އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް، ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދިއަ ތަނެއް ބަލައި ފާސްކޮށް 13 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މިކަމާގުޅިގެން އިމިގްރޭޝަނުން ބުނެފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު ޓާސްކުފޯހުން މާލޭގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި، އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް، ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދިއަ ތަނެއް ވަނީ ބަލައި ފާސްކޮށްފައި ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް މިތަނުގައި އުޅެމުންދިއަ 13 ބިދޭސީއަކު ވަނީ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
މީގެ އިތުރުން އިމިގްރޭޝަނުން ވަނީ އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާއްމު މަސްލަހަތު ގެއްލޭފަދަ ކަންކަން ހިންގަމުންދާކަން ފާހަގަކުރެވޭތީ، އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން ވަނީ މިފަދަ ސަރަހައްދުތައް މޮނިޓަރކުރަން ފަށާފައެވެ. އަދި އާއްމު މަސްލަހަތައް ނުރައްކާވާފަދަ މިފަދަ އަމަލުތައް ތަކުރާރުވިއަ ނުދިނުމަށްޓަކައި މި ހަރަކާތް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މި ހަރަކާތްތައް ކުރިއަށްދާއިރު ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ ޓާސްކުފޯހުން އެފަދަ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް އިމިގްރޭޝަނުން ވަނީ ދެއްވާފައެވެ.