ރާއްޖޭގައި ރަނގަޅު ފެންވަރުގެ ތަޢުލީމު ފޯރުކޮށްދެވޭނީ ފަންނިއްޔާތުގެ ޒަރިއްޔާއިން: ރައީސް މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ރާއްޖޭގައި ރަނގަޅު ފެންވަރުގެ ތަޢުލީމު ފޯރުކޮށްދެވޭނީ ފަންނިއްޔާތުގެ ޒަރިއްޔާއިން: ރައީސް މުޢިއްޒު

ރާއްޖެ އުފެދިފައިވާ ގޮތުން ރަނގަޅު ފެންވަރެއްގެ ތަޢުލީމެއް ފޯރުކޮށްދެވޭނީ ފަންނިއްޔާތުގެ ޒަރިއްޔާއިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ތަޢުލީމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުޢިއްޒުގެ ޕޯސްޓުގައި ވިދާޅުވި ގޮތުގައި، އޭއައި، ވާޗުއަލް ރިއަލިޓީ އަދި އީ-ލާނިންގ ބޭނުންކޮށްގެން ވަށާޖެހޭ ތަޢުލީމީ ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދެއެވެ. މީގެ އިތުރުން، ތަޢުލީމީ އަދި ސިއްޙީ ދާއިރާ ޑިޖިޓަލައިޒްކުރުމަށް ރޭވިފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ޓެކްނޮލޮޖީގެ ދާއިރާ ކުރިއެރުވުމަށްޓަކައި އެސްޓޯނިއާއާއެކު އެއްބަސްވުމެއްގައި ރާއްޖެއިން ސޮއިކޮށްފައިވާއިރު މިއީ ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ ތަޢުލީމުގެ ދުވަހުގެ ޝިޢާރަކީ "ޓެކްނޮލޮޖީގެ ޒަމާނުގައި އިންސާނިއްޔަތުކަން ދެމެހެއްޓުން" އެވެ. މި ޝިޢާރާ ގުޅިގެން ރައީސް މުޢިއްޒު ވިދާޅުވީ، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު އިންސާނީ ވަންތަކަން ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ތަޢުލީމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މި ދުވަހަކީ ތަޢުލީމުގެ މުހިންމުކަން ފާހަގަކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމު ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރާ ދުވަހެކެވެ.

މިއަދު އޮންލައިން