ހިތަށްފަހު އިންސާނާގެ އެންމެ މުހިންމުކަންބޮޑު ގުނަވަނަކީ ދޫކަމުގައި ބުނެވެނީ އެކަން އެގޮތަށް އޮތީމައެވެ. ފުރަތަމަ ދުނިޔެއެވެ. ޒަވާޖީ ޙަޔާތާއި ދިރިއުޅެން ކުރާ މަސައްކަތުގެ ކާމިޔާބީ އާއި ނާކާމިޔާބީވެސް އެންމެ ބޮޑަށް ގުޅިފައިވަނީ ދުލާއިއެވެ. ދުލުގެ ބޭނުން ހިފޭގޮތާއިއެވެ. ހަމަ އެފަދައިން އާޚިރަތް ދުވަހުގެ ކާމިޔާބީ އާއި ނާކާމިޔާބީވެސްމެއެވެ.
ކޮންމެ މީހަކަށްވެސް ސުވަރުގެ ވަދެވުމުގައި އެމީހެއްގެ ދޫ ވަރަށް މުހިންމު ދައުރުތަކެއް އަދާކުރެއެވެ. މިޘާލަކަށް ދުލުގެ ސަބަބުން ނަމާދުކުރާއިރު ދުލުންކިޔަންޖެހޭ ތަކެތި ކިޔުން، ދެއިރުގެ ޛިކުރުތައް ކިޔުން، ގިނަގިނައިން ޛިކުރުކުރުން، ޤުރްއާން ކިޔެވުން، ހެޔޮބަސްބުނުން، ދަރުސްދިނުން، ދަތިޙާލުގައިވާ މީހާއަށް ހިތްވަރުދިނުން ފަދަ އެތައް ކަމަކުން ގިނަގުނަ ޘަވާބު ލިބިގެންދެއެވެ.
ދެން އޮތީ އެއިގެ އަނެއްކޮޅެވެ. މިބުނި ހުރިހާ ހެޔޮކަންކަންކުރާ ދުލުން މީހުންނަށް ނުބައިބަސްތައް ބުނެއެވެ. ނެތިމޮށެއެވެ! ފިތުނަ އުފައްދައެވެ. ދޮގުހަދައެވެ. މަކަރުތައް ހަދަން ވާހަކަދައްކައެވެ. މިފަދަ ކަންކަމަކީ ތިމާއަށް ނަރަކައަށް ވަންނަން ޖެހުން ގާތް ޢަމަލުތައްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
މިވީ ގޮތް ނިކަން ދެކިބަލާށެވެ! ފުރަތަ މިކިޔައިދެނީ ދުލުގެ ސަބަބުން ސުވަރުގެ ލިބެންއޮތް މަގުތަކެވެ. ދެން މިބުނީ ހަމައެދުލުގެ ސަބަބުން ނަރަކައަށް ވަންނަ ޖެހިދާނެ ސަބަބުތަކެވެ. އަދި އެވަރަކުން ނިމެނީއެވެ. އެދުލަކީ ގިނަ ބައެއްގެ ކައިވެނިތައް ރޫޅުވައިލާ ހަތުރެވެ.
މިޘާލަކަށް ބުނާނަމަ ހަމަ އެދުލުން އަނބިދަރިންނަށް ނުބައިބަސްތައް ބުނެއެވެ. އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް އޮޅުވާލައި މަކަރު ހަދަމުންގޮސް ކަންކަން ފަޅާއެރުމުން ޖެހެނީ ކައިވެނި ރޯޅައިލާށެވެ! މިފަދަ ގޮތެއްމެދުވެރިވެއްޖެނަމަ ހަމައެދުލުގެ ސަބަބުން ދުނިޔޭގައިވެސް އެލިބުނީ ކޮންފަދަ ބޮޑު ދެރައެއް ހެއްޔެވެ؟ ޢާއިލާ ރޫޅިގެން ދިއައީއެވެ. ނިކަމެތިވެ ބިކަޙާލުގައި ޖެހުނީއެވެ.
ކޮންމެއަކަސް ދުލާއިބެހޭ ގޮތުން ކޮންމެވާހަކައެއް ދެއްކުނު ނަމަވެސް ހަނދާންކޮށްލަން ޖެހޭނެ އެއް ޙަދީޘްފުޅު އެބައޮވެއެވެ. އެއީ މީހާގެ ދުލާއި ޖިންސީގުނަވަން ރައްކައުތެރިކޮށްފި ކޮންމެ މީހަކު ސުވަރުގެ ވައްދަވަން ޖާމިނުވެވަޑައިގަންނަވާނެކަމަށް ކުރައްވަވާފައިވާ ޙަދީޘްފުޅެވެ.
މީސްތަކުންނޭވެ! މިދެއްކި ހުރިހާ ވާހަކަތަކުންވެސް އެނގެނީ ދުލަކީ އިންސާނާއަށް އެންމެ ފައިދާހުރި އެއް ގުނަވަންކަމާއި އަދި އެންމެ ގެއްލުންވެސް ބޮޑު އެއް ގުނަވަން ކަމެވެ. ވީމާ ދޫރައްކައުތެރިކުރަން ގަދައަޅައި މަސައްކަތްކުރަންޖެހޭނެ މިންވަރު ކިތަންމެ ރަނގަޅަކަށްވެސް މިކަންކަމުން އެކަނިވެސް އެނގިގެންދެއެވެ.
ވީމާ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިހުރެ މިފަދަ ދުޢާތައް ކުރަމުން ގެންދާށެވެ!
"ޔާ ﷲ! މިއަޅާގެ ދޫ ރައްކައުތެރިކުރުމުގެ ޘާބިތުކަން މިއަޅާއަށް ދެއްވަވާނދޭވެ! ފިތުނައަކަށްވެދާނެ އެންމެ ބަހެއްވެސް ނުބުނުމާއި ހެޔޮބަސްތައް ގިނައިން ބުނުމުގެ ތައްފީޤް މިއަޅާއަށް ދެއްވަވާނދޭވެ! ގިނަގިނައިން ޛިކުރްކުރާ ދުލެއްކަމުގައި މިއަޅާގެ ދޫ ލައްވަވާނދޭވެ!"- އާމީން
--އިސްލާމީ ތިލަފަތުގެ ދަރުސަކުން