ބައިވެރިޔާއަށް ނަމަވެސް ނުބައި ބަސްބުނުމަކީ ހިތުގަ އަލިފާން ރޯވާ ކަމެއް! ނިއްވާލަން ފަސޭހައެއް ނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ބައިވެރިޔާއަށް ނަމަވެސް ނުބައި ބަސްބުނުމަކީ ހިތުގަ އަލިފާން ރޯވާ ކަމެއް! ނިއްވާލަން ފަސޭހައެއް ނުވާނެ!: މުފްތީ މެންކް

އިންސާނުންނަށް ކުރެވޭ އެންމެ ނުބައި އެއްކަމަކީ ދުލުން ނުބައި ބަސްތައް ބުނުމެވެ. އެކަމުގެ ސަބަބުން ފާފަވެރިވުމުގެ އިތުރުން މީސްތަކުންގެ ނުރުހުމާއި ނަފްރަތު އެމީހަކަށް ލިބިގެންދެއެވެ. 

ވިސްނާށެވެ! ދުލުން ބުނެ ބޭރުކޮށްލާ ނުބައިބަސްތަކުގެ ސަބަބުން އަނެކާގެ ހިތުގައި އަލިފާން ރޯވާނެއެވެ. އެއަލިފާން ވަރަށް ހޫނުވާނެއެވެ. އަދި އެ އަލިފާން ނިއްވާލައި އަނެކާގެ ހިތަށް ފިނިކަން ދިނުމަކީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. ގިނަފަހަރަށް އޮންނަނީ އެކަން ނުވެސްކުރެވިފައެވެ. އެއީ ބޭރުފުޚޅުގެ ޒަޚަމްތަކުގެ ފާރުހިކުމުން ހަނދާން ނައްތައިލެވުނު ނަމަވެސް ހިތަށް ލިބޭ ޒަޚަމްތައްމަތިން ހަނދާން ނައްތައިނުލެވޭތީއެވެ. 

ދެމަފިރިން ނަމަވެސް ޚިޔާލުތަފާތުވާ ކަންކަން އަބަދުވެސް ކުރިމަތިވާނެއެވެ. އެފަދަ ވަގުތުތަކުގައިވެސް އަދި އެނޫން ވަގުތުތަކުގައިވެސް ނުބައި ބަސްތައް ބުނާނަމަ އެކަން އެކުރަނީ އިސްލާމް ދީނުން ބޭރުންނެވެ. އެހެނީ ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެފަދަ ކަމެއް ﷲ ތަޢާލާއަށް އީމާންވެގެން ހުރި މީހަކު ނުކުރާނެ ކަމަށެވެ. 

ރޫޅެމުންދާ ކައިވެނިތަކަށް ބަލާށެވެ! ޖިސްމާނީ އަނިޔާކުރާތީ ރޫޅޭ ކައިވެނިތަކަށްވުރެ ގިނަވާނީ ދުލުގެ ނުބައިކަމަށް ކެތް ނުކުރެވިގެން ރޫޅެން މެދުވެރިވާ ކައިވެނިތަކެވެ. އެކަމުގެ ސަބަބަކީ ޖިސްމާނީ އަނިޔާކުރާ މީހުންނަށްވުރެ ދުލުން ނުބައި ބަސްތައް ބުނާ މީހުން ގިނަވުން ކަމަށްވެސް ވެދާނެއެވެ. އަދި ދުލުން ބުނާ ނުބައި ބަސްތަކުން ހިތަށް ލިބޭ އަނިޔާ އިން ކުރާ އަސަރު ބޮޑުވުން ކަމުގައިވެސް ވެދާނެއެވެ. މިއީ ކޮންފަދަ ދެރަ ނިކަމެތިކަމެއް ހެއްޔެވެ؟ 

ޚިޔާލުތަފާތުވުމަކީ އިންސާނުންގެ ކިބައިގައި ލައްވަވާފައިވާ ސިފައެކެވެ. އެކަން އެނގެނީ ރަސޫލް () އަށްފަހު އެންމެ މަތިވެރިކަން ލިބިވަޑައިގެން ތިއްބެވި ޞަހާބީންގެ މެދުގައިވެސް ކަންކަމުގައި ޚިޔާލުތަފާތުވުން އުފެދޭ ކަމެވެ. ވަރަށް ބޮޑަށް ޚިޔާލުފުޅުތައް ތަފާތުވެގެންދިއަކަމެވެ. 

ފާހަގަކުރަން ޖެހޭ ކަމަކީ ކިތަންމެ ބޮޑަށް ޚިޔާލުފުޅުތައް ތަފާތުވެ ކިތަންމެ ހޫނުވި ނަމަވެސް އެއްވެސް ބޭކަލަކު އަނެއް ބޭކަލަކަށް ދުވަހަކުވެސް ކުޑައިމީސް ބަސްފުޅެއް، ހަޑިހުތުރު ބަސްފުޅެއް ވިދާޅުނުވާކަމެވެ. އަނެއް ބޭކަލަކު ދެރަކޮށް ނިކަމެތިކޮށްލެއްވެވުމުގެ ޤަޞްދުގައި ބަސްފުޅެއް ވިދާޅުނުވާކަމެވެ. އޮޅުމަކުން އެފަދަ ކިތަންމެ ކުޑަބަސްފުޅެއް ވިދާޅުވެވުނުނަމަވެސް މަޢާފަށް އެދިވަޑައިގަތުމަށް އަވަސްވެވަޑައިގަންނަވާ ކަމެވެ. 

ނަމަވެސް މިއަދު ކަންކަން މިވަނީ އެގޮތަކަށް ނޫނެވެ. ޚިޔާލުތަފާތުވެއްޖެ ނަމަ ޢަބުރާއި ޝަޚްޞިއްޔަތަށްވެސް އަރައިގަންނަނީއެވެ. ކަތިލަނީއެވެ. އަނެކާއާއި މެދު ނުބުނާ ނުބައި ބަހެއް ނުއޮވެއެވެ. ބައެއް ޢިލްމުވެރިންވެސް އެފަދައިން އެބަ ކަންކަން ކުރައްވައެވެ. އަނެކާއަށް ނުބައި ބަސްތައް ބުނަމުން ގޮސް ޝައިޠޯނާ ލަދުގަންނަވަރަށް އެބަ ނުބައި ބަސްތައް ބުނެއެވެ.  

ކޮންމެ ފެންވަރެއްގެ މީހަކު ނަމަވެސް އެފަދަ ކަންކަން އެކުރަނީ އިސްލާމް ދީނުގައިވާ ގޮތަކަށް ނޫނެވެ. އިސްލާމް ދީނުގައި ކަންކަން ކުރަން އޮތީ ކީރިތި ޤުރްއާނާއި ރަސޫލް () ގެ ސުންނަތާއި އެއްގޮތަށެވެ. ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވަނީ އީމާންވެގެން ހުރި މީހަކު އޭނާގެ އަޚާއާއިމެދު ނުބައިބަސްތައް ބުނެ ފަޟީޙަތް ނުކުރާނެ ކަމަށެވެ! ނިކަމެތި ނުކުރާނެ ކަމަށެވެ!

 

- މުފްތީ މެންކްގެ ދަރުސަކުން

 

މިއަދު އޮންލައިން