އަންހެނަކު ތިބާދެކެ ލޯބިވާކމަށް ބުނެފާނެއެވެ. ކައިވެނިވެސް ކޮށްފާނެއެވެ. ތިބާގެ ބޭނުންތައް ފުއްދައިވެސް ދީފާނެއެވެ. މީރުކޮށް ކައްކާފައި ކާންވެސް ދިފާނެއެވެ. ބޫޓް ޕޮލިސްކޮށްދީފާނެއެވެ. ދަރިންވެސް ވިހައިފާނެއެވެ. ވަރަށް ބޮޑަށް ތަޢްރީފްވެސް ކޮށްފާނެއެވެ.
އެކަމަކު ބުނަން ހެއްޔެވެ؟ މިހުރިހާ ކަންކަން ކޮށްދިނަސް އޭނާ ތިބާދެކެ ޙަޤީޤީ ލޯބިވާކަން ޔަޤީނެއް ނުކުރެވޭނެއެވެ. މިހެން ބުނީމާ ގިނަ ބައަކު ކުރާނެ ސުވާލަކީ އެހެންވީއިރު ލޯބިވާކަން ޔަޤީންކުރެވޭނީ ކޮން ގޮތަކުން ހެއްޔެވެ؟
ޖަވާބުގައި ދެކަމެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކަމަކީ އަތްމަތި ދަތިޙާލުގައި ޝަކުވާ ނުކޮށް ކެތްތެރިވުމެވެ. ދެވަނަ ކަމަކީ ގަދަވާނެ ކަމުގެ އުންމީދެއް ނެތް ބަލިޙާލުގައިވެސް ތިބާދެކެ ލޯބިވެ، ލޯބިދީ، އަޅާލައި ބަލަހައްޓައިދިނުމެވެ.
އައްޔޫބްގެފާނަށް މިދެޙާލަތު ކުރިމަތިވެވަޑައިގަތުމުންވެސް ދެގޮތެއްނުވެ ޚިދުމަތް ކުރެއްވުމުގައި ޘާބިތުވި އަނބިކަނބަލުން ދޫކޮށް ނުލައްވަވަން ﷲ ތަޢާލާ އެންގެވީ އެސަބަބަށްޓަކައެވެ.
އެކަމަކު ނިކަން މިއަދު ވިސްނައިލަބަލާށެވެ! ހެޔޮލަފާ، ﷲ ތަޢާލާއަށް ކިޔަމަންތެރި އަނބިން މި ދެޙާލަތުގައިވެސް ދެގޮތެއް ނުވެ ފިރިމީހާއަށް ޚިދުމަތް ކުރަނިކޮށް އެޙާލަތުން ސަލާމަތްވެވޭއިރަށް މޫނުމަތީގައި އެޖަހަނީ އަތަކުންވެސް ނޫނެވެ. ކޮޅުފައިންނެވެ. މާޒީ ހަނދާންކުރަންވެސް ބޭނުމެއް ނުވެއެވެ. ފެންނަނީ މިއަދު ތިމާއަށް ހުރެވޭ ޙާލަތެވެ. ލިބިފައިވާ ތަނަވަސްކަމަށެވެ. ލިބިފައިވާ ޞިއްހަތަށެވެ. ތިމާއަށްޓަކައި ޤުރްބާންވި އަނބިމިހާ ދޫކޮށްލައި ދުވެފިލަނީ ތިމާއަށްޓަކައި އެބޮޑު ޤުރްބާންވި އަނބިމީހާގެ ހިތުގައި ޖައްސުވައި ރޮއްވަމުންނެވެ. ދެރަކޮށް ނިކަމެތިކޮށްލާފައެވެ.
އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ! އަނބިމީހާއަށްޓަކައި ޤުރްބާންވާ ފިރިންގެ މޫނުގައި ކޮޅުފައިޖަހާފައި ދިއުމުން އެޢަމަލުކުރެވެނީ ހަމައެހައި ނުބައިކޮށެވެ. އައްޔޫބްގެފާނަށް ވަޙިކުރެއްވެވި ބަސްފުޅަކީ އަނބިންނަށްވެސް އޮތް ބަސްފުޅެއްކަން އަނބިންވެސް ޤަބޫލުކުރަންވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން