އިސްތިޚާރާ ކޮށްގެން ކުރާ ކައިވެނި ރޫޅިއްޖެނަމަ އޮތީ ކަންބޮޑުވުމެއް ނޫން! އުފާކުރުން! ދެއްވަވަން އޮތް އުފާވެރިކަން މާބޮޑީ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
އިސްތިޚާރާ ކޮށްގެން ކުރާ ކައިވެނި ރޫޅިއްޖެނަމަ އޮތީ ކަންބޮޑުވުމެއް ނޫން! އުފާކުރުން! ދެއްވަވަން އޮތް އުފާވެރިކަން މާބޮޑީ! އިން ޝާ ﷲ: މުފްތީ މެންކް

"އަޅުގަނޑު ކައިވެނިކުރީ އިސްތިޚާރާކޮށްގެން! އެކަމަކު ކައިވެނި ރޫޅިއްޖެ! އެކަނިވެރިވެއްޖެ!" މިއީ ގިނަބައަކު ފައުޅުކުރާ ކަންބޮޑުވުމެކެވެ. އެހެންކަމުން މިގެނެސްދެނީ އެކަން އެގޮތަށް ވުމަށް މެދުވެރިވާ ސަބަބު އެނގިގެންދާނެ ލިޔުމެކެވެ. އިން ޝާ ﷲ 

އިސްތިޚާރާކޮށްގެން ކުރާ ކައިވެނި ރޫޅުމުގެ އިތުރުން އެހެންކަންކަންވެސް ބަދަލުވެއެވެ. ވީމާ އެކަންކަން އެގޮތަށް މެދުވެރިވަނީ ކީއްވެގެންކަން އެނގެން އެބަޖެހެއެވެ. 

އިސްތިޚާރާކޮށްގެން ވިސްނުނު ގޮތަށް ބަލައި ކައިވެނި ކުރުމުން ބައެއްފަހަރު އެބަ ކައިވެނި ރޫޅެއެވެ. އެތައް ފަހަރަކުވެސް އެބަ ރޫޅެއެވެ. އެޙާލަތުގައި ބައެއް މީހުންގެ ހިތުގައި ކުރެވުނު އިސްތިޚާރާ ޢާއިމެދު ޝައްކު އުފެދެއެވެ. އަދި ޝަކުވާވެސް ކުރެވެއެވެ. 

ވީމާ ފުރަތަމަ ކަމަކަށް މިކަންކަމަށް ވިސްނައިލާށެވެ! އަހަރެމެން ދުޢާކުރަނީ އެކަމަކީ ކުރުމުން ތިމާއަށް ފައިދާހުރިކަމެއް ކަމުގައިވާނަމަ އެކަމެއް ހިންމަވައިދެއްވެވުމަށެވެ. އެކަމަކީ ތިމާއަށް ގެއްލުންހުރިކަމެއް ނަމަ އެކަމަކުން ސަލާމަތްކުރައްވަވައިދެއްވެވުމަށެވެ. އެހެންކަމަށްވާއިރު ތިބާއަށް އެންމެ ފައިދާހުރީ ދެވަނައަށް ލިބޭ ބައިވެރިޔާ ލިބުމުންކަމަށްވާނަމަ ފުރަތަމަ ކައިވެނީގައި މައްސަލަތައް ޖެހި ކައިވެނި ރޫޅުމަކީ ކޮންމައްސަލައެއް ހެއްޔެވެ؟ 

މިގޮތަށްވެސް ވިސްނާށެވެ! ތިބާގެ ފުރަތަމަ ކައިވެނިން ކުރަންޖެހޭ ހިތި ތަޖުރިބާތަކަކީ ތިބާގެ މުސްތަޤްބަލް އިތުރަށް ހަރުދަނާކުރުމަށްޓަކައި އިޞްލާޙްކުރަންޖެހޭ ކަންކަމުގެ ތަޅުދަނޑިކަމަށްވެސްވެދާނެއެވެ. އަދި އެ ހިތި ތަޖުރިބާތަކުގެ ސަބަބުން ތިބާގެ ތަޤްވާވެރިކަން އިތުރުވެ ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމަށް މަގުފަހިކޮށްދޭ ބާރަކަށްވެސް ވެދާނެއެވެ. 

މިއިން އެއްވެސް ކަމެއް އަހަރެމެންނަކަށް ނުއެނގޭނެއެވެ. ވާންހުރި ކަންކަން މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ވީމާ ފުރަތަމަ ކައިވެނި ނުވަތަ އެއަށްވުރެ ގިނަ ކައިވެނި ހަމަ އިސްތިޚާރާކޮށްގެން ކުރުމުންވެސް ރޫޅެން ދިމާވުމަކީ އެއްވެސް ޝަކުވާއެއް ކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ ހަމަ ރަހްމަތެވެ. 

އަދި ބައެއް މީހުން އިސްތިޚާރާކޮށްގެން ކުރަން ފަށާ ވިޔަފާރީގައި ނާކާމިޔާބުވުމުންވެސް ޝަކުވާކުރެއެވެ. އެނާކާމިޔާބީގެ ފަހަތުގައިވާ ބޮޑު ކާމިޔާބީ އެނގެނީ ކާކަށް ހެއްޔެވެ؟ ވީމާ އިސްތިޚާރާކޮށްގެން ކުރާ ކަންކަން ތިމާ އެއިރު ކުރަން ބޭނުންވިގޮތަށް ކާމިޔާބުނުވުމަކީ އިސްތިޚާރާކުރުން ގޯސްވެގެން މެދުވެރިވާ ކަމެއް ނޫނެވެ. މި ބަޔާންކުރި ސަބަބުތަކަށްޓަކައި މެދުވެރިވާ ކަންކަމެވެ.

 

 -މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން