ކިތަންމެ ކުޑަކުޑަ ވަޤުތުކޮޅެއް ލިބުނަސް ލޯބިވެރިޔާއަށް ގުޅައިލެވެއެވެ. ޙާލުބަލައިލެވެއެވެ. އޭނާގެ ރުހުން ހޯދަން މަސައްކަތްކުރެވެއެވެ. އެކަމުން އެނގެނީ އެންމެ ބޮޑީ ލޯބިވެރިޔާއަށް ދެވޭ ސަމާލުކަން ކަމެވެ. އަހުރެންގެ ވިސްނުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ އެންމެ ބޮޑަށް ލޯބިވާންޖެހޭ ފަރާތަށެވެ. އެފަރާތުގެ ރުހިވޮޑިގަތުން ލިބުމަށެވެ.
ވިސްނާށެވެ! އެންމެ ހެޔޮކަންބޮޑީ ކިތަންމެ ކުޑަ ނަމަވެސް އަބަދުވެސް ކުރަމުން ގެންދާ އަމަލުތަކެވެ. އެކަމެއް ކުރުމުގައި ޘާބިތުވެ ހުރެ އެކަމެއްކުރުމުގައި ދެމިހުންނަ ޢަމަލުތަކެވެ.
ހަމައެފަދައިން ބައިވެރިޔާއަށް ކޮށްދޭ ކަންކަންވެސް ފަރުވާކުޑަނުކޮށް ޤަވާއިދުންކޮށްދޭނަމަ އެއީ ކިތަންމެ ކުޑަކަމެއް ނަމަވެސް އެކަމުގެ އަގު ދުވަހެއް ދުވަހަކަށް ދާނީ ބޮޑުވަމުންނެވެ. ދެމަފިރިންގެ ގުޅުން ބަދަހިވެ އުފާވެރިކަން ދާނީ އިތުރުވަމުންނެވެ.
ނިކަން ވިސްނައިލަބަލާށެވެ! ޙަޔާތުގެ ވަގުތުތައް ބޭކާރުކުރަމުން ތިއަގެންދަނީ ތިމާއަށް އެއްވެސް ފައިދާއެއް ނުކުރާނެ އެހެން މީހުންގެ ކަންކަމާއި ބެހި ވާހަކަ ދެއްކުމުގައެވެ. އެންމެ ފަހު ވަގުތު މަރުމަތިގައި މަސައްކަތްކުރަންޖެހޭނީ ޝަހާދަތް ކިޔުމަށެވެ. ޝަހާދަތް ކިޔޭނީ ވީހައި ގިނައިން ﷲ ހަނދުމަކޮށް ޛިކުރުކުރުމުންނެވެ. ހިނިތުންވެ އޮވެގެން މަރުވެވޭނީވެސް އެކަން އެގޮތަށް ކުރާ މީހުންނަށެވެ.
ކިތަންމެ ކުޑަ ހުސްވަޤުތުކޮޅެއް ލިބުނަސް ކިތަންމެ ކުޑަ ހެޔޮ ޢަމަލެއް ނަމަވެސް ކުރަމުން ގެންދިއުމަށް މިބުނަނީ އެހެންވެގެންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން