް ބަލައިލާށެވެ! ސުވަރުގެވަންތަވެރިންގެ ސިފަތައް ބަޔާންކުރައްވަވައި ވަޙީކުރައްވަވާފައިވެއެވެ.  

"އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އިޖާބަދީ، އަދި ނަމާދު ޤާއިމުކުރި މީހުންނެވެ. އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ މަޝްވަރާގެ މަތިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވިތަކެތިން، އެއުރެން ހޭދަކުރެތެވެ."

(އައްޝޫރާ: 38)  

ވިސްނައިލާށެވެ! ދެމަފިރިންގެ މެދުގައި ކަންކަމަށް މަޝްވަރާކުރަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ދެމީހުންގެ މެދުގައި މަޝްވަރާކޮށްގެން ކަންކަން ކުރާނަމަ ޖެހޭ މައްސަލަތައް މަދުވާނެކަމެވެ. އަދި މައްސަލައެއް ޖެހުނަސް އެކަކު އަނެކަކަށް ކުށްވެރިކުރުމުގެ ފުރުޞަތު ނުއޮންނާނެ ކަމެވެ. ދެމީހުންނަށްވެސް އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމެވެ.  

ދެން ބަލައިލަންވީ ސުންނަތުގައި އެކަން އޮތްގޮތަށެވެ. ރަސޫލް އެކިއެކި ކަންކަމުގައި އަނބިއަނބިކަނބަލުންނާއި މަޝްވަރާކުރެއްވެވިއެވެ. އަދި އަމިއްލަފުޅަށް ޙައްލުކުރައްވަން އުނދަގޫފުޅުވި ބައެއް ކަންކަމުގައި އެކަނަބަލުންގެ މަޝްވަރާއަށް ޢަމަލުފުޅުކުރެއްވެވުމުން ރަނގަޅު ޙައްލުވެސް ލިބިވަޑައިގަތްކަން ސިޔަރަތުން އެނގޭނެއެވެ.   

ވީމާ ޤުރްއާނާއި ސުންނަތުން މިކަންކަން އެނގެން އޮތްއިރު ކަންކަމުގައި އަނބިންނާއި މަޝްވަރާކުރުމަކީ ތިމާގެ ދަރަޖަ ދަސްވާނެ ކަމެއްކަމަށް ޤަބޫލުކުރަން ހެޔޮވާނީވެސް ކިހިނަކުންހެއްޔެވެ؟ ޤުރްއާނާއި ސުންނަތަށްވުރެ މޮޅު ގޮތެއް އަހަރެމެންނަށް ހޯދޭނީ ކިހިނަކުންހެއްޔެވެ؟  

ފެންނަންހުރި ދިރާސާތަކަށް ބެލިނަމަވެސް އެނގިގެންދާނީ އެންމެ ކާމިޔާބު މީހުންނަކީ ދެމަފިރިންގެ މެދުގައި މަޝްވަރާކޮށްގެން ދިރިއުޅުމުގެ ކަންކަންކުރާ މީހުންކަމެވެ. އަދި އެންމެ އުފަލުގައި ދިރިއުޅެވެނީވެސް މަޝްވަރާކޮށްގެން އެކުގައި ދިރިއުޅެން މަސައްކަތްކުރާ ދެމަފިރިންނަށް ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން