ކާފިރުން ކުރާ ދުޢާވެސް ﷲ ތަޢާލާ އިރާދަކުރައްވަވައިފިނަމަ ޢިޖާބަކުރައްވަވައެވެ. ނަމަވެސް މުސްލިމުން ދުޢާކުރަން އޮތީ ޢިޖާބަކުރައްވަވާނެ މަގުންނެވެ. އެމަގު ޤުރްއާނުން އެނގެން އެބައޮތެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލއްވާށެވެ! އެނގިލއްވާނެއެވެ. އިން ޝާ ﷲ
ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް އަހަރެމެން ދުޢާކުރަމުއެވެ. އަހަރެމެންނަށް އެންމެ ގިނައިން ކުރެވޭ އެއްކަމަކީ ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވެގެން ޝަކުވާކުރުމެވެ. އެޝަކުވާތައް ކުރުމުގެ ކުރިން ތިމާއަށް ދުޢާކުރެވޭ ގޮތާއި ތިމާގެ ޢަމަލުތައް ބެހެއްޓޭ ގޮތާއިމެދު ވިސްނައިލުން ކިތަންމެހައިވެސް މުހިންމެވެ.
މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައި އޮތްކަމަކަށްވުމުން މިވާހަކަތައް މިކިޔައިދެނީ ކީރިތި ޤުރްއާނުން އެނގެން އޮތްގޮތަށެވެ. މިއަށްވުރެ މުހިންމު ނުވަތަ ރަނގަޅު ދަލީލެއް ފެންނާނެ އެހެން އެއްވެސް މަގެއް އޮންނާނެކަމަށް ޤަބޫލެއް ނުކުރެވެއެވެ.
އެހެންކަމުން މިކިޔައިދެނީ އިބްރާހީމްގެފާނު ދުޢާކުރެއްވެވި ގޮތުގެ ވާހަކައެވެ. ފުރަތަމަ ކަމަކަށް އަމިއްލަފުޅު ހިތްޕުޅަށް ކިތަންމެ ބޮޑު ހިތާމައެއް ލިބިވަޑައިގެންނެވި ނަމަވެސް އެއީ އެއްވެސް ކަމަކަށް ނުހައްދަވައި ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާކުރެއްވެވީއެވެ.
ޢުމުރުފުޅުން އެހައި ގިނަދުވަސްވެ މުސްކުޅިފުޅުވެފައިވަނިކޮށް ލިބިވަޑައިގެންނެވި ދަރިކަލުން އިސްމާޢީލްގެފާނާއި ނުހަނު ލޯބިފުޅުވާ އަނބިކަނބަލުން އެއްވެސް ގަހެއް ރުކެއް ނެތް އެހައިމެ ހޫނުގަދަ ހަނަފަސްބިމަކަށް ދޫކޮށްލެއްވެވީއެވެ. އިބްރާހީމްގެފާނަކީވެސް ހަމަ އިންސާނެކެވެ. ހިތްޕުޅަށް ކުރާނެ އަސަރު ނިކަން ހިަށް ގެނެސް ބަލާށެވެ! ނަމަވެސް އެއީ އެއްވެސް ބޮޑުކަމަކަށް ނުހައްދަވައި ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާކުރެއްވެވީއެވެ.
އެނބުރިވަޑައިގަންނަވަމުން ފުރަތަމަ ދުޢާކުރެއްވެވީ އަނބިކަނބަލުންނަށާއި ދަރިކަލުންގެ ރައްކައުތެރިކަމަށާއި ރިޒުޤަށް އެދިވަޑައިގެނެއް ނޫނެވެ. ނަމާދު ޤާއމުކުރާ އަޅަކު ކަމުގައި ލައްވަވައިދެއްވެވުން އެދިވަޑައިގެނެވެ. އަދި ﷲ ތަޢާލާއަށް ބިރުވެތިވާ، ނަމާދު ޤާއިމުކުރާ ދަރިފަސްކޮޅަކަށް އެދިވަޑައިގެނެވެ. ޤިޔާމަތް ދުވަހު އެކަލޭގެފާނަށާއި މައންބަފައިންނަށާއި އެންމެހައި މުއުމިނުންނަށް ފާފަފުއްސަވައިދެއްވެވުން އެދިވަޑައިގެނެވެ.
އަނބިކަނބަލުންނަށާއި ދަރިކަލުންނަށް ހެޔޮ ރަޙްމަތް މިންވަރުކުރައްވަވައި ދެއްވެވުމަށާއި އެބިމަކީ ރިޒުޤް ތަނަވަސްވެގެންވާ ބިމެއްކަމުގައި ލައްވަވައި ދެއްވެވުން އެދިވަޑައިގެން ދުޢާކުރެއްވެވީ އެއިގެފަހުންނެވެ.
އަދި ކީއްހެއްޔެވެ؟ ދުޢާކުރެއްވެވީ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމާއި ﷲ ތައާލާ އެކަލޭގެފާނުގެ ދުޢާ ޢިޖާބަކުރައްވަވާނެ ކަމުގެ ޔަޤީންކަމާއިއެކުގައެވެ.
ދުޢާކުރެއްވެވުމުގައި ނަމާދު ޤާއިމުކުރުން ކުރިއަށް ނެރުއްވެވީ ކީއްވެގެން ހެއްޔެވެ؟ އެއީ ނަމާދު ޤާއިމުކުރާނަމަ ރިޒްޤް ދެއްވަވާނެތީއެވެ. ރިޒުޤް ލިބޭނެ މަގުތައް ފަހިކުރައްވަވައި ދެއްވަވާނެތީއެވެ. އަދި ކީއްހެޔެވެ؟ ރަސޫލް (ﷺ) އަށް ﷲ ތަޢާލާ ވަޙީކުރެއްވެވީވެސް ހަމަ މިފަދައިންނެވެ. ޤުރްއާނުގައި ވަޙީކުރައްވަވާފައިވަނީ ކެތްތެރިކަމާއިއެކު ނަމާދު ޤާއިމުކުރުމުން ވާގިއެދުމަށެވެ.
ނަމަވެސް މިއަދު މީސްތަކުން މިވަނީ މިމަތިވެރި އަމުރުފުޅު އެކޮޅުކޮޅުން ޖަހައިފައެވެ. ކަންކަމަށް އެދި ދުޢާކުރަމުން ގެންދަނީ ނަމާދު ޤާއިމުކުރަން އެންގެވި ގޮތުގައި އެކަންނުކޮށް ތިބެގެންނެވެ. ދުޢާކުރުން މިވަނީ ފުރަތަމަ ކަންތަކަށް ހަދައިފައެވެ. ނަމަވެސް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ފުރަތަމަ ނަމާދު ޤާއިމުކުރުމަށެވެ.
ކަންކަން ރަނގަޅު ގޮތުގައި ވިސްނާ މީހާ ނަމާދުކުރުން މާނަކުރަންޖެހޭނީ ފަރުޟު ނަމާދުކުރުން އެކަންޏެއް ނޫނެވެ. ސުންނަތް ނަމާދުތަކާއިވެސް އެކުގައެވެ. އަދި ކުރަންޖެހޭ އެހެނިހެން ހެޔޮޢަމަލުތަކާއިވެސް އެކުގައެވެ. ﷲ ތަޢާލާ އާއި ކުއްތަންވެވެން އޮތްމަގަކީ އެއީ ކަމުގައިވާތީއެވެ. ސަޖިދަކުރުން ގިނަކުރުމުން ކަމުގައިވާތީއެވެ!
ދުނިޔެއިން ބޭނުންވާ ކަންކަން ޙާޞިލުކުރުމަކީ އެންމެ މުހިންމު ކަންތައްކަމުގައި ބަލައި ނަމާދު ވަގުތުގެ ކުރީކޮޅުގައި ޖަމާއަތުގައި ނުކޮށް، ދުވަހުގެ ހުރިހާ ނަމާދުތައް ފުންޏަކަށް ކުރަމުން އެދޭ ކަންކަން ޙާޞިލުކުރަން ދުޢާކުރަމުން އަދި ދުޢާ ޢިޖާބް ކުރެއްވެވުން ލަސްވާތީ ޝަކުވާކުރެވެން އޮތީ ކޮން ގޮތަކުން ހެއްޔެވެ؟ ނިކަންބުނެބަލާށެވެ!
ވީމާ ތިމާއަށް ޢަމަލުކުރެވޭ ގޮތާއި ދެއްކޭ ވާހަކަތަކާއި ކުރެވޭ ޝަކުވާތަކުގެ ޙަޤީޤީ މާނަ އޮތީ ކޮންތަނެއްގައިކަން ދެނެގަންނަން މަސައްކަތްކުރަން މިވަނީ ވަރަށް ބޮޑަށް ޖެހިފައެވެ. އެއިރުން ދުޢާ ޢިޖާބަކުރެއްވެވުން އޮތް ހުރަސްތައް އެނގި ނައްތައިލަން މަސައްކަތްކުރެވޭނެއެވެ!
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން