އަނެކާގެ ބައިވެރިޔާ މާރަނގަޅުވީމާ، މާރީތިވީމާ، މާތަނަވަސްވީމާ ޙަސަދަވެރިވުމަކީ ޙަސަދަވެރިވާ މީހާ ފުނޑުފުނޑުކޮށްލައްވަވައިފާނެ ބިރުބޮޑު ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
އަނެކާގެ ބައިވެރިޔާ މާރަނގަޅުވީމާ، މާރީތިވީމާ، މާތަނަވަސްވީމާ ޙަސަދަވެރިވުމަކީ ޙަސަދަވެރިވާ މީހާ ފުނޑުފުނޑުކޮށްލައްވަވައިފާނެ ބިރުބޮޑު ކަމެއް!: މުފްތީ މެންކް

އެހެންމީހުންނަށް ދެއްވަވާ ނިޢުމަތްތަކަށް ޙަސަދަވެރިނުވާން އިލްތިމާސްކުރުމަކީ އެންމެ ގިނައިން ކުރެވޭ އެއްކަންތަކެވެ. ނަމަވެސް އަޑުއިވެނީ މަދު ބައަކަށެވެ. އެހެންވެ އެންމެ ގިނަ ބައެއްގެ ޝަކުވާ އާއި ކަންބޮޑުވުން ގުޅިފައި އޮންނަނީ އެހެން މީހުން އެމީހުންގެ ދިރިއުޅުމަށް ޙަސަދަލުމާއިއެވެ. 

މިރޭވެސް މިވާހަކަ ދައްކަން އެބަޖެހެއެވެ. ކޮންމެވެސް ބައަކު ވިސްނައި ފިކުރުކުރާނެ ކަމުގެ އުންމީދުގައެވެ. ރަނގަޅަށް އަޑުއަހާށެވެ! 

އެއްވެސް މީހަކަށް ބައިވެރިއަކު ލިބެނީ އޭނާގެ މޮޅުކަމަކުން ނޫނެވެ. މިޘާލަކަށް މީހަކު ރީތީއެވެ. އެއީ އޭނާގެ މޮޅުކަމަކުން ނޫނެވެ. އޭނާއަށް ސިފަ ދެއްވަވަނީ ﷲ ތަޢާލާއެވެ. މީހެއްގެ ތަނަވަސްކަން ހުރީއެވެ. އޭނާއަށް ތަނަވަސްކަން ލިބެނީވެސް އޭނާގެ މޮޅުކަމަކުން ނޫނެވެ. ﷲ ތަޢާލާ ދެއްވެވުމުންނެވެ. ވީމާ އެއިން ކަމަކާއި ގުޅިގެން އޭނާއަށް ލިބޭ ކޮންމެ ކޮންމެ ނިޢުމަތެއްވެސް އޭނާއަށް އެލިބެނީ ހަމަ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ﷲ ތަޢާލާ ދެއްވެވުމުންނެވެ.  

މީގެ އިތުރުން ސިފަ ރީތި ނޫނަސް، ތަނަވަސްކަން ނެތަސް ރަނގަޅު ހެޔޮލަފާ ތަނަވަސް ބައިވެރިން ލިބެއެވެ. އެމީހުންނަށް އެފަދަ ބައިވެރިއަކު އެލިބެނީވެސް ހަމަ ﷲ ތަޢާލާ ދެއްވެވުމުންނެވެ.  

ވީމާ ކޮންމެ މީހަކަށް ނަމަވެސް ބައިވެރިއަކު ނުވަތަ ގިނަ ބައިވެރިންވެސް ލިބެނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ. ވީމާ ތިމާގެ ބައިވެރިޔާއަށްވުރެ ރަނގަޅު، ރީތި، ތަނަވަސް ބައިވެރިއަކު އަނެކާއަށް ލިބިގެން، ނުވަތަ ތިމާއަށް ބައިވެރިއަކު ނުލިބި އަނެކާއަށް ބައިވެރިއަކު ލިބުމުން ޙަސަދަނުވާށެވެ! 

އެއިރުން އެކަންވާގޮތް އެނގޭހެއްޔެވެ؟ ޙަސަދަވެރި އެވެވެނީ އެބައިވެރިޔާ އޭނާއަށް ދެއްވެވި ﷲ ތަޢާލާއަށެވެ. ސަބަބު ކުރިން މި ބަޔާންކުރީއެވެ. ދެން ނިކަން ވިސްނައިލަބަލާށެވެ! ﷲ ތަޢާލާއަށް ޙަސަދަވެރިވެއްޖެ ނަމަ އެމީހަކަށް އެކުރެވެނީ ކޮންފަދަ ބޮޑު ފާފައެއް ކަމާއިމެދުގައެވެ. އެއިރުން އެމީހަކު ފުނޑުފުނޑު ކޮށްލައްވަވަން ﷲ ތަޢާލާ ކުޅަދުންވަންތައެވެ. މާނައަކީ އެމީހަކަށް ހިތްދަތި، ދަތި އުނދަގޫ ދިރިއުޅުމެއް ކުރިމަތިކުރައްވަވައިފާނެ ކަމެވެ.   

ޖުމުލަކޮށްލާފައި ބުނާނަމަ ބުނަންއޮތީ އެއްވެސް މީހަކަށް ﷲ ތަޢާލާ މިންވަރުކުރައްވަވާ އެއްވެސް ނިޢުމަތަކަށް ޙަސަދަވެރިނުވާށެވެ! އެމީހަކަށް އޮތީ ހަމަ އެއް ޙުކުމެކެވެ. ބިރުވެރިކަމުން ފުރިގެންވާ ނިމުމެކެވެ.

 

- މަޢުލުމާތު: މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން