އެއަންހެން މީހާ ކޯޓުގަ ޢަމަލުކުރި ގޮތަށް ޢަމަލުކުރެވޭނަމަ އަމިއްލަ ދިރިއުޅުންވެސް އަދި އިސްލާމް ދީންވެސް ދާނީ ކުރިއަރަމުން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
އެއަންހެން މީހާ ކޯޓުގަ ޢަމަލުކުރި ގޮތަށް ޢަމަލުކުރެވޭނަމަ އަމިއްލަ ދިރިއުޅުންވެސް އަދި އިސްލާމް ދީންވެސް ދާނީ ކުރިއަރަމުން! އިން ޝާ ﷲ

ރެސްޓޯރަންޓެއްގައި ކާން އިން މުސްލިމް އަންހެނެކެވެ. އޭނާ އިނީ ބުރުގާ އަޅައި ނިވާވެ މުސްލިމެއްގެ ސިފައިގައެވެ.

ޖެހިގެން ހުރި މޭޒުގައި އިން ތަނަވަސް ފިރިހެނަކު އޭނާއާއި މުޢާމަލާތުކުރަން މަސައްކަތްކުރިއެވެ. ނަމަވެސް އޭނާ ޢިޖާބައެއް ނުދިނެވެ. އަނގައިންވެސް ނުބުންޏެވެ. ކުރި އެއްވެސް ސުވާލަކަށް ޖަވާބެއްވެސް ނުދިނެވެ. 

އެމީހާއަކަށް އެކަން ބަލައެއް ނުގަނެވުނެވެ. އޭނާ އެކަން ދުށީ އޭނާގެ ޤަދަރު ކުޑަކުރުން ކަމަށެވެ. އޭނާ ފަދަ ތަނަވަސް މީހަކަށް ކޮންމެ މީހަކާއިވެސް ވާހަކަދައްކަންޖެހޭނެ ކަމަށެވެ. އެހެންވެ ރުޅި ގަދަވެ އޭނާ ބޯން އިން -- ތަށިނަގައި އަންހެން މީހާގެ މޫނަށް ޖެއްސެވެ. 

އެކަން އަންހެން މިހާ ބަލައި ނުގަތުމުން ޖެހުނީ ފުލުހުން ގެނުވާށެވެ. ނަތީޖާއަކަށްވީ އަންހެނެއްގެ ޙުރުމަތް ކެނޑި މައްސަލަ ކޯޓަށް ހުށަހެޅުމެވެ. 

ޝަރީޢަތުގެ މަޖިލީހުގައި އަންހެން މީހާ ބުނީ ކީކޭކަން އެނގޭ ހެއްޔެވެ؟ 

"އެދުވަހު ކަލޭ ކަންތައް ކުރީ ރަނގަޅަކަށް ނޫނެވެ. ކަލޭ އެގޮތަށް ކަންތައް ކުރީ އަހުރެންގެ ހަމުގެ ކުލައަށާއި ގައިގެ ސިފައަށާއި އަދި ލައިގެން އިން ފޭރާމަށް ބަލައި ހިތުގައި އުފެދުނު ހަސަދަވެރިކަމުން ކަމަށްވެސް ވެދާނެއެވެ. އަދި އަހުރެންނަކީ ދެރަ ނިކަމެތި އިންސާނެއް ކަމަށް ބަލައި އަހުރެންގެ އަގު ވަޒަން ނުކުރެވުމުން ކަމަށްވެސް ވެދާނެއެވެ.

ނަމަވެސް އަހުރެންގެ ހިތުގައި ކަލެއާއިމެދު އެއްވެސް ޙަސަދަވެރިކަމެއް ބާއްވާކަށް ބޭނުމެއް ނޫނެވެ. އެކަމުން އަހުރެންނަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އަދި އެކަންވާނީ އަހުރެންނަށް އުފުލަންޖެހޭ ވަރަށް ބޮޑު ބުރައަކަށެވެ. އެހެންވެ މިތަނުގައި މިތިބަ އެންމެންގެ ކުރިމަތީގައި، ﷲ ތަޢާލާ މިކަމަށް ހެކިވެވޮޑިގެންދެއްވެވުން އެދޭ ޙާލު އަހުރެން ކަލެއަށް މާފުކޮށްފީމެވެ. ކަލޭ ކުރި ކުށަށް އަހުރެންނަށް ލިބެން އޮތް ފައިސާގެ ބަދަލެއްވެސް ބޭނުމެއް ނޫނެވެ. ކަލޭގެ ތަނަވަސްކަން ކިތަންމެ ބޮޑު ނަމަވެސް އަދި ކަލޭގެ ޢިއްޒަތާއި ދަރަޖަ ކިތަންމެ މަތިވެރިނަމަވެސް ކިތަންމެ ނިކަމެތި މީހަކާއިމެދުގައިވެސް އެދުވަހު ކަލޭކުރި ފަދަ ދަށުދަރަޖައިގެ ޢަމަލެއް ނުކުރާށެވެ!" 

އަންހެން މީހާގެ ވާހަކަ ނިންމައިލުމުން އެންމެން އަތްޖަހައި އަންހެން މީހާއަށް ތަޢްރީފްކުރިއެވެ. 

މިއީ ސޯޝަލް މީޑިއާއިން އަޅުގަނޑަށް ފެނިފައިވާ ވާހަކައެކެވެ. މިވާހަކައިގެ ތަފާތު ކްލިޕްތައް އުފައްދައި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ގެންދަނީ ދައުރުކުރުވަމުންނެވެ. 

އަޅުގަނޑަށް ވިސްނުނު ގޮތުގައި އަންހެން މީހާ ޢަމަލުކުރި ގޮތަށް ޢަމަލުކުރެވޭނަމަ އަމިއްލަ ދިރިއުޅުންވެސް އުފާވެރިކުރެވޭނެއެވެ. އަދި އިސްލާމް ދީނަވެސް ދާނީ ކުރިއަރަމުންނެވެ. 

ވިސްނާލުން ރަނގަޅެވެ. ބަދަލުގެ ގޮތުގައި ލިބެންއޮތް ޖުރުމަނާ ފައިސާވެސް ދޫކޮށްލައި އޭނާ އިކްތިޔާރުކުރީ ދީނުގައި ޢަމަލުކުރަން އޮތް މަގެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން