އެންމެ ބޮޑެތި ފާފަ ކުރުން ކަމުގައި ގިނަ ބައަކު ދެކެނީ ޝިރުކުކުރުމާއި ވައްކަންކުރުމާއި ޒިނޭކުރުމާއި ރިބާކެއުން ފަދަ ކަންކަމެވެ. ނަމަވެސް އަހަރެންގެ ނަޒަރުގައި މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ.
ފާފައިގެ ކުޑަބޮޑުމިން ބަލަންޖެހޭނީ އެފާފައެއްގެ ސަބަބުން އެމީހަކަށް ލިބެންއޮތް ގެއްލުމުގެ ސައިޒަށް ބަލައިގެންނެވެ. ވީމާ މިދައްކާ ވާހަކަތަކަށް ރަނގަޅަށް ސަމާލުކަންދީގެން އަޑުއަހާށެވެ!
ޙަޤީޤަތާއިމެދު ވިސްނައިލަމާހެއްޔެވެ؟ އެންމެ ބޮޑު ފާފައަކީ ޝިރުކުކުރުން ކަމަށް ބުނެވެނީ ޝިރުކުރުންމަތީގައި ހުއްޓައި މަރުވެއްޖެ ނަމަ އެމީހާގެ ފާފަތައް ނުފުއްސަވާނެތީއެވެ. ޝިރުކުކުރުން މަތީގައި މަރުވުމުން އެއްވެސް މީހެއްގެ ފާފަތައް ފުއްސަވާނެ ނަމަ ރަސޫލް (ﷺ)ގެ ބޮޑުބޭބޭފުޅު އަބޫޠާލިބްގެފާނަށް އެފުރުޞަތުލިބިވަޑައިގަތީހެވެ. އިސްލާމް ދީން ފެތުރުއްވެވުމަށް މުޝްރިކުން އަޅަމުން ގެންދިއަ ހުރަސްތައް ނަތަވައިލައްވައި ރަސޫލް (ﷺ) އަށް އެކަމަށް މަގުފަހުކުރައްވަވައި ދެއްވެވީވެސް ހަމަ އަބޫޠާލިބްގެފާނެވެ.
ދެން ބަލައިލަންވީ ޝިރުކުކުރާމީހާ ތައުބާވުމެވެ. ޝިރުކުރުމަކީ އެންމެ ބޮޑުފާފަކަމުގައިވެ ޝިރުކުރަމުން އައި މީހަކު ނަމަވެސް ތައުބާވުމުގެ ފުރުޞަތު އޮވެ، ތައުބާވެއްޖެ ނަމަ އެމީހާގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވައެވެ. "ތައުބާވުމުގެ ފުރުޞަތު އޮވެ" ކަމަށް މިބުނީ މަރު ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުން އެމީހާގެ ލޮލަށް ފެންނަވަގުތުން ފެށިގެން ތައުބާވުމުގެ ފުރުޞަތު ބަންދުވެގެންދާނެތީއެވެ.
ޝިރުކުރުން ފިޔަވައި ދެންކުރެވޭ ކޮންމެ ފާފައަކީވެސް ﷲ ތަޢާލާ އިރާދަކުރައްވަވައިފި އަޅަކަށް ދުނިޔޭގައި ހުއްޓައިވެސް އަދި އާޚިރަތް ދުވަހުވެސް ފުއްސަވައިދެއްވަވާނެ ފާފައެކެވެ.
މިބަޔާންކުރި ބަސްކޮޅުން އެނގިގެން މިދިއައީ މިދިއައީ ޝިރުކުރުމާއި ވައްކަންކުރުމާއި ޒިނޭކުރުމާއި ރިބާކެއުން ފަދަ ފާފަތަކަށް ތައުބާވެ ﷲ ތަޢާލާގެ ޙަޟްރަތުގައި އެދި ދެންނެވުމުން ފާފުއްސަވައި ދެއްވަވާނެ ކަމެވެ.
ދެން މި ދައްކަނީ މިހުރިހާ ފާފަތަކަށްވުރެ މާބޮޑު ފާފައިގެ ވާހަކައެވެ. އެއީ މީހެއްގެ ނުވަތަ މީސްތަކުންގެ ޙަޤަކަށް އަރައިގަތުމެވެ. މިއަދު މީސްތަކުންގެ ޖާހިލުކަންބޮޑުވެ އަނެކާގެ ޙައްޤުތަކަށް އަރައިގަތުމަކީ ފާފައެއް ކަމަށް ޤަބޫލުނުކުރެވުނު ނަމަވެސް އަދި އެއީ ކުޑަކުޑަ ފާފައެއް ކަމުގައި ދެކެމުން އަންނަ ނަމަވެސް އަހުރެންނަށް އެއަށްވުރެ ބޮޑު އެއްވެސް ފާފައެއް ފެންނާކަށް ނެތެވެ.
ސަބަބު:
ޝިރުކުރުމާއި ވައްކަންކުރުމާއި ޒިނޭކުރުމާއި ރިބާކެއުން ފަދަ ފާފަތަކަށް ތައުބާވެ ﷲ ތަޢާލާގެ ޙަޟްރަތުގައި އެދި ދެންނެވުމުން ފާފފުއްސަވައި ދެއްވަވައެވެ. ނަމަވެސް އެއްވެސް މީހެއްގެ ޙައްޤަކާއި އެއްވެސް ވަރަކަށް ގުޅުންހުރި ފާފައެއް ނަމަ އެމީހާ އެކަމަށް މާފުނުކުރަނީސް ﷲ ތަޢާލާ އެމީހާގެ ފާފަތައް ނުފުއްސަވާނެ ކަމެވެ.
އެކަމަކީ ކިތަންމެ ބާރުގަދަ ކިތަންމެ މޮޅު މީހަކު، އަދި ކިތަންމެ ބޮޑު ޢިލަމުވެރިއަކު ކުރި ކަމަކަށްވެފައި އެފާފައިގެ ސަބަބުން ކިތަންމެ ނިކަމެތި މީހެއްގެ ނަމަވެސް ޙައްޤު ގެއްލިފައިވާނަމަ ޖެހޭނީ ހަމަ އެމީހަކަށް ބަދަލުދޭށެވެ! ﷲ ގެ ޢަފޫކުރެއްވެވުން ލިބިގެންދާނީ އެކަމުގެ ފަހަތުންނެވެ.
ހިތާމައަކީ މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމަކީ މިހައިވަރުގެ ބޮޑުކަމެއް ނަމަވެސް އެކަންކުރަން ޖެހިލުންވާ މީހުން މަދުވެ ހުސްވަމުންދާ ކަމެވެ. މިއީ ވަރަށް ނުރައްކައުތެރިކަން ބޮޑު ކަމެކެވެ. ނިކަން ވިސްނައިލަބަލާށެވެ! ﷲ ތަޢާލާއީ އެންމެހައި ކަންކަމަށް އެންމެހައި ބާރުތައް ލިބިވޮޑިގެންވާ، ކޮންމެ ކަމަކަށް ކުޅުންވަންތަ އިލާހްއެވެ. އެހެންކަމާއިއެކުގައި ވެސް މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމުން އަދި ކިތަންމެ ކުޑަކުޑަ ޙައްޤަކަށް ނަމަވެސް އަރައިގެންފިނަމަ އެކަން ޙައްލުކޮށް ބަދަލުދޭން ޤިޔމަތްދުވަހު ޖެހޭނީ ހަމައެމީހަކަށެވެ.
މިސާލަކީ ތިބައަކީ ސުވަރުގެ ޙަޤުވެ އިތުރުވާވަރަށްވެސް ހެޔޮ ޢަމަލުކުރި މީހަކަށްވީތީ ގެންދަވައި ސުވަރުގެ ވައްދަވަނީއެއް ނޫނެވެ. ފުރަތަމަ ޖެހޭނީ އެހެން މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެ ޙައްޤު އަދާކުރާށެވެ! ސުވަރުގެ ވަދެވޭނީ މީސްތަކުންގެ ޙައްޤުތައް އަދާކޮށް ނިންމުމުންނެވެ.
ވީމާ ސުވަރުގެވަނުމަށް އެދޭމީހާ އެންމެ ބޮޑު ފާފައެއް ކަމުގައި ދެކެންވީ އެއްވެސް މީހެއްގެ ކިތަންމެ ކުޑަނަމަވެސް އެއްވެސް މިންވަރެއްގެ ޙައްޤަކަށް އަރައިނުގަތުމެވެ. ޤިޔާމަތް ދުވަހު ޙައްޤުތައް ހޯދަން ތިމާގެ ފަހަތުން އަންނަން އެއްވެސް މީހަކަށް ނުޖެހޭނެ ގޮތަށް ޢަމަލުކުރާށެވެ! ކިތަންމެ ކުޑަ ނަމަވެސް މީހެއްގެ ޙައްޤަކަށް އަރައިނުގަންނާށެވެ!
ތިމާއަށް ނުއެނގި ނަމަވެސް އެފަދަ ކަމެއް ކުރެވިފައިވެދާނެ ކަމަށް ބިރުވެތިވެ ތިމާއަށް އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ ނުވަތަ އޮވެދާނެކަމަށްޓަކައިވެސް އެފަދަ މީހުންނަށް ރަހްމަތް ލެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! އަދި ކޮންމެ ގޮތަކލުން ނަމަވެސް އމީހާ ދުނިޔޭގައި ހުއްޓައި އެމީހާގެކިބައިން މާފަށް އެދި ހިތްހަލާލް ހޯދާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން