ޤުރްއާން ކިޔަވަމުންދާއިރު ތިލާވަތުގެ ސަޖިދަކުރަންޖެހޭ ތަނެއްގައި ސަޖިދަކުރަންވާނެއެވެ. އެކަމަށް ހުރަސް އެޅޭނެ އެއްވެސް ޙާލަތެއްވެސް ނެތެވެ.
ގެންގުޅޭ ފޯނުންވެސް ޤުރްއާން ކިޔެވޭތީ ޤުރްއާން ކިޔެވުމަށް އާދަވެފައި ތިބި އަންހެނުން ޙައިޟުގެ ދުވަސްތަކުގައާއި ނިފާސްކަމުގެ ދުވަސްތަކުގައި ވެސް އަންނަނީ ޤުރްއާން ކިޔަވަމުންނެވެ.
އެއިގެ ތެރެއިން ބައެއް އަންހެނުންގެ ހިތުގައި ތިލާވަތުގެ ސަޖިދަ ކުރުމާއި ބެހޭ ގޮތުން ސުވާލު އުފެދޭތީ މި ގެނެސްދެނީ އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވާ ބަސްފުޅެކެވެ.
ޑރ. ޝަހީމްގެ ބަސްފުޅު:
ކީރިތި ޤުރްޢާން ކިޔަވަމުންދާއިރު ތިލާވަތުގެ ސަޖިދަ ކުރަން ފާހަގަކޮށްފައި ހުންނަ ތަނެއް ކިޔެވުމަށްފަހު ޙައިޟުވެރިންނަށާއި ނިފާސްވެރިންނަށްވެސް ތިލާވަތުގެ ސަޖިދަ ކުރެވޭނެއެވެ. އެއީ ނަމާދުކުރުން ފަދަ ވުޟޫކޮށްގެން ކުރާ ކަމަކަށް ނުވާތީއެވެ.
ނަމާދުކުރުމަށްޓަކައި ވުޟޫކުރަން ޖެހޭ ފަދައިން ކީރިތި ޤުރްއާން ކިޔަވަން ވުޟޫކުރާކަށް ނުޖެހެއެވެ. ވީމާ ޙައިޟުވެރިޔާ ވެސް އަދި ނިފާސްވެރިޔާ ވެސް ތިލާވަތުގެ ސަޖިދަވަޅެއް އައުމުން ސަޖިދަކުރާށެވެ! އެއީ ވުލޫކުރަންޖެހޭ ޙާލަތެއް ނޫނެވެ.
ތިލާވަތުގެ ސަޖިދަ ކުރުމަކީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. އެ މަޤާމްތަކުގައި ރަސޫލް (ﷺ) ތިލާވަތުގެ ސަޖިދަ ކުރައްވަވައެވެ. އަދި އަނެއްބައި ފަހަރު ނުކުރައްވަވައި ދޫވެސް ކޮށްލައްވަވފައި ވެއެވެ.
ތިލާވަތުގެ ސަޖިދަ ކުރަން ބޭނުން ނުވެގެން ނުކުރުމަކުން އދި ހަނދާންނެތި ނުކޮށް ދޫކޮށްލެވުމަކުން ފާފަވެރިއެއް ނުވާނެއެވެ. ނަމަވެސް އެއީ ކުރަން ސުންނަތުގައި ބަޔާންވެ ފެންނަން އޮތް ކަމަކަށްވުމުން ކުރުމުން ޘަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ
ޑރ. ޝަހީމްގެ މިބަސްފުޅުން އެނގިގެންދަނީ ތިލާވަތުގެ ސަޖިދައެއް ނުކުރެވުނަސް ފާފަވެރިނުވާނެ ކަމާއި ނަމަވެސް ކުރުމުން ޘަވާބު ދެއްވަވާނެ ކަމެވެ. އަދި އެއީ ސުންނަތެއް ކަމެވެ. ވީމާ ތިލާވަތުގެ ސަޖިދަކުރުމަށް ސަމާލުކަން އިތުރުކުރަމާ ހިނގާށެވެ!