ކައިވެނީގެ ކުރިން ބަލަން ދީނުގައި ހުރި ކަންކަމަށް ނުބަލައި ލޯބިވުމަށް އިސްކަންދީގެން ކައިވެނިކުރާފަހުން ހިތްދަތިކަން ލިބޭނަމަ އެއީ ތަޤްދީރުކަމަށް ނުވަތަ ތިމާއާއިމެދު މިންވަރުފުޅުގައިވާ ގޮތްކަމަށް ބުނެވޭނެ ހެއްޔެވެ؟
މިފަދަ ސުވާލުތަކަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ
ގައިގައި އަލިފާން ޖެއްސީ އަމިއްލައަށެވެ. ފިހުމުން މިއީ މިންވަރުފުޅުކަމަށް ބުނެވޭނެ އެއްވެސް ގޮތެއް އޮންނާނެ ހެއްޔެވެ؟ ހަމަ އެފަދައިންފުރިހަމަކުރަން ޙަދީޘްފުޅުގައި އޮތް މަރުޙަލާތައް ފުރިހަމަނުކޮށް ކައިވެނިކުރުމުން ތިމާގެ ދިރިއުޅުމަކީ ބޮޑު ޠޫފާނަކަށްވުމުން މިއީ މިންވަރުކުރެއްވެވި ގޮތްކަމަށް ބުނެވޭނީވެސް ކިހިނަކުންހެއްޔެވެ؟ މިންވަރު ކުރެއްވެވި ގޮތް ކަމަށް ބުނެވޭނީ ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކުރުމަށްފަހުގައި ނޫންހެއްޔެވެ؟
ދީންވެރިކަމެއް ނެތް، އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ މީހުންނާއި ބައެއް މީހުން ކައިވެނިކުރަނީ ކައިވެނިކކުރުމަށްފަހު އޭނާ އިޞްލާޙްކުރެވޭނެކަމުގެ ނުވަތަ އިޞްލާޙްވާނެ ކަމުގެ އުންމީދުގައެވެ. އަދި ކައިވެންޏަށްފަހު އިޞްލާޙްވާނެ ކަމަށް އޭނާ ބުނާ ބުނުމަށް އިތުބާރުވެސްކޮށްގެންނެވެ.
އެހެންކަމުން ބަލައިލަންވީ އިސްލާމް ދީނުގައި މިކަން އޮތްގޮތެވެ! ދީނުގައި އޮތީ ކައިވެންޏަށްފަހު އަނބިމީހާ/ ފިރިމީހާ އިޞްލާޙްވާނެކަމަށް ބަލައިގެން ކައިވެނިކުރާކަށް ނޫނެވެ. ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ދީންވެރި، ތަޤްވާވެރި އަޚްލާޤް ރަނގަޅު މީހުންނާއި ކައިވެނިކުރުމަށެވެ. ވީމާ މިކަންކަން ރަނގަޅުކޮށް އިޞްލާޙްކުރާންކަމަށް ނުވަތަ އިޞްލާޙްކުރެވޭނެ ކަމަށް ބަލައިގެން ކައިވެނިކުރުމެއް ނެތެވެ.
އެފަދަ މީހަކާއި ކައިވެނިކުރަން ބޭނުންވެއްޖެނަމަ ފުރަތަމަ ކަމަކަށް އިޞްލާޙްވާން ފުރުޞަތުދޭށެވެ. އިޞްލާޙްވެގެން އެނބުރި އަންނަން ބުނާށެވެ. އެނބުރި އައުމުން އެކަން ޔަޤީންކުރާށެވެ!
ހިތާމައަކީ މިއަދު މި ޙަދީޘްފުޅަށް ނުބަލައި ގުޅުން ބަދަހިކޮށް ކައިވެނިކުރަން މަޖުބޫރުވާ ޙާލަތަށް ކަންކަން ގެންދާކަމެވެ. އިޞްލާޙްވާނެކަމަށް ބުނެ ހަދާ ދޮގުތަކަށް އިތުބާރުކޮށް ދިރިއުޅުން ދީނީ ގޮތުން ވެސް އަޚްލާޤީ ގޮތުންވެސް ދަށުދަރަޖައިގެ މީހުންނާއި ޙަވާލުކޮށް އެމީހުންގެ އަތްމައްޗަށް ދޫކޮށްލެވޭ ކަމެވެ!
ކައިވެންޏަށް އެދި ހުށަހެޅުމުން، ތިބާ އާއި ގުޅެން ހުށަހެޅުމުން ފުރަތަމަ ކަމަކަށްވެސް ބަލަންވީ ޙަދީޘްފުޅުގައިވާ ކަންކަން ފުރިހަމަ މީހެއްތޯއެވެ. އެމީހެއްގެ ޢާއިލާގެ މީހުންނާއި ގާތް މީހުންގެ ކިބައިން އެމީހެއްގެ މައުލޫމާތު ރަނގަޅަށް އޮޅުންފިލުވާށެވެ! އެކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށްފަހު ﷲ ތަޢާލާއަށް ވަކީލުކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން