ރަސޫލް ޞައްލަﷲ ޢލައިހި ވަސައްލަމަ ރަމަޟާންމަސް ފިޔަވައި އެމަހެއްގެ އެންމެ ގިނަ ދުވަސްތަކުގައި ރޯދަ ހިއްޕެވި ޝައިބާން އައިސް ޖެހުނީއެވެ.
އެންމެ ކުޑަމިނުން ޝަޢްބާން މަހު ޢާންމުކޮށް ސުންނަތް ރޯދަ ހިފާ މީހުންވެސް އިތުރު ދުވަސްތަކުގައި ރޯދަ ހިފަން މަސައްކަތްކުރާށެވެ! ބުރާސްފަތި ދުވަހާއި ޖެހިގެން އަންނަ ހުކުރު ދުވަސް އިތުރުކޮށްލުން ކީއްހެއްޔެވެ؟ އަދި ސުންނަތް ރޯދަ ހިފަން މިހައިތަނަށް ސަމާލުކަން ނުދެވޭ މީހުން ސުންނަތް ރޯދަތައް ހިފަން ފެށުން ކީއްހެއްޔެވެ؟
ތިރީގައިވާ ލިޔުމުން ޢިބްރަތް ޙާޞިލުކުރައްވާށެވެ!
އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ރަމަޟާންމަހަށްފަހު ހިފާ 6 ރޯދައާއި އާޝޫރާ ދުވަހު ހިފާ ރޯދައާއި ޙައްޖު ދުވަހު ހިފާ ރޯދަހިފުމުން ސުންނަތް ހުރިހާ ރާދަރތަކެއް ހިފުނީ ކަމަށެވެ. އެހެންކަމުން ކޮންމެ މަހަކު ހިފަންޖެހޭ ސުންނަތް ރޯދަތައް ހިފުމަށް ސަމާލުކަން ދެނީ ވަރަށް މަދު މީހެކެވެ. މިއީ އެއްގޮތަކަށްވެސް އެކަންކުރަން އޮތް ގޮތެއް ނޫނެވެ.
ބައެއް މީހުން ދެކެނީ ހޯމް، ބުރާސްފަތި އަދި 13،14،15 ގެ ރޯދަ ހިފުމަކީ ޢުމުރުން ދުވަސްވެ މުސްކުޅިވެ ދެން ކުރާނެ އެހެންކަމެއް ނެތް ދުވަހަކުން ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އެހެންވެ ފަހަށް ބާއްވަނީއެވެ. މުސްކުޅިވަންދެން ދުނިޔޭގައި ހުރެވޭނެކަމުގެ ޔަޤީންކަން ނުއޮންނައިރުވެސްމެއެވެ. އެހެންކަމުން މިކަންކަމަށް އިތުރަށް ވިސްނައިލަމާ ހިނގާށެވެ!
ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފަންވީ ކީއްވެ؟
ހޯމަ ދުވަހާއި ބުރާސްފަތި ދުވަހަކީ އެ ދެދުވަހު މީސްތަކުންގެ ޢަމަލުތައް ﷲ ގެ ޙަޟްރަތަށް ހުށަހެޅުއްވޭ ދެދުވަހެވެ. އަދި އެދެދުވަހު ރަސޫލް ﷺ ރޯދައަށް ހުންނަވާ ކަމުގައި ޞައްޙަ ޙަދީޘްތަކުގައި ވާރިދުވެގެން ވެއެވެ.
"ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.
((تُعْرَضُ الأَعْمَالُ يَوْمَ الاثْنَيْنِ وَالْخَمِيْسِ, فَأُحِبُّ أَنْ يُعْرَضَ عَمَلِيْ وَأَنَا صَائِمٌ)) رواه الترمذي: 747 (ޙަދީޘް ރިވާކުރެއްވީ އަބޫހުރައިރާ ރަޟިޔަﷲ ޢަންހް)"
މާނައީ: "ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު (މީސްތަކުންގެ) ޢަމަލުތައް (ﷲގެ ޙަޟްރަތަށް) ހުށަހެޅުއްވެއެވެ. ފަހެ ތިމަންކަލޭގެފާނު ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލު (ﷲގެ ޙަޟްރަތަށް) ހުށަހެޅުއްވެވުމަށް ތިމަންކަލޭގެފާނު ލޯބި ކުރައްވަމެވެ."
އަދިވެސް މިބާބުގައި އައިސްފައިވާ އެހެނިހެން ޞައްޙަ ޙަދީޘްފޅުތައް އެބަހުއްޓެވެ. ވީމާ އެނގިގެން މިދަނީ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފުމަކީ ގަދަވެގެންވާ ސުއްނަތެއްކަމެވެ.
ވީމާ މިފަދަ މަތިވެރި ސުންނަތްތަކަށް ޢަމަލުކުރުމަކީ މުސްކުޅިވުމުން ކުރަން އޮތް ކަމަކަށް ނުހަދާށެވެ! އެފުރުޞަތު ނުލިބި މަރުވެސްވެދާނެއެވެ.
ހަމައެކަނި މިމޭރުމުން ވެސް ވިސްނައިލާށެވެ! ހިފާ ކޮންމެ ރޯދައެއް، އެމީހާ އާއި ނަރަކަ 70 އަހަރުގެ ރާސްތާއަށް ދުރުކުރެއެވެ. ކޮންމެ ހަފްތާއަކު 2 ދުވަހު ރޯދަހިފާނަމަ ކޮންމެ ހަފްތާއަކު އެމީހަކާއި ނަރަކަ 140 އަހަރުގެ ރާސްތާއަށް ދުރުވެގެންދާނެއެވެ.
ވީމާ ކޮންމެ މީހަކުވެސް އެމީހަކަށް ވީ މިންވަރަކުން މި ސުއްނަތް އަދާކުރުންމަތީ ދެމި ހުންނާށެވެ! ޤަވާއިދުން އެކަން ކުރަން މަސައްކަތްކުރާށެވެ! އެހެނީ (ސުންނަތް އަޅުކަންތަކުގެ ތެރެއިން) ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެން ވަނީ، ކިތަންމެ މަދު ނަމަވެސް، ދެމިގެންވާ ގޮތުގައި (ދާއިމީކޮށް) އެ ޢަމަލެއްގެ މަތީގައި އަޅާ ދެމިހުންނަ ޢަމަލެވެ.
ހިތާމައަކީ މިޙަދީޘްފުޅަށް އަމަލުކުރާ މީހުން މަދުވަމުން އަންނަކަމެވެ. އެހެންކަމުން ދިރުވަން މަސައްކަތްކުރަން ޖެހިފައިވާ ސުންނަތެކެވެ. އަދި ކީއްހެއްޔެވެ؟ ސުންނަތް އަޅުކަން ކުރަން ފެށުމަކީ އެކަމަށް ޝައުޤުވެރިކަން އިތުރުވެ ހިތްޖެހި ދެވިހިފާ ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން