ކޮންމެ ކަމެއް ނަމަވެސް ޙާޞިލުކުރަން ހިތްވަރު ލިބޭނީ އެކަމުގެ މަޢުލޫމާތު ލިބިހުރިވަރަކުންނެވެ. ވީމާ ސުަވރުގެ ޙާޞިލުކުރަން ކުރާ މަސައްކަތަށްވެސް އެކަން އޮތީ ހަމައެގޮތަށެވެ. ސުވަރުގެ އާއިބެހޭ ގޮތުން ވީހާ ގިނަ މަޢުލޫމާތު ލިބެން އެބަޖެހެއެވެ. ވީމާ ދަސްކުރާށެވެ!
ސުވަރުގޭގެ ދޮރުކޮޅު ހުޅުވޭނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ވަޑައިގެން ދޮރުކޮޅުގައި ޓަކި ޖެއްސެވުމުންނެވެ. އެތެރެއިން ސުވާލުކުރެއްވެވި އެއީ ރަސޫލާ މުޙައްމަދު (ﷺ) ކަން ޔަޤީން ކުރެވުމުންނެވެ.
ރަސޫލާ މުޙައްމަދު (ﷺ) ސުވަރުގެ ވަދެވަޑައިގަތުމާއިއެކު އެކަލޭގެފާނުގެ ފަހަތްޕުޅުން ސުވަރުގެ ވަދެވަޑައިގަންނަވާނީ އަބޫބަކުރުގެފާނެވެ. އެންމެ ފުރަތަމަ ސުވަރުގެ ވަދެވަޑައިގަންނަވާނެ އަންހެން ބޭކަނބަލަކީ ރަސޫލް (ﷺ)ގެ ދަރިކަނބަލުން ފާޠިމަތުގެފާނެވެ. އެންމެ ފުރަތަމަ ސުވަރުގެ ވަދެވަޑައިގަންނަވާނެ ތުއްޕުޅު ބޭފުޅުންނަކީ ރަސޫލް (ﷺ)ގެ ކާފަ ދަރިކަލުން، ޙަސަންގެފާނާއި ޙުސައިންގެފާނެވެ. ޝަހީދުންގެ ތެރެއިން އެންމެ ފުރަތަމަ ސުވަރުގެ ވަދެވަޑައިގަންނަވާނީ ހަމްޒަތުގެފާނެވެ.
އެންމެ ފަހުގެ އުންމަތަކީ ރަސޫލް (ﷺ)ގެ އުންމަތެވެ. އެހެން ނަމަވެސް އެންމެ ފުރަތަމަ ސުވަރުގެ ވައްދާވާނީ ވެސް ރަސޫލް (ﷺ)ގެ އުންމަތުގެ މީހުންނެވެ. މިއީ ރަސޫލް (ﷺ)އަށް ﷲ ތަޢަލާ ދެއްވަވާފައިވާ އެންމެ މަތިވެރި އެއް ޝަރަފެވެ.
މިޝަރަފުގެ ފައިދާ އަހަރެމެންނަށް ކުރާނީ އަހަރެމެންނަކީ ސުވަރުގެ ވައްދަވާ މީހުންގެ ތެރޭގައި ހިމެނިގެންނެވެ. އެހެން ނޫން ނަމަ އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ވީމާ އެންމެންވެސް ގަދައަޅައި މަސައްކަތް ކުރަންވީ ސުވަރުގެ ވަނުމަށެވެ. އެއީ ބުރަ މަސައްކަތެއް ކަމަށް ނުދެކޭށެވެ! ތިމާއަށް ޙަޤީޤީ ފައިދާއެއް ކުރާނީ އެ މަސައްކަތުންކަން ޤަބޫލުކުރެވުމުން ހުރިހާ ކަމެއް ވަރަށް ލުއިވެގެންދާނެއެވެ. ވީމާ ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާއި ކޮށްލަން އެންމެ މުހިންމު ސުވާލަކީ ތިމާއަކީ ހަމަ ހަޤީޤަތުގައިވެސް ސުވަރުގެ ލިބުމަށް އެދޭ މީހެއްތޯއެވެ!
- ބިލާލް އައްސަދުގެ ދަރުސަކުން