ދިރިއުޅެންޖެހިފައިވާ ފެންވަރަށް ނުބަލާށެވެ! ތިބާއަށްވެސް އެންމެ ބުއްދިވެރި، އެންމެ ސްމާޓް މީހުންގެ ތެރޭގައި ހިމެނުމުގެ ފުރުޞަތު އެބަ އޮތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ދިރިއުޅެންޖެހިފައިވާ ފެންވަރަށް ނުބަލާށެވެ! ތިބާއަށްވެސް އެންމެ ބުއްދިވެރި، އެންމެ ސްމާޓް މީހުންގެ ތެރޭގައި ހިމެނުމުގެ ފުރުޞަތު އެބަ އޮތެވެ!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އެންމެ ހުޝިޔާރު އަދި އެންމެ ސްމާޓް މީހަކީ އަތުގައި އެންމެ ފައިސާ ގިނަ މީހާ ކަމަށެވެ. ނުވަތަ އެންމެ މަތީ މަޤާމުގައި ހުރެވޭ މީހާ ކަމަށެވެ. ނަމަވެސް ﷲ ތަޢަލާގެ ޙަޟްރަތުގައި މިކަން މުޅިން ތަފާތެވެ. 

ފުރަތަމަވެސް ބަލައިލަންވީ އެންމެ ބޮޑު ބުއްދިވެރިއަކީ ނުވަތަ އެންމެ ވިސްނުންތޫނު، އެންމެ ސްމާޓްމީހަކީ ކާކުތޯއެވެ؟ ހަމަކަށަވަރުން ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި އެމީހަކީ އެންމެ ގިނައިން މަރު ހަނދާންކުރާ އަދި އެންމެ ބޮޑަށް މަރަށް ތައްޔާރުވެގެން ހުންނަ މީހާއެވެ.  

މުސްލިމުން އަބަދުވެސް ވިސްނަންވާނީ ކޮންމެ ވަގުތަކުވެސް މަރު އައިސް ބައްދަލުކޮށްފާނެ ކަމަށެވެ. ވީހައި ގިނަ ހެޔޮ އަމަލުތައް ހިފައިގެން އާޚިރަތަށް ދެވިގެން ނޫނީ އެއްވެސް ސަލާމަތްކަމެއް ނެތް ކަމެވެ. 

އެންމެ އާދައިގެ ވިސްނުމަކުން ވިސްނައިލިނަމަވެސް އެނގޭނެއެވެ. އިންސާނާގެ އެންމެ ބޮޑު ބޭނުމަކަށްވާންޖެހޭނީ ސުވަރުގެ ވަނުމަށް މަސައްކަތްކުރުމެވެ. އެމަސައްކަތްކުރެވޭނީ މަރުހަނދާންކުރިވަރަކުންނެވެ. މަރަށް ތައްޔާރުވާން މަސައްކަތް ކުރެވުނުވަރަކުންނެވެ.

އެކަމަށް ބިރުވެތިވެ ސަމާލުކަދޭމީހާ އެންމެ ގިނައިން ކުރަންއޮތް އެއް ކަމަކީ އެންމެ މަތިވެރި ކަލިމަތައް ކިޔައި ވީހައި ގިނައިން ޛިކުރުކުރުމެވެ. ތިމާއަށް އެއްވެސް ފައިދާއެއް ނުކުރާނެ ވާހަކަތައް ދެއްކުމާއި އެފަދަ ކަންކަމަށް ވިސްނުމުގެ ބަދަލުގައި ޛިކުރުކުރުން ފަދަ ތިމާއަށް ދުނިޔެއާ އާޚިރަތުގައި ފައިދާކުރާނެ ކަންކަން ކުރުމުގައި ވީހައި ގިނަ ވަގުތުތައް ހޭދަކުރުމެވެ. ހުސްވަގުތެއް ލިބޭއިރަށާއި ވަގުތު ހޯދައިގެންވެސް ޛިކުރުކުރުންމަތީގައި ދެމިހުރުމެވެ. 

ކިޔާލަން ދޫމައްޗަށް ފަސޭހަ ޛިކުރުތައް ބައިވަރެވެ. އެ ޛިކުރުތައް އެނގޭ ނޫންހެއްޔެވެ؟ ކިޔޭ ޢަދަދު ގުނަން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. މަލާއިކަތުން އެކަން ބަރާބަރަށް ބަލަހައްޓަވާނެތެވެ! ގިނަގިނައިން ކިޔަމުން ގެންދަންވީއެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ޛިކުރުންމަތީގައި ހުންނަ ވަގުތުތަކުގައި ﷲ ތަޢާލާވެސް އެމީހަކުމަތިން ހަނދުމަފުޅު ކުރައްވަވާނެތެވެ! އެއީ ކީރިތި ޤުރްއާނުން އެނގެން އޮތްކަމެކެވެ. އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަފުޅުކުރެއްވެވުމަށްވުރެ މަތިވެރި ނިޢުމަތަކީ ކޮބައިހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން