ރާއްޖެބަލި ޖެހެނީ ކީއްވެ؟ ފެންނާނެ އަލާމާތްތަކަކީ ކޮބާ؟

ކިޔުމަށް ހޭދަވާނީ 2މ
ރާއްޖެބަލި ޖެހެނީ ކީއްވެ؟ ފެންނާނެ އަލާމާތްތަކަކީ ކޮބާ؟

ޢަލީ އިޙްޞާން ފިރާޤް

 

ރާއްޖެބަލި ނުވަތަ "ރޫމަޓޮއިޑް އާތްރައިޓިސް" އަކީ މީހާގެ ދިފާއީ ނިޒާމުން, އެމީހާގެ ހަށިގަނޑުގައިވާ  ސެލްތަކަށާއި ޓިޝޫތަކަށް ހަމަލަ ދިނުމުން ކުރިމަތިވާ ބައްޔެކެވެ. މި ބަލީގެ ސަބަބުން ހުޅުތަކުގައި ރިއްސުމާއި ދުޅަވުން ކުރިމަތިވެއެވެ.  ނަމަވެސް މި ބަލީގެ ގެއްލުން ހުޅުތަކުގެ އިތުރުން  ހަންގަނޑާއި, ލޮލާއި, ފުއްޕާމޭގެ އިތުރުން ހިތާއި ލޭހޮޅިތަކަށްވެސް ކުރެއެވެ. 

ކޮންމެ އުމުރެއްގެ މީހަކަށްވެސް ޖެހުމުގެ ފުރުސަތު އޮންނަ މިބަލީގައި މީހާގެ ޖެނެޓިކްސް މުހިންމު ރޯޯލެއް އަދާކުރެއެވެ. އެގޮތުން އާއިލާގެ ތެރޭގައި މިބަލި ޖެހިފައިވާ މީހަކު ހުރިނަމަ, މިބަލި ޖެހުމުގެ ފުރުސަތު އިތުރުވެއެވެ. ފިރިހެނުންނަށްވުރެ އަންހެނުންނަށް މިބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. ދިރިއުޅުގެ ބައެއް ކަހަލަ އާދަތަކުގެ ސަަބަބުންވެސް ބަލި ޖެހުމުގެ ފުރުސަތު އިތުރުކޮށްދެއެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި, ހަށިގަނޑު މާބޮޑަށް ފަލަވުން ހިމެނެއެވެ. 

މި ބަލީގައި ފެންނާނެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުޅުތަކުގައި ރިއްސުމާއި, ހުޅުތައް ދުޅަވުމާއި, ހުޅުތައް ހަރުވެފައި ހުރުން ހިމެނެއެވެ. ބަލީގެ އަލާމާތްތައް ފެންނާނީ ސިމެޓްރިކަލް ކޮށެވެ. މިސާލަކަށް ކަނާއަތުގެ މެދުއިނގިލީގެ މެދު ހުޅު ދުޅަވެ, ރިއްސާނަމަ ވާއަތުގެ މެދުއިނގިލީގެ މެދު ހުޅުންވެސް މި އަލާމާތްތައް ފެންނާނެއެވެ. 

މީގެ އިތުރުން ފެންނާ އެހެން އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި, ކާހިތްނުވުންފަދަ އެހެން ބައެއް ބަލިތަކުގައިވެސް ފެންނަ ބައެއް އަލާމާތްތައް ހިމެނެއެވެ.

ރާއްޖެބަލި ނުވަތަ "ރޫމަޓޮއިޑް އާތްރައިޓިސް" އާއި އޮސްޓިއޯއާތްރައިޓިސްއަކީ އެއްގޮތް ކަންތައްތަކެއް ހުރި ތަފާތު ދެ ބައްޔެކެވެ. އޮސްޓިއޯއާތްރައިޓިސްއަށް ދިވެހި ބަހުން މަޑުކަށި ގިރޭ ބައްޔޭ ކިޔައެވެ. ރާއްޖެބަލީގައި އިގިލިތަކުގެ އެންމެ ކުރީގައި ހުންނަ ހުޅުތަކަށް ބަލީގެ އަސަރެއް ނުކުރެއެވެ.  ނަމަވެސް އޮސްޓިއޯއާތްރައިޓިސްގައި އިނގިލިތަކުގެ އެންމެ ކުރީގައި ހުންނަ ހުޅުތަކަށްވެސް އަސަރު ކުރާނެއެވެ. މީގެ އިތުރުން އޮސްޓިއޯއާތްރައިޓިސްއާ ހިލާފަށް ރާއްޖެބަލީގައި ހެނދުނު ހޭލާއިރު ހުޅުތައް ހަރުއަރާފައި ހުންނަ ވަގުތު އިތުރުކަން ފާހަގަ ކުރެއެވެ. 

މިދެންނެވި އަލާމާތްތައް ގިނަ ދުވަސްތަކެއް ވަންދެން ފެނި ތަކުރާރުވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައިގެން ބަލިދެނެ ގަތުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުން ވަރަށް މުހިންމެވެ. މި ބައްޔަކީ ހާއްސަ ފަރުވާއެއް އޮންނަ ބައެއް ނޫނެވެ. ބަލީގެ އަލާމަތްތައް ކުޑަކުރުމަށާއި ބަލިކޮންޓްރޯލް ކުރުމަށް ބޭހާއެކު އެހެނިހެން ފަރުވާތައް ދެއެވެ.

މިއަދު އޮންލައިން