ކުޑަކުދިންނާއިމެދު ﷲ ތަޢާލާގެ އޯގާތެރިވަންތަކަން ބޮޑުކަން ނިކަން ހިތަށް ގެނެސްބަލާށެވެ! އެކުދިންނަށް ކޮންމެ ގޮތަކަށް އުޅެވިފައިވީނަމަވެސް ބާލިޣްވުމާއި ހަމައަށް އެއްވެސް ކުށެއް ނެތެވެ. މަރުވެއްޖެނަމަ ސުވަރުގެ ވައްދަވާނެތެވެ.
މިކަމުންވެސް އެނގިގެންދަނީ ކުދިންނަށް ހެޔޮކޮށް ހިތައި ރަޙުމްކުރަންޖެހޭނެ މިންވަރެވެ. އެއްވެސް ވަރަކަށް އަނިޔާވެރިވެގެން ނުވާނެ ކަމެވެ. އަދި ބާލިޣްވި ނަމަވެސް މައިންބަފައިންގެ ބެލެނިވެރިކަމުގެ ދަށުގައި ތިބިނަމަ އަޅާލައި ހެޔޮކޮށް ހިތަންޖެހޭނެ މިންވަރެވެ.
ވިސްނައިލާށެވެ! ފިރިމީހާ އަނިޔާވެރިވާނަމަ އަނބިމީހާއަށް ވަރިވެގެން ދެވިދާނެއެވެ. ފިރިމީހާ ބޭނުންވާނަމަ ވަރިކޮށްލާފައިވެސް ދެވިދާނެއެވެ. ނަމަވެސް ލިބިފައި ތިބި ދަރިންނަށް މައިންބަފައިން އަނިޔާވެރިވާނަމަ އެކުދިންނަށް ނުކުމެގެން ދެވޭނީ ކޮންތަނަކަށް ހެއްޔެވެ؟
އެކުދިންނަށް ޖެހޭނީ އަނިޔާ ލިބިލިބި ތިބެން ނޫންހެއްޔެވެ؟ އެފަދަ ދަރިއަކު މަރުމަތީގައި "ﷲ ގެ ޙަޟްރަތުގަ ހުރިހާ ވާހަކަތަކެއް ދަންނަވާނަން!" ކަމަށްބުނެފިނަމަ ތިބާގެ ހިތަށް އަސަރުކުރާނެ ހެއްޔެވެ؟
ކުޑަކުދިންނަށް އަނިޔާވެރި ގޮތުގައި ކަންކަންކޮށް، ހިތުގައި ޖައްސަމުންގެންދާ މީހުން ބިރުވެތިވާށެވެ! އެކުދިންނަށް ކުރެވޭނެ ކަމެއް ނެތުމުން ކެތްތެރިވެގެން ތިބި ނަމަވެސް އެކުދިންނަށް ބާރުލިބިގެންދާނެ ދުވަސް އޮތީ ކުރިއަށެވެ. އެކުއްޖާ ނުދެންނެވި ނަމަވެސް ހުރިހާ ކަމެއް ދެކެދެނެވޮޑިގެންވާ ﷲ ތަޢާލާގެ ޙަޟްރަތުގައި އަނިޔާވެރިވި މީހާގެ ޙާޟިރުގައި އެކުޑަ ކުއްޖާ ޤިޔާމަތް ދުވަހު ހުރިހާ ވާހަކަތަކެއް ބަޔާންކުރާނެއެވެ! ބަޔާން ނުކުރިނަމަވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެކަމަށް ޙައްޤު ޖަޒާ އަނޔާވެރިވި މީހާއަށް ﷲ ތަޢާލާ ދެއްވަވާނެތެވެ!
އަނިޔާވެރިޔާ އެދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުންނަން ޖެހޭނީ ނިކަމެތިކަމުން ކަސްތޮޅު އެޅިގެންނެވެ. މިއަދު ގޮތެއް ނެތުމުން ކަމެއް ނުކުރެވުނު ކުޑަކުއްޖާ އެދުވަހު އެމީހާގެ ކުރިމަތީގައި ހުންނާނީ ހުރިހާ ބާރުތަކެއް ލިބިގެންނެވެ.
އަމިއްލަ ދަރިންނަށްވެސް އެހެން މީހެއްގެ ދަރިންނަށްވެސް އެއްވެސް ކުޑަކުއްޖަކަށް އަނިޔާވެރިނުވާށެވެ! އެކުދިންގެ މަޢްޞޫމްކަމުގެ ނާޖާއިޒު ފައިދާ ނުނަގާށެވެ! ކުޑަކުދިންނަށް އޯގާތެރިވާށެވެ! ހެޔޮކޮށްހިތާށެވެ! އެހީތެރިވާށެވެ! ހިމާޔަތްދީ ރައްކައުތެރިކަން ފޯރުކޮށްދޭށެވެ.
އެއީ ﷲ ތަޢާލާގެ މަތިވެރި އަމުރުފުޅެކެވެ. ރަސޫލް (ﷺ) ވަރަށް ބޮޑަށް ބާރުއަޅުއްވަވާފައިވާ ކަމެކެވެ. އެކަން ކުރުމުން ގިނަގުނަ ޘަވާބާއި ދަރުމަ ދެއްވަވާނެ ކަމެކެވެ. ޔަޠީމް ކުއްޖަކަށް އެހީތެރިވެ އޭނާއަށް ހެޔޮކޮށްހިތައި އޭނާ ބެލެހެއްޓުމަކީ ރަސޫލް (ﷺ) އަރިއަހުގައި ސުވަރުގޭގައި ލައްވަވާނެ ޢަމަލެކެވެ.
عَنْ سَهْلِ بَْنِ سَعْدٍ رضي الله عنه قَالَ : قَالَ رَسُولَ اَللَّهِ صلى الله عليه وسلم : أَنَا وَكَافِلُ الْيَتِيمِ فِى الْجَنَّةِ هكَذَ، وَأَشَارَ بِالسَّبَّابَةِ وَالْوُسطَى وَفَرَّجَ بَيْنَهُمَا شَيْئاً
From Sahl bin Sa’ad (may Allah be pleased with him), he said: “The Messenger of Allah sallallaahu ‘alaihi wa sallam said: “I and the one who looks after an orphan will be like this in Paradise,” showing his middle and index fingers and separating them.” [Sahih al-Bukhari].
ވީމާ ކުދިން ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނީ ތިބާގެ ހެޔޮކަމުގެ ވާހަކަ ކަމުގައި ހަދަން ގަދައަޅައި މަސައްކަތްކުރާށެވެ! ޚާއްޞަކޮށް ޔަތީމްކުދިންނަށް ހެޔޮކޮށް ހިތާށެވެ. އެއީ ސުވަރުގޭގައި ރަސޫލް ﷺ އާއި އެންމެ އަރިއަހުގައިވުމުގެ ފުރުޞަތުވެސް ލިބެން އޮތް ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން