ކޮންމެ ދެމަފިރިއަކުވެސް އުލެނީ ބޭނުންވާ އެތައް ކަމެއް ޙާޞިލުނުކުރެވިގެންނެވެ. އެހެންކަމުން ބުނެދޭން މަސައްކަތްމިކުރަނީ ބޭނުންވެގެން ތިއައުޅޭ ހުރިހާ ކަމެއް ހަމަ އެއްފަހަރާ ޙާޞިލުކުރެވެން އޮތް މަގެވެ. އިން ޝާ ﷲ. ޙަދީޘްފުޅުން ޔަޤީންކުރެވެން އޮތް މަގެއްވެސްމެއެވެ.
މިއަދަކީވެސް ހުކުރު ދުވަހަކަށްވުމުން ވީހައިގިނައިން ދުޢާކުރަމުން ގެންދާށެވެ! ހުކުރު ދުވަހުގެ އެންމެ ޚާޢްޞަ އެއްކަމަކީ ދުޢާ ޢިޖާބަކުރައްވަވާ ވަގުތުކޮޅެއް ހިމެނިގެންވާކަމެވެ. އެވަގުތުކޮޅުގައި ދުޢާކުރެވިއްޖެނަމަ ވަގުތުން އެދުޢާ ﷲ ތަޢާލާ ޢިޖާބަކުރައްވަވާނެތެވެ. މިއީ ކޮންފަދަ އަގުހުރި ފުރުޞަތެއް ހެއްޔެވެ؟ ނަމަވެސް ޙާޞިލުކުރެވޭނީ އެކަމަށް މަސައްކަތްކޮށްގެންނެވެ. ވީހައި ގިނައިން ދުޢާކޮށްގެންނެވެ.
މިއަދަކީ ދެމަފިރިން އެކުގައި ދުޢާކުރާ ދުޢާކުރާ ދުވަހަކަށް ހަދާށެވެ! އަބަދުވެސް އެކަކު ދުޢާކުރުމުގައި ހުންނާށެވެ! އެދޭ ހުރިހާކަމެއް ހިމަނައިގެން ދުޢާކުރަމުން ގެންދާށެވެ! އެއިރުން ކޮންމެވެސް އެކަކަށް އެވަގުތުކޮޅުގެ ތެރޭގައި ދުޢާކުރެވޭނެއެވެ. އެދޭ ހުރިހާ ކަމެއް ޙާޞިލުކުރެވޭނެއެވެ! އިން ޝާ ﷲ
މަސައްކަތަކީ ބުރަ މަސައްކަތެކެވެ. ނަމަވެސް ކާމިޔާބީގެ ފޮނިމީރުކަން ހަމައެހައިބޮޑެވެ. އުފާވެރިކަން ލިބުންވަނީ ބުރަ މަސައްކަތުންނެވެ. އެއީ ކަންނެތް މީހުންނަސް ޙާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ދުޢާކުރުމާއިބެހޭ ގޮތުން މުފްތީ މެންކް ވިދާޅުވެފައިވެއެވެ.
"ތިމަންނަ މިވެނި ކަމަކަށް އެދި މިހައި ގިނަފަހަރު، މިހައި ގިނަ ދުވަހު ދުޢާކޮށްފީމޭ، އިޖާބައެއް ނުކުރެއްވެވިއޭ، ﷲ ތަޢާލާ އެވަނީ އަހަރެން ދޫކޮށްލައްވަވައިފައޭ" މިބާވަތުގެ ވަސްވާސްތައް ހިތަށް ވައްދުވަނީ ސީދާ އިބިލީހެވެ. އެ ވަސްވާސްތައް ޤަބޫލުކުރެވޭ ހިސާބުން އެމީހާގެ އީމާންކަމުން އެވަނީ ވަރަށް ބޮޑުބައެއް އުނިވެގެން ގޮސްފައެވެ. ޝައިޠާނާގެ ކޮޅު އެވަނީ ގަދަކޮށްފައެވެ.
ވީމާ ތިމާ ކުރާދުޢާ ﷲ ތަޢާލާ އިޖާބަ ނުކުރެއްވެވި ކަމަށް އެއްވެސް މީހަކު ޤަބޫލުކޮށްފިނަމަ އެމީހާގެ އީމާންކަމުން ބޮޑު ބައެއް އެވަނީ އުނިވެފައެވެ. އަދި އެމީހާ އެވަނީ ޝައިޠާނާގެ މަޅީގައި ޖެހިފައެވެ.
މިކން ވަރަށް ގިނަ ދަރުސްތަކުގައި ހަނދާންކޮށްދެމެވެ. ތަފާތު އިބާރާތުން ކިޔައިދެމެވެ. އެކަން ކުރަންޖެހެނީ ވަރަށް ހެޔޮ ލަފާ މީހުންވެސް ޝައިޠާނާގެ މިމަޅީގައި ޖެހޭލެއް ގިނަކަމުންނެވެ. އެއީ ޝައިޠާނާގެ މަޅިއެއްކަން ނުއެނގި ތިބެ އެ މަޅީގައި ޖެހެވޭ މީހުންގެ ނިސްބަތް އިތުރުވާތީއެވެ.
އަބަދުވެސް ޤަބޫލުކުރަން ޖެހޭނީ ތިމާ ކުރި ދުޢާ އިޖާބަ ކުރައްވާފައިވާ ކަމަށެވެ. އެކަމުގެ އެންމެ ރަނގަޅު ވަގުތު ޖެހުމުން ހިންމަވައި ދެއްވަވާނެ ކަމަށެވެ. އަދި ލަސްވާނަމަ ލަސްވާ ވަރަކަށް ދުޢާކުރުން ގިނަކުރާށެވެ. އިސްތިޣްފާރުކުރުން ގިނަކުރާށެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ. މުސްލިމަކު އިޚްލާޞްތެރިކަމާއިއެކު ކުރާ އެއްވެސް ދުޢާއެއް ﷲ ތަޢާލާ އިޖާބަ ނުކުރައްވަވައި ދޫކޮށެއް ނުލައްވަވާނެތެވެ.