ބިރުގަންނަންވީ މަރުވެދާނެތީއެއް ނޫނެވެ! ސަލާމަތްކަން ލިބެން އޮތީ މަރުވުމުން ދެން ތިމާއަށް ވާނެގޮތާއިމެދު ބިރުވެތިވެވުނު މީހަކަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ބިރުގަންނަންވީ މަރުވެދާނެތީއެއް ނޫނެވެ! ސަލާމަތްކަން ލިބެން އޮތީ މަރުވުމުން ދެން ތިމާއަށް ވާނެގޮތާއިމެދު ބިރުވެތިވެވުނު މީހަކަށެވެ!

މިރޭވެސް މިބުނަނީއެވެ! މަރުވިއްޔާ އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުވެވިއްޖެނަމަ އެމީހަކުވާނީ ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތުގައެވެ. މުޅި ދުނިޔެ ލިބުމަށްވުރެވެސް މާބޮޑު އުފާވެރިކަމެއްގައެވެ.

ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތައް ހަދާފައި ތިބާ މާދަމާވެސް މަރުވެދާނެކަމުގެ އިންޒާރު ޑޮކްޓަރަކު ދީފިނަމަ ބިރުން ތެޅިފޮޅި ގަނެވެއެވެ. އެކަމަކު މަރުވާނެ ކަމާއި މަރުވުމުން ދެން އެމީހަކާއިމެދު ކަންކަން ވެގެންދާނެ ގޮތް ﷲ ތަޢާލާ ވަޙީކުރައްވަވާފައި އޮތުމަކުން އެކަމަކަށް ބިރެއް ނުގަނެއެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިނުވެ ފާފަކުރާ މީހާމަރުވުމުން ގަދަފަދަ ޢަޛާބު ދެއްވަވާނެކަމަށް އޮތް ބަސްފުޅަކަށް ބިރެއް ނުގަނެއެވެ. ވީމާ އިތުރަށް ވިސްނައިލަމާ ހިނގާށެވެ.

މަރުވާނެކަން އެންމެންވެސް ޤަބޫލުކުރެއެވެ. މުސްލިމުންނާއި މުސްލިމުން ނޫން މީހުންނާއި މިހެންގޮސް ދުނިޔޭގައި ތިބި އެންމެންވެސް އެމީހާ މަރުވާނެކަން ޤަބޫލުކުރެއެވެ. އެއީ ދުނިޔޭގައި މީސްތަކުން ލެއްވެވީންސުރެ މިހައިތަނަށް އެއްވެސް މީހަކަށް މަރުނުވެ ދިރިހުރެވިފައި ނެތުމުންނެވެ.

ބައަކަށް ޔަޤީން ނުކުރެވިގެން މިއުޅެނީ މަރުވުމުން ދެން ކަންތައްތައް ވާނެ ގޮތެވެ. އެމީހުންނަށް އެކަންކަން ޔަޤީން ނުކުރެވުނު ނަމަވެސް އެއްވެސް މުސްލިމަކަށް އެކަންކަމަކީ އޮޅިފައިވާ ކަންކަމެއް ނޫނެވެ.

މަރުވާނެކަން ޔަޤީންކުރުމަކީ މަރުވުމުން ދެންވެސް ކަންތައްތަކެއް ހިނގާނެކަން ޤަބޫލުކުރުމެވެ. ބަރުޒަޚްގެ ޢާލަމްގައާއި ޤިޔާމަތް ދުވަހު އިމްތިޙާންތަކެއް ކުރިމަތިވާނެކަން ޤަބޫލުކުރުމެވެ. މިއަދު މައްސަލައަކަށް ވެގެން މިއުޅެނީ އެންމެންވެސް މަރުވެދާނެ ކަމަށް ބިރުގަންނައިރު މަރުވުމުން ދެން ވާނެ ގޮތަކާއިމެދު ބިރު ނުގަނެވޭ ކަމެވެ.

ވިސްނުން އެއްފިޔަވަޅު ކުރިއަށް ޖައްސައިލަމާ ހިނގާށެވެ! މީހަކަށް ވަޒީފާދީ މަސައްކަތު ނެރުނީ ކަނޑައެޅިގެންވާ މަސައްކަތްތަކެއް ކުރުމަށެވެ! އެ މަސައްކަތް ނުކުރާނަމަ އެމީހަކާއިމެދު އަޅަންޖެހޭ ފިޔަވަޅު ނުއަޅައި ދޫކުރާނީ ކޮން ސަރުކާރަކުން، ނުވަތަ ކުންފުންޏަކުން ހެއްޔެވެ؟

ﷲ ތަޢާލާ މީސްތަކުން ދުނިޔެއަށް ފޮނުއްވެވީވެސް ހަމަ އެފަދައިންނެވެ. އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. ކިޔަމަންތެރިވުމަށެވެ. އެކަން ނުކުރެވިއްޖެ ނަމަ އެއޮތީ ވަޒީފާގައި ފޭލްވެފައެވެ. ފޭލްވެއްޖެ ވަންނަން ހުރި ތަނަކީ ނަރަކަކަމަށްވެސް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ.

ވީމާ ސަލާމަތްކަން އެދޭނަމަ މަރުވުމަށް ބިރުގަންނަވަރަށްވުރެ ބޮޑަށް މަރުވުމުން ދެން ވާނެ ގޮތަކާއިމެދު ބިރުވެތިވާށެވެ! އެބިރުވެރިކަން ނެތި ސުވަރުގެ ނުލިބޭނެކަން ކީރިތި ޤުރްއާނުން އނގެން އެބައޮތެވެ.

---އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން