ކޮންމެ މީހަކުވެސް ދުނިޔެއިން އެންމެ ބޮޑަށް ބޭނޫންވާނެ 2 ކަމަކީ ތަނަވަސްކަމާއި ދިގުޢުމުރެކެވެ. އަހުރެން ޤަބޫލުކުރަނީ އެކަމަށް އެންމެންހެން އެއްބަސްވާނެ ކަމަށެވެ.
ތަނަވަސްކަން އެދިގެން ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ ފަތިސްނަމާދުގެ އިހުސުންނަތަށް ރައްކައުތެރިވުމެވެ. ސަބަބަކީ އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ އަގުހުރި ޢަމަލަކަށްވާތީއެވެ.
މައްސަލައަކަށް މިވަނީ ކޮންމެ މީހަކުވެސް ތަނަވަސްކަން ބޭނުންވެއެވެ. އެކަމަކު ފަތިސް ވަޤުތު އޮންނަނީ ނިދާފައެވެ. އެކަން ދެކޮޅު ޖެއްސޭނެ ގޮތެއް ނިކަން ބުނެބަލާށެވެ. އަހުރެންނަކަށް ނުވިސްނެއެވެ.
ދެން އޮތީ ދިގު ޢުމުރަކަށް އެދިގެން ކުރަން އޮތް ކަންތަކެވެ. އެކަމަކީ ޢާއިލީ ގުޅުން ރަނގަޅު ގޮތުގައި ދެމެހެއްޓުމެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. ވީމާ ޢާއިލާގެ މީހަކު ތިބާ އާއިމެދު ހިތްހަމަނުޖެހިގެން ހުރިކަން އެނގޭނަމަވެސް އެގޮތަށް ހުންނަން ދޫކޮށްނުލާށެވެ. ކުށްކުރީ އޭނާކަމަށްވީނަމަވެސް މެއެވެ.
އޭނާއަށް ގުޅާށެވެ. ފޯނުނުނަގާނަމަ މެސެޖްކުރާށެވެ! ގޮސް ބައްދަލުކުރާށެވެ! ސަލާމްކުރާށެވެ. ތަނަވަސްކަންހުރިނަމަ ހަދިޔާވެސް ދޭށެވެ! ތިބާގެ އަޚާގެ މައްޗަށް ސާފުކުކަން ބަޔާންކުރާށެވެ.
ހަމައެއާއިއެކު ދުޢާކުރުމާއި ޞަދަޤާތް ދިނުން ގިނަކުރުމަކީވެސް ޢުމުރު ދިގުކުރައްވަވާ ކަމެކެވެ.
ޢަމަލުކުރާށެވެ! މާތް ﷲ ތިބާގެ ޢުމުރު ދިގުކުރައްވަވާނެތެވެ! އިން ޝާ ﷲ
- މަޢުލުމާތު: މުފްތީ މެންކުގެ ދަރުސަކުން