ދަރިންގެ ޒަވާޖީ ހަޔާތް އުފާވެރިވުމަށް އެދޭނަމަވެސް ދެމަފިރިން އެކަކު އަނެކަކަށް މާފުކުރުން ގިނަކޮށް ލޯބިން އެކުގަ އުޅުމުގެ ނަމޫނާދައްކަންވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ދަރިންގެ ޒަވާޖީ ހަޔާތް އުފާވެރިވުމަށް އެދޭނަމަވެސް ދެމަފިރިން އެކަކު އަނެކަކަށް މާފުކުރުން ގިނަކޮށް ލޯބިން އެކުގަ އުޅުމުގެ ނަމޫނާދައްކަންވާނެ!: މުފްތީ މެންކް

ކަމަކަށް ހިތްހަމަނުޖެހުމުން ދެބަސްވެ ޒުވާބުކުރުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. ޚާއްޞަކޮށް ޢާއިލާގެ ތެރޭގައި އެކަމަށް ސަމާލުކަންދޭންވާނެއެވެ. ވަކިން ޚާއްޞަކޮށް ދެމަފިރިންގެ މެދުގައި ބޮޑަށް ސަމާލުކަންދޭންވާނެއެވެ. މިކިޔައިދެނީ މިހެން ބުނަންޖެހޭ ސަބަބުތަކެވެ.

ދެމަފިރިއެއްގެ މެދުގައި ގޭތެރޭގައި ރުޅިވެރިކަމުގެ ކަންކަން ހިނގަމުންދާނަމަ އެކަން ދަރިންނަށް ސިއްރެއް ނުވާނެއެވެ. މައިންބަފައިން ދެބަސްވެ ޒުވާބުކުރާނަމަ އެކަންވެސް ދަރިންނަށް އެނގޭނެއެވެ. އަދި ކަމެއް ދިމާވިނަމަވެސް އެކަކު އަނެކަކަށް މާފުކުރާނަމަ އެކަންވެސް ދަރިންނަށް އެނގޭނެއެވެ.

ދެމަފިރިން އެކަކު އަނެކަކަށް މާފުނުކޮށް ޒުވާބުކުރާނަމަ އެކަމުން ލިބޭނެ އެންމެ ބޮޑު ގެއްލުން ލިބޭނީވެސް ދަރިންނަށެވެ. ސަބަބަކީ އެކަން ދަރިންނަށްވެސް ދަސްވުމެވެ. އެކުދިން ބޮޑެތިވެ ޒަވާޖީ ޙަޔާތަކަށް ފެށުމަށްފަހު މާފުކުރަން ފަސްޖެހޭނެއެވެ. ގިން ފަހަރަށް ޢަމަލުކުރާނީ މައިންބަފައިންގެ ކިބައިން ދަސްވެފައިހުރި އާދަތަކަށެވެ.

ދެންވާގޮތަކީ ދަރިންނަށް ޒަވާޖީ ޙަޔާތުގައި ކުރިއަށް ނުދެވުމެވެ. އަބަދު ވަރިކުރަން ޖެހުމެވެ. މާފުނުކުރާ މީހަކު ދިރިއުޅެވޭނީ ކާކަށް ހެއްޔެވެ؟ ވީމާ މައިންބަފައިން އެކަކު އަނެކަކަށް މާފުނުކުރުން ވެގެންދަނީ ދަރިންގެ ޒަވާޖީޙަޔާތް ހަލާކުގެ ތެރެއަށް ނުވަތަ އަނފަވަޅަކަށް ޥައްޓައިލުން ކަމަށެވެ. ހިތާމައަކީ މައިންބަފައިންނަށް އެކަން ނުވިސްނޭ ކަމެވެ.

މީސްތަކުންނަށް މާފުކުރުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބިގެންދާނެ ކަމެކެވެ. އިން ޝާ ﷲ. މާފުކުރަން ބަލާއިރު ކޮންމެ މީހަކުވެސް ފުރަތަމަ މާފުކުރަންވީ ކޮން ބައަކަށް ހެއްޔެވެ؟ އެކަމާއިމެދު ވިސްނައިލަމުހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެންމެ ފުރަތަމަވެސް މާފުކުރަންވީ އަނބިދަރިންނަށެވެ. ފިރިންނަށެވެ. މައިންބަފައިންނަށެވެ. ޢާއިލީ ގޮތުން އެންމެ ގާތް މީހުންނަށެވެ. ވީމާ އެއިން އެއްވެސް މީހަކަށް މާފުކުރަންޖެހޭ ހިނދު ފަސްނުޖެހި އެކަމަށް އަވަސްވެގަންނާށެވެ.

ވިސްނާށެވެ! ޚިޔާލާއި މިޒާޖުގެ ގޮތުން ތަފާތު މީހުންނަކީ ތިބާގެ އެންމެ ގާތް މީހުން ކަމުގައި ލެއްވެވީ ﷲ ތަޢާލާއެވެ. އެއީ ތިއަބައިމީހުން އިމްތިޙާން ކުރެއްވެވުމަށްޓަކައެވެ. ވީމާ އެ އިމްތިޙާނުން ފޭލްވެގެންނުވާނެއެވެ.

އެކަންކުރަންވީ ކޮންމެހެން އެމީހުންނަށްޓަކައެއް ނޫނެވެ. ﷲ ތަޢާލާއަށްޓަކައެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. އަހަރެމެންނަށް މިދުނިޔެވެސް އަދި އާޚިރަތްވެސް ކާމިޔާބުވުންވަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ. ވީމާ އެކަމަށްޓަކައި ކުރެވެންހުރި ހުރިހާ ކަންކަން ކުރަންވާނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން