ދަރިންގެ ހިތުގަ ﷲ ތަޢާލާއަށް ލޯބިއިތުރުކޮށް ރަނގަޅު ގޮތުގަ ދަރިންގެ ހިތުގަ ﷲ ތަޢާލާއަށް ލޯބިއިތުރުކޮށް ރަނގަޅު ގޮތުގަ ތަރުބިއްޔަތުކުރުމަށް ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 59ސ
ދަރިންގެ ހިތުގަ ﷲ ތަޢާލާއަށް ލޯބިއިތުރުކޮށް ރަނގަޅު ގޮތުގަ ދަރިންގެ ހިތުގަ ﷲ ތަޢާލާއަށް ލޯބިއިތުރުކޮށް ރަނގަޅު ގޮތުގަ ތަރުބިއްޔަތުކުރުމަށް ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-

ދަރިންނަށް ކާންދޭން ފަށަމުން އެކުދިންނަށް ބިސްމިﷲ ނުކިޔޭ ޢުމުރުގައި ކުދިންނަށް އަޑުއިއްވައިގެން ބިސްމިﷲ ކިޔައި ކާންދޭން ފަށަނީ ވަރަށް ބޮޑު މަޤްޞަދެއްގައެވެ. ކުއްޖާގެ ކަންފަތަށް އެއަޑު އިއްވުމަށެވެ. އެއަޑު އިވުމަކީވެސް ކުއްޖާއަށް ފައިދާކުރާނެ ކަމަކަށްވާތީއެވެ.

ދަރިންގެ އެންމެ ތުއްތު ޢުމުރުން ފެށިފެން 2 ކަމަކަށް ސަމާލުކަން ދޭންޖެހެއެވެ. އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ކަމަކީ ދަރިފުޅުގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި ޖެއްސުވުމެވެ. ދެވަނަ ކަމަކީ ދޮގުބުނުމުގެ ނުބައިކަން ވިސްނައިދީ އެކަމުން ދަރިން ސަލާމަތްކުރުވުމެވެ.

މިގޮތުން ވަރަށް ޢާންމުކޮށް ކުރެވޭ ކަމެއްގެ މިސާލަކުން ފަށާނަމެވެ. ބައެއް ކުޑަކުދިންނަކީ އެކުދިންގެ މޮޅުކަން ދައްކަން ފޮނިކަނޑަން ބޭނުންވާ ކުދިންނެވެ. ނުކުރެވޭ ކަންކަން ކުރި ކަމަށް ހަދައިގެންވެސް ވާހަކަ ދައްކާނެއެވެ. ގިނަ ފަހަރަށް އެކަން މެދުވެރިވަނީ އޭނާ ވަރުގެ އެހެން ކުއްޖެއްގެ ކިބައިން އެފަދަ ކަމެއް ފެނުމުންނެވެ.

މިފަދަ ކަންކަން ދަރިންގެ ކިބައިން ފެނުމުންވެސް ބައެއް މައިން ބަފައިން އަޅައިވެސް ނުލާނެއެވެ. ދަރިފުޅު އަދި މާހަގު ކަމަށް ބަލައެވެ. ބައެއް މައިންބަފައިން މަސައްކަތް ކުރާނީ އެފަދަ ވާހަކަތައް ދަރިން ލައްވައި ދެއްކުވުމަށެވެ. ހީކުރެވިފައި އޮންނަނީ މިއީ ކުއްޖާއަށް ހޯދައިދެވޭ އުފަލެއް ކަމަށެވެ.

މިކަމުގެ އަޞްލަށް ބަލައިފިނަމަ މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ސަބަބަކީ ކުއްޖާއަށް އެ ހިތްވަރު ދެވެނީ ދޮގު ހެދުމަށެވެ. މިކުރެވޭ ކަމަކީ ދަރިން ލައްވައި ދޮގު ހެއްދުވުމެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ ކުދިން ބޮޑުވާއިރު ދޮގު ހެދުމުގެ ނުބައި އާދަ އެކުދިންގެ ކިބައިގައި ހަރުލާފައި ހުރުމެވެ. ދޮގު ހެދުމަކީ އެއްވެސް ނުބައި ކަމެއްކަން އެކުދިންނަށް ޤަބޫލުކުރެވިފައި ނެތުމެވެ.

އެކަމުގެ ނަތީޖާއަކަށް ވާނީ ބޮޑެތި ވުމުން ބޮޑެތި ކަންކަމުގައިވެސް ދޮގުހަދާ މީހަކަށްވުމެވެ. ދެން މިވަނީ ކިހިނެއް ހެއްޔެވެ؟ ދޮގަކީ ވައްކަން ކުރުމުގެ ތަޅުދަނޑިއެވެ. ކުއްޖާ ބޮޑުވުމުން މިދެވެނީ ވައްކަން ކުރުމާއި މަކަރާއި ހީލަތް ހެދުމާއި ވެސް ދިމާއަށެވެ.

ދަރިފުޅުގެ އުމުރު ކިތަންމެ ހަގު ނަމަވެސް އުމުރު އަދި ހަގު ކަމަށްބަލައި އެއްވެސް ނުބައި އަމަލެއް ކުރުމުގެ ފުރުޞަތު ދަރިންނަށް ދިނުމަކީ ދަރިން ނަރަކައަށް ވެއްދުވުން ފަދަ ކަމެކެވެ. އެފަދަ ފުރުޞަތު ދޭ މައިންބަފައިންނަށް އެކަމުގެ ޒިންމާ އުފުލަން ޤިޔާމަތް ދުވަހުން ޖެހޭނެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދަރިން ދެކެ ކިތަންމެ ވަރަކަށް ލޯބިވީ ނަމަވެސް ހަމަ އެއްވެސް އުމުރެއްގައި ދޮގު ހަދަން ފުރުޞަތު ނުދޭށެވެ! އުމުރާއި ގުޅޭ ގޮތުން އެއީ ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަމެއްކަން އަންގައިދީ ކުދިން އެކަމާއި ދުރުހެލިކުރުވާށެވެ! ބައެއް ކަންކަން ކުރުމުން "ޑެޑީ" ރުޅި އަންނާނެ ކަމަށް ވެސް ބުނެ ހުއްޓުވަނީ ނޫން ހެއްޔެވެ؟ ވީއިރު ﷲ ތައާލާ ކޯފާވެވޮޑިގަންނަވާނެކަން އަންގައި ނުދެވެންވީ ކީއްވެގެން ހެއްޔެވެ؟ އެއީ ހަމަ ކުރެވެން ޖެހޭނެ ކަމެކެވެ. ޢުމުރާއި ގުޅޭގޮތުން އެފަދަ ވާހަކަތައް ދައްކަން ޖެހޭނެއެވެ.

މީސްތަކުންނޭވެ! މިބުނެދިނީ ހަމަ އެންމެ ކަމެއްގެ ވާހަކައެވެ. ވިސްނަންވީ ހުރިހައި ޙަރާމް ކަންކަމާއިމެދުގައެވެ. ޙަރާމް އެއްވެސް ކަމެއް ކުރުމުގެ އާދަ ދަރިންގެ ކިބައިގައި ހަރުލިއަ ނުދޭށެވެ. އުމުރުން ހަގުވެގެން ފުރުޞަތު ނުދޭށެވެ! ހުއްޓުވުނު ގޮތަކަށް ހުއްޓުވާށެވެ! އަދަބު ދޭން ޖެހިއްޖެ ނަމަ އެކަންވެސް ކުރާށެވެ! ދަރިން ދެކެ ޙަޤީޤީ ލޯބިވުމަކީ އެއީއެވެ. އަބަދުވެސް ބުނާފަދައިން ދަރިން ދެކެ ލޯބިން ދަރިންނަށް ހެޔޮ އެދިގެން ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ ދަރިން ނަރަކައިން ސަލާމަތް ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމެވެ. ދަރިންނަށްވެސް މައިން ބަފައިންނަށްވެސް އާޚިރަތް ދުވަހު ސަލާމަތްކަން ލިބޭނީ ނަރަކައިން ސަލާމަތްވެވިގެންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން