ތިމާއަށް އެންމެ ފައިދާކުރާނެ ގޮތަކަށް ކަންކަން ރޭވުމަށްޓަކާ ވިސްނުން އެންމެ މުހިންމު ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 28ސ
ތިމާއަށް އެންމެ ފައިދާކުރާނެ ގޮތަކަށް ކަންކަން ރޭވުމަށްޓަކާ ވިސްނުން އެންމެ މުހިންމު ކަންތައް-

މިއަދު ކުރަން ނުވަތަ މާދަމާ ކުރަން ރާވައިގެން ހުންނަ ކަންކަން ތިމާ ރޭވިގޮތަށް ނުކުރެވެނީ ކީއްވެގެންކަމާއިމެދު ވިސްނައިލަމާ ހިނގާށެވެ! ހަމަޔަޤީނުންވެސް ކަންކަން ކާމިޔާބުކުރެވޭނީ ކަންކަން ރާވާ ފަދައިން އެކަންކަމަށް ޢަމަލުކުރުމުންނެވެ. ހަމައެކަނި ރޭވުމަކުން ކުރާނެ ފައިޑާއެއް ނެތެވެ. 

އެހެންވެ ފުރަތަމަވެސް މިބުނެލަނީ ދުނިޔަވީ ކުޑަކުޑަ މިޘާލެކެވެ. ވަރަށް ގިނައިން ކުރިމަތިވާ ޙާލަތެއްގެ ޥާހަކައެވެ. ތިބާގެ މަންމަ އޮތީ ވަރަށް ބަލިޙާލުގައެވެ. ޑޮކްޓަރަށް ދެއްކުމުން ހެއްދި ޓެސްޓްތަކުގެ ނަތީޖާ ލިބި މިއަދަކީ އެ ނަތީޖާ ޑޮކްޓަރަށް ދައްކަންޖެހޭ ދުވަހެވެ. އެކަންކުރަންޖެހޭ ވަޤުތުގައި ތިބާ އިނީ ރައްޓެހިންނާއިއެކު ކޮފީބޯށެވެ. އެހެންވެ ޑޮކްޓަރަށް ނުދެއްކުނީއެވެ.

އެކަމަކުވެސް ތިބާ މާދަން ކުރަން ބޭނުންވެގެން ހުރި ކަންކަން މާދަމާ ނުކުރެވިދާނެތީ އެބަ ކަންބޮޑުވެއެވެ. އެކަމުގެ ވާހަކަތައް އެބަދައްކައެވެ. އެކަންކަން ކޮންމެ ގޮތަކުންވެސް ނަމަވެސް ކުރަން ބޭނުންވާތީ ކުރިއާލައި އެބަ ކަންކަން ރާވައެވެ. 

ނިކަންބުނެބަލާށެވެ! މައިންބަފައިންގެ ކަންކަމަށް އިހްމާލްވާނަމަ މައިންބަފައިންނަށް އެހީތެރިވެ އެމީހުންގެ ކަންކަން ރަނގަޅަށް ބަލަހައްޓައި އެމީހުންނަށް ފުރިހަމައަށް ޚިދުމަތް ކުރަން އެންގެވި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ހެއްޔެވެ؟ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބި، ތިބާ ތިއަރާވާ ގޮތަށް ކަންކަން މާދަމާ ކުރެވޭނެ ހެއްޔެވެ؟ 

އަހަރެމެންގެތެރެއިން ގިނަ ބައަކު އަބަދުވެސް އުޅޭތަން މިފެންނަނީ މާދަމާ ކުރަންޖެހޭ ކަމެއް ނުކުރެވިދާނެ ކަމުގެ ބިރަށް މުޅި ގައިން ހީބިހި ނަގައިގެންނެވެ. އެކަމުގެ އޮތީ ކޮން ބޭނުމެއްހެއްޔެވެ؟ އެކަމުން ކުރާނީ ކޮން ޙަޤީޤީ ފައިދާއެއް ހެއްޔެވެ؟

ބަޤަރާ ސޫރަތުގެ އެންމެ ފަހު އާޔަތް ކިޔައިލާށެވެ. "ﷲ، އެއްވެސް ނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ ތަކްލީފެއް ނުޖައްސަވަމެވެ." މިފަދައިން ނެތް ހެއްޔެވެ؟ މިވަރުން ނުފުދެނީ ހެއްޔެވެ؟ މިއަދުވެސް މާދަމާވެސް އަނެއް ދުވަހުވެސް އަދި އެއްވެސް ދުވަހަކުވެސް އެމީހަކަށް ނުއުފުލޭވަރުގެ ތަކްލީފެއް ﷲ ތަޢާލާ ނުޖައްސަވާނެކަން މިހައި ޔަޤީންކަންބޮޑު ގޮތަކަށް އެނގެން އޮތްއިރު މާދަމާދަމާ މެދުވެރިވެދާނެ ކަންކަމަށް ބިރުގަތުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ 

"މިއަދުކުރަންޖެހޭ ކަންކަން ތެދުވެރިކަމާއެކު ކުރާ މީހާއަށް މާދަމާކުރަންޖެހޭ ކަންކަމަށް މާފަސޭހައިން ﷲ ތަޢާލާ މަގުފަހިކުރައްވަވައި ދެއްވަވާނެ!" އެވެ. އެކަން ދަނީ އެގޮތަށް މެދުވެރިވަމުންނެވެ. 

ކުޑަކުޑަ އިތުރު މިޘާލެއްވެސް ބުނެފާނަމެވެ. މިއަދު ޟުޙާ ނަމާދު ފަދަ ސުންނަތް ނަމާދުތައް ކުރަން އާދަވެފައި ތިބޭ މީހުން އެކަމުގައި ހިތްވަރުކޮށްލުމުން އެކަން އޮންނަނީ އެއްދުވަހަށްވުރެ އަނެއްދުވަހު ލުއި ފަސޭހަކަމަކަށްވެފައެވެ. 

މާދަމާ ކަމެއް ނުކުރެވިދާނެ ކަމަށް މިއަދު ނުވިސްނާށެވެ. ވިސްނަންވީ މިއަދުކުރަންޖެހޭ އެއްވެސް ކަމެއް ނުކުރެވިއޮވެ ދުވަސް ނިމިގެން ހިނގައިދާނެތީއެވެ. އެހެންވެ މިއަދު ކުރަން ޖެހޭ ކަންކަން ވީ އެންމެ ފުރިހަމައަށް ކުރާށެވެ! މާދަމާގެ ކަންކަމަށް ވިސްނާނީ މާދަމާއެވެ. މާދަމާ އެއްވެސް ކަމެއް ނުކުރެވިދާނެ ކަމަށް ވިސްނައި މިއަދު ކަންބޮޑުވުމެއް ނެތެވެ. 

މާދަމާ ކުރަން ޖެހޭނެކަމަށް ޤަބޫލުކުރެވޭ ކަންކަން މިއަދު ރާވައިލުމަކީ މުޅިން ތަފާތު ކަމެކެވެ. އެއީ އެކަމެއް ކުރަން ތައްޔާރުވުމުގެ ގޮތުން ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ނަމަވެސް އެއިގެ މާނައަކީ އެކަމެއް ނުކުރެވިދާނެކަމަށްޓަކައި ކަންބޮޑުވުމެއް ނޫނެވެ. ކަންބޮޑުވާން ޖެހޭނީ މިއަދު ކޮންމެހެން ކުރަންޖެހޭ ކަންކަން ނުކުރެވިދާނެ ކަމާއިމެދުގައެވެ. 

މިއަދު ކުރަން ޖެހޭ ކަންކަން އިޚްލާޞްތެރިކަމާއިއެކު މިއަދު ކުރާ މީހާއަށް މާދަމާ ކުރަން ޖެހޭ ކަންކަން ކުރެވޭނެ މަގު ﷲ ތަޢާލާ ދައްކަވައިދެއްވަވާނެތެވެ. ބޭނުންވަނީ އިޚްލާޞްތެރިކަމާއި ހިތްވަރާއި ޢަޒުމެވެ. މާދަމާ ކުރަންޖެހޭނެ ކަމަށް ޤަބޫލުކޮށްގެން ހުންނަ ވަރަށް އުނދަގޫ ކަމެއް ލުއިކޮށްދެއްވަވާނީ ވެސް ހަމަ ﷲ ތަޢާލާއެވެ. ވީމާ ހުރިހާ ކަމަކަށްވެސް ގުޅުން ބަދަހިކުރަންވީ ﷲ ތާޢާލާ އާއިއެވެ. 

މި ދެއްކި ވާހަކައިގައި އަޅުކަން ކުރުން ވެސް ހިމެނެއެވެ. ކަން ބޮޑުވާންވީ މިއަދު ކުރަންޖެހޭ އަޅުކަންތައްތައް ނުކުރެވިދާނެތީއެވެ. މިއަދު ކުރަންޖެހޭ އަޅުކަންތައްތައް ކުރާ މީހާއަށް މާދަމާ ކަންކަން ކުރެވޭނެ މަގު ﷲ ތަޢާލާ ދައްކަވައި ދެއްވަވާނެތެވެ. ކުރަންވީ ހަމައެކަނި ކަމަކީ އެކަމަށް މަސައްކަތް ކުރުމާއިއެކު ދުޢާ ކުރުމެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން