ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ މި 5 އަހަރުގެ ދައުރުގައި ރާއްޖޭގެ މައްސަލަތައް ހައްލުކުރައްވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ އިންނަމާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ފަލާޙް ވިދާޅުވި ގޮތުގައި، ކުރީގެ ރައީސުން ދެވަނަ ދައުރަށް ވިސްނައިގެން މަސައްކަތްކުރި ނަމަވެސް، ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ނުވިސްނާ، މި ދައުރުގައި ރާއްޖެ އަމާން ބަނދަރަކަށް ގެންދަން ބޭނުންވެ ވަޑައިގަންނަވައެވެ. އަދި މަސްތުވާތަކެއްޗާއި މުޖުތަމަޢުގެ ނުބައި އާދަތައް ހައްލުކޮށްގެން ކުރިއަށްދިއުމަކީ ތަރައްޤީގެ މުހިންމު ބައެއް ކަމަށް ފަލާޙް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ފަލާޙް ފާހަގަކުރެއްވި ގޮތުގައި ރައީސް މުޢިއްޒަކީ މަދު ދުވަސްކޮޅެއްގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވި ފުރަތަމަ ރައީސެވެ. އަދި ހައުސިންގ މިނިސްޓަރުކަމުގައި ބޮޑެތި މަޝްރޫޢުތައް ހިންގެވީ އެމަނިކުފާނުގެ ހިންގުންތެރިކަމާއި ވިސްނުންތެރިކަމުން ކަމަށްވެސް ފަލާޙް ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ރައްޔިތުންގެ ހާލު ބެއްލެވުމަށާއި، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ރ. އަތޮޅުގެ ގިނަ ރަށްތަކަކަށް ޒިޔާރަތްކުރައްވާފައެވެ.