ކޮންމެ ކަމެއްވެސް ކާމިޔާބުކުރެވޭނީ ކަންކަން ރަނގަޅަށް ތަރުތީބުކޮށް ޢަމަލުކުރުމުންނެވެ. ކޮންމެ ކަމެއް ކުރާއިރުވެސް އެކަން ކުރާނެ ގޮތުގެ އެޖެންޑާއަކާއި ތާވަލެއް އެކުލަވައިލަނީ އެހެންވެގެންނެވެ.
ހެޔޮ ޢަމަލުކުރުމާއި ތައުބާވުމުގައި މިކަން ތަފާތެވެ. އެއީ ތާވަލުކުރެވެން އޮތް ކަމެއް ނޫނެވެ. މިހާރުން މިހާރަށްވެސް ޢަމަލުކޮށް ތަންފީޒުކުރަންޖެހޭ ކަންކަމަށްވާތީއެވެ. މަރުވާނެ ވަޤުތު ނުއެނގޭނެތީއެވެ.
ދުނިޔޭގައި ހޭދަކުރަން ލިބޭ މަދު ދުވަސްކޮޅުގައި އެންމެ ބޮޑަށް ވިސްނަން ޖެހޭނެ ކަންތަކަށް ވިސްނުން ގިނަ ބައަކު މިހާރު އޮންނަނީ އެޖެންޑާގެ އެންމެ ފަހަތަށް ލައިފައެވެ. އެއީ އާޚިރަތް ކާމިޔާބުކުރެވޭނެ ގޮތާއިމެދު ވިސްނުމެވެ. އާޚިރަތް ކާމިޔާބުކުރަން އެދޭމީހާ އޭނާގެ އެޖެންޑާ ބަދަލުކުރަން އެބަޖެހެއެވެ. ބދަލުކޮށްލުމަށްޓަކައި މިކިޔައިދޭ ކަންކަމަށް ވިސްނާށެވެ!
އަހުރެން މީހަކާ ސުވާލުކުރީމެވެ. "އަޚާއެވެ! ތިބާ ހޮޓަލަކަށް ޗެކިންވުމަށްފަހު ކޮޓަރީގައި ހޭދަކުރަންޖެހޭ 2،3 ދުވަހަށްޓަކައި ތިބާގެ ޚަރަދުގައި ކޮޓަރީގެ ފަރުނީޗަރު އައުކޮށް ބޮޑު ޓީވީއެއް ބަހައްޓައި އަދި ކާޕެޓްވެސް ބަދަލުކުރުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟"
ޖަވާބުގައި އޭނާ ބުންޏެވެ! "އެކަންވާނީ ވަރަށްބޮޑު އިސްރާފަކަށެވެ. އެކަން ކުރަން ހެޔޮނުވާނެއެވެ."
މިއީ ޢިލްމްވެރިއަކު ވިދާޅުވެފައިވާ ބަސްފުޅެކެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުނިޔޭގެ ޙަޔާތަކީ ހަމަ މިފަދަ ކަމެކެވެ. ދުނިޔޭގައި ހޭދަކުރަން މިލިބެނީ ހަމަ ވަރަށް ކުރުމުއްދަތެކެވެ. ވަރަށް މަދު ދުވަސްކޮޅެކެވެ. މަރުވުމަށްފަހު ދެން ހޭދަކުރަން ޖެހޭނެ މުއްދަތަށް ބަލައިފިނަމަ ފަޅި ސިކުންތެއް ފަޅިފަޅިކުރުމުންވެސް އެއްވަރު ނުވާނެހައި ކުޑަކުޑަވަގުތުކޮޅެކެވެ.
ދުނިޔޭގައި ހޭދަކުރަން ލިބޭ މިހައި ކުޑަކުޑަ ވަގުތުކޮޅުގެ ބޭނުން އެންމެ ފައިދާހުރި ގޮތުގައި ހިފާށެވެ! ދުނިޔެއިން އުފާލިބިގަތުމަށް ވަގުތު ބޭކާރުނުކުރާށެވެ! އަސާސީ މިންވަރަކުން ދުނިޔޭގެ ބޭނުންތައް ފުއްދާލައި ވީހައި ގިނަ ވަގުތު އާޚިރަތަށް ތައްޔާރުވަން ހޭދަކުރާށެވެ! ހަމައެއާއިއެކު ދުނިޔޭގެ ކަންކަން ވީހައި ފުރިހަމަކުރަން ބޮޑެތި ޚަރަދުތައް ކުރުމުގެ ބަދަލުގައި އާޚިރަތަށް ގެންދަން ޖަމާކުރާށެވެ! ވީހައި ގިނައިން ﷲ ތަޢާލާގެ މަގުގައި ހޭދަކުރާށެވެ!
މިކަންކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވިއްޖެ އާޚިރަތް ކާމިޔާބުކުރެވުން ފަސޭހައެއް ނުވާނެއެވެ. ގާތީ ކާމިޔާބު ނުކުރެވުމެވެ. ދުނިޔޭގެ އެންމެ ފުރިހަމަ ގެއާއި ފަރުނީޗަރާއި އެންމެ ބޮޑު ޓީވީ ނުލިބުމަކީ މަރުވުމުން ހިތާމަކުރަންޖެހޭނެ ކަމެއް ނޫނެވެ. ހިތާމަކުރަންޖެހޭނީ އާޚިރަތަށް ތައްޔާރުނުވެވުނު ނަމައެވެ. ނަރަކައަށް ވަންޖެހިއްޖެ ނަމަ އެވެ. ވީމާ ވަގުތު އޮއްވައި މިކަންކަމަށް ހޭލުންތެރިވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން