ރ. ކިނޮޅަހުގައި އަލަށް އިމާރާތް ކުރާ ކައުންސިލް އިދާރާގެ ބިންގާ މިއަދު އަޅައިފިއެވެ.
މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފްއެވެ.
ކިނޮޅަހަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅުގެ 11 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 9 ވަނަ ރަށެވެ. ކިނޮޅަހަށް ވަޑައިގަތުމާއެކު އެ ރަށުން ރައީސްއަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ކިނޮޅަސް ކައުންސިލްގެ އައު އިމާރާތަކީ މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރާ ކައުންސިލް އިމާރާތެކެވެ. މި މަޝްރޫޢުގެ ދަށުން މުޅި ރާއްޖޭގައި ޖުމްލަ 55 ކައުންސިލްއެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެވެއެވެ.
މި އިމާރާތް ނިމުމުން ކިނޮޅަހު ކައުންސިލަށް ލިބިގެންދާނީ ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ދެވޭނެ ތަނަވަސް މާހައުލެކެވެ. މީގެ އިތުރުން، ރަށުގެ އިދާރީ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް އުންމީދު ކުރެވެއެވެ.
ސަރުކާރުން މި ފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ މަޤްޞަދަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ހަމަހަމަ ގޮތެއްގައި ތަރައްޤީ ގެނައުމާއި، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމެވެ.
މި މަސައްކަތް ނިމުމުން ކިނޮޅަހުގެ ރައްޔިތުންނަށް ލިބިގެންދާނީ ފެންވަރު ރަނގަޅު، ޒަމާނީ ވަސީލަތްތަކާ އެކު ޚިދުމަތް ދެވޭނެ ކައުންސިލް އިދާރާއެކެވެ.