ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ޗައިނާއަށް ފެށި ދަތުރުތައް ކާމިޔާބު ދަތުރުތަކަކަށް ވެގެންދާނެ ކަމަށް ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޟީލް ނަޖީބު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ސަފީރު ޑރ. ފަޟީލް ނަޖީބު ވިދާޅުވީ މޯލްޑިވިއަންގެ ދަތުރުތަކަށް އޮތް ޑިމާންޑުން ފެންނަނީ ވަރަށް އުންމީދީ މަންޒަރެއް ކަމަށެވެ. އަދި ޗައިނާ މާކެޓަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ލިބޭނެ މާކެޓެއް ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް އަދި އިޤްތިޞާދަށް ވަރަށް ކާމިޔާބު ދަތުރުތަކަކަށް ވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ލަސްވެފައި ނަމަވެސް ފެށުނު ކަމަކީ ވަރަށް ރަނގަޅު ކަމެކޭ އަޅުގަނޑު ދަންނަވާނީ. މިކަން ހިފެހެއްޓުން މީގަ އެންމެ މުހިންމު ކަމަކީ. ޗައިނާ މާކެޓަކީ މީހުން ނުލިބޭނެ މާކެޓެއް ނޫން. މިއީ ވަރަށް ބޮޑު މާކެޓެއް. ދުނިޔޭގައި އޮތް މިޑްލް ކްލާސް އެންމެ ބޮޑު މާކެޓް މިއީ އިނގޭތޯ. އެހެންވީމަ މިތަނުން އަޅުގަނޑުމެން މަސައްކަތް ކޮށްފި ކަމަށްވަންޏާ އަޅުގަނޑުމެން މި ޚިދުމަތް ދަމަހައްޓައިފި ކަމަށްވަންޏާ މިއީ ވަރަށް ސަކްސެސްފުލް ސެކްޓަރއަކަށް ވާނެ މޯލްޑިވިއަންއަށް" ސަފީރު ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ސީދާ ދަތުރުތައް ޗައިނާގެ ބެއިޖިންގއަށް ފަށާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. ކޮންމެ ހަފްތާއަކު ބެއިޖިންގއަށް ދަތުރެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ބެއިޖިންގގެ އިތުރުން ޤައުމީ އެއަރލައިނުން ވަނީ ޗެންޑޫއަށްވެސް ޝެޑިއުލް ދަތުރުތައް ފަށާފައެވެ. އަދި މި މަހުގެ 27 ވަނަ ދުވަހު ޝަންގހާއީއަށްވެސް ދަތުރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުތަކުގެ ސަބަބުން ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ އިޤްތިޞާދަށް ފައިދާ ކުރާނެ ކަމަށް ބެލެވެއެވެ.