ފުރަތަމަ ކަމަކީ ގަދަވެ ހެޔޮ ޙާލުގައި ހުރުމަކީ ލައްވަވާ ރަޙްމަތެއް ފަދައިން ބަލިވެ އުޅެންޖެހުމަކީވެސް ލައްވަވާ ރަޙްމަތެކެވެ. އަބަދު ގަދަވެ ސަލާމަތުން ހުރެވޭނެ ކަމަށް ބަލައިގެން ނުވާނެއެވެ. ބަލިވެސްވާނެއެވެ. އަބަދުޖެހޭނީ އަރިދަފުސް ރޯގާފަދަ ކުދިކުދި ކަންކަމެއް ނޫނެވެ. އެންމެ ބޮޑެތި ބަލިތައްވެސް ޖެހޭނެއެވެ.
ކުޑަކުޑަ މިޘާލަކުން ފަށާނަމެވެ. ޕީއެޗްޑި ޙާޞިލުކޮށްގެން ހުރި ދަރިވަރެއްގެ ގާތުގައި ކުނިކަހައި ކުނިނަގަން، ނުވަތަ ކާންހަދައި ތަށިތައް ދޮވެދޭން ބުނެފައި އަގަކަށް ދުވާލަކު 1 މިލިއަން ޑޮލަރުދޭން ބުނެފިނަމަ ހީކުރާނީ ކޮންފަދައަކުންހެއްޔެވެ؟
ދެން އޭނާ އެހީކުރި ގޮތަކަށް ހީކުރަމުންވެސް އެކަންކުރީއެވެ. ދުވަސް ނިމުމުން އޭނާގެ އަތަށް 1 މިލިއަން ޑޮލަރު ލިބުމުން އޭނާބުނާނީ ކީކޭ ހެއްޔެވެ؟ "އޭނާ ސުވާލުކުރާނީ މިރޭވެސް މަސައްކަތްކުރަން ފުރުޞަތު އެބައޮތް ހެއްޔެވެ؟ އަދި މާދަމާވެސް މަސައްކަތު އަންނަން ނުދޭނަން ހެއްޔެވެ؟ މިފަދަ ގޮތަކަށް ނޫންހެއްޔެވެ؟ އޭނާއަށް ކުރަންޖެހުނީ ކޮންމެ މަސައްކަތެއް ނަމަވެސް އެމަސައްކަތުގެ އަގެއްގެ ގޮތުން 1 މިލިއަން ޑޮލަރު ލިބުނީމާ އެކަން ކުރަން ބޭނުންނުވާނީ ކާކުހެއްޔެވެ؟
ބަލިޙާލެއް ޖެއްސެވުމުންވެސް ޝަކުވާނުކޮށް ކެތްތެރިވާ މީހުންނަށް ހުރީ މިފަދަ މަތިވެރި ނިޢްމަތްތަކެވެ. އެމީހުންނަށް ޤިޔާމަތް ދުވަހު ދެއްވަވާ މަތިވެރިކަން، ނިޢްމަތްތައް ފެނުމުން މުޅި ޢުމުރު ބަލިޙާލުގައި އުޅެން ނުޖެހުނެކަމާއިމެދު ދެރަވެ ހިތާމަކުރާނެއެވެ.
ވީމާ ކެންސަރުފަދަ އަދި އެނޫންވެސް ކިތަންމެ ބޮޑު ބައްޔެއްގައި އުޅެންޖހުނު ނަމަވެސް ކަންބޮޑުނުވާށެވެ. އެބަލި ތިބާއަށް ޖައްސަވާފައިވަނީ ﷲ ތަޢާލާކަން ހިތްމައްޗަށް ގެންނާށެވެ. ﷲ ތަޢާލާ ލެއްވެވި ރަޙްމަތަށް ޝުކުރުވެރިވާށެވެ.
އެއްވެސް ޙާލެއްގައި މިބުނަނީ ބޭސްފަރުވާ ނުކުރުމަކަށް ނޫނެވެ. ބޭސްފަރުވާކުރަންވާނެއެވެ. އެހެނަސް ކެތްތެރިވާން މަސައްކަތްކުރާށެވެ. ޝިފާ ދެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ކެންސަރު ފަދަ ބޮޑެތި ބަލިތައް ޖެހޭ ކިތައް މީހުން ބަލިން ގަދަވޭ ހެއްޔެވެ؟ ދެން އެމީހަކު ގަދަނުވާނެކަމަށް ޑޮކްޓަރުން ބުނި ކިތައް މީހުންގެ ބަލި ފަސޭހަވެއްޖެހެއްޔެވެ؟ އެހުރިހާ ކަމަކުންވެސް އެނގެނީ ޝިފާ ލިބުން އޮތީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންކަމާއި ޝިފާ ދެއްވަވަނީ ﷲ ތަޢާލާ ކަމެވެ.
ބައްޔެއްގައި އުޅެންޖެހިފައިވާނަމަ މިބުނިމަގުން ކަންކަމަށް ވިސްނާށެވެ! އެއިރުން ހިތާމަކުރާކަށް ނުޖެހޭނެއެވެ. ލިބޭނީ އުފާވެރިކަމެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން