މަޑުއްވަރީ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
މަޑުއްވަރީ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ރ. މަޑުއްވަރީގައި ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އިއްޔެ ބޭއްވިއްޖެއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އިމާރާތަކީ ރަށްރަށުގެ ކައުންސިލްތަކުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ބިންގާ އެޅުނު އޮފީހެވެ. މި 2 ފަންގިފިލާގެ އިމާރާތަކީ މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކުރެވުނު 55 ކައުންސިލް އިމާރާތުގެ ތެރެއިން އެކެކެވެ.

މަޑުއްވަރީ ކައުންސިލްގެ ރައީސް މުޙައްމަދު ޞާދިޤް ވިދާޅުވީ މިއީ ރަށުގެ ތަރައްޤީއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރުގެ އިމާރާތަކީ ޖާގައިގެ ގޮތުން ކުޑަ، ކަތީބުންގެ ޒަމާނުއްސުރެ ބޭނުންކުރަމުން އައި އިމާރާތެކެވެ. އަދި އައު އިމާރާތާއެކު ޖާގައިގެ މައްސަލަ ހައްލުވެ، ކައުންސިލަށް އާމްދަނީ އިތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އިމާރާތް ނިމުމުން ރަށުގެ އިދާރީ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ. މި މަޝްރޫޢުގެ ދަށުން އެހެން ރަށްރަށުގައިވެސް ކައުންސިލް އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މިއަދު އޮންލައިން