ޢާއިލާ ރޭވިދާނެއެވެ! ދޭތެރެ ދުރުކުރެވިދާނެއެވެ! ނަމަވެސް އެއްގޮތަކަށްވެސް ދަރިން ނުލިބޭނެ ގޮތް ހެދުމަކީ އަމިއްލައަށް ގޮތްނިންމައި ކޮށްގެންވާނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ޢާއިލާ ރޭވިދާނެއެވެ! ދޭތެރެ ދުރުކުރެވިދާނެއެވެ! ނަމަވެސް އެއްގޮތަކަށްވެސް ދަރިން ނުލިބޭނެ ގޮތް ހެދުމަކީ އަމިއްލައަށް ގޮތްނިންމައި ކޮށްގެންވާނެ ކަމެއް ނޫން!

ޞީއްޙީ މަޖުބޫރު ޙާލަތަކާއި ނުލައި ދަރިން ނުލިބޭނެ ގޮތް ހެދުމާއިބެހޭގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަން އޮތް ގޮތް ވަރަށް ސާފުކޮށް އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ 

މުސްލިމުން ކޮންމެ ކަމެއް ކުރުމުގައިވެސް ބަލަން ޖެހޭނީ އެކަމެއް ކުރުމުން އާޚިރަތުގައި ފައިދާކުރާނެ ގޮތަކަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ގޮތަށް ނޫނީ އެއްވެސް ކަމެއް ކުރުމެއް ނެތެވެ. 

ދިރިއުޅުމުގެ ކަންކަމަށާއި އަނބިމީހާގެ ޞިއްޙީ ޙާލަތަށް ބަލައި އަމިއްލައަށް ޢާއިލާ ރޭވިދާނެއެވެ. (ދަރިން ލިބުމުގެ ދޭތެރެ ދުރުކުރެވިދާނެއެވެ.) ނަމަވެސް ދަރިން ނުލިބޭނެ ގޮތަށް ދެމަފިރިންކުރެ ކޮންމެ މީހަކު ނަމަވެސް އޮޕަރޭޝަންކޮށް ދަރިން ލިބުން ހުއްޓުވޭނީ އެކަމަށް ޝަރުޠު ހަމަވެގެންނެވެ. 

ނަމަވެސް މިހާރަކަށް އައިސް ތަފާތު ސަބަބުތަކާއި ހުރެ އަމިއްލައަމިއްލައަށް ޑޮކްޓަރުން ގާތަށް ގޮސް ދަރިމައި ނުވާ ގޮތަށް އެބަ އޮޕަރޭޝަންތައް ކުރެއެވެ. އެއީ އިސްލާމް ދީނުގައި އެކަން ކުރަން އޮތް ގޮތެއް ނޫނެވެ. އެފަދަ އޮޕަރޭޝަނެއް ކުރަންޖެހޭނީ އިތުބާރުކުރެވޭ ޑޮކްޓަރުން އެކަމަށް ލަފާ ދިނުމުންނެވެ. ޑޮކްޓަރުން އެކަމަށް ލަފާދޭން ޖެހޭނީ ދަރިމައިވުމުން މައިމީހާގެ ފުރާނައަށް ގެއްލުންވާފަދަ މައްސަލައެއް މައިމީހާގެ ކިބައިގައި ހުރިކަން ޔަޤީން ކުރެވޭނަމައެވެ. 

ބައެއް ޢިލްމުވެރިންގެ ނަޒަރުގައި ޑޮކްޓަރުންގެ ހުއްދަ ނެތި ދަރިމައި ނުވާގޮތް ހެދުމަކީ ޝަރުޠު ހަމަނުވަނީސް ދަރިން ވެއްޓުން ފަދަ ކަމެކެވެ. ނުވަތަ އެއަށްވުރެވެސް ބޮޑު ފާފައެކެވެ. 

ދަރިން ގިނަ ވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ދުނިޔަވީ ސަބަބަކާއިހުރެ ދަރިމައިނުވާ އޮޕަރޭޝަން ކުރުމުގައި އިތުރު ގެއްލުންތަކެއްވެސް އެބަހުއްޓެވެ. ސަބަބަކީ ފަހުން ޚިޔާލު ބަދަލުވެ ދަރިއަކު ހޯދަން ބޭނުންވި ނަމަވެސް އެކަމުގެ ފުރުޞަތު ގެއްލިގެން ދިއުމެވެ. 2 ދަރިން ލިބުމުން ފުދުނީ ކަމަށްބަލައި އެފަދަ އޮޕަރޭޝަނެއް ކުރާ ފަހުން ދަރިއަކު ނުވަތަ ދެ ދަރިން މަރުވެފައިވެސް އެބަހުއްޓެވެ. އެ ޙާލަތުގައި އަލުން ދަރިއަކު ހޯދަން ބޭނުންވި ނަމަވެސް އެ ފުރުޞަތު ލިބުން ވަނީ ވަރަށް ނާދިރު ކަމަކަށެވެ. އަދި ކައިވެނި ރޫޅި އިތުރު ކައިވެންޏެއް ކުރަން ޖެހޭ ހާލަތުގައި ދަރިއަކު ބޭނުންވުމުން ވެސް ހަމަ މި މައްސަލަތައް ކުރިމަތިވާނެއެވެ. 

މިކަމުގެ އެންމެ ނުރައްކާތެރިކަން ބޮޑު ކަމަކީ މިޒަމާނުގައި އެފަދަ އޮޕަރޭޝަނެއް ކުރުން ގިނަ ފަހަރު ވެގެންދަނީ ޒިނޭ ކުރަން ދެވޭ ތަޅުދަނޑިއަކަށް ކަމެވެ. ދެން ދަރިއަކު ނުލިބޭނެ ކަމުގެ ޔަޤީންކަން އޮޕްރޭޝންކުރެވުނު މީހާއަށް މީހާއަށް ލިބުން ވެގެންދަނީ ވަރަށް ނުރައްކައުތެރި ކަމަކަށެވެ. އޮޕަރޭޝަންކުރެވުނު މީހާއަށް ކަމަށް މިބުނީ ފިރިހެނުންވެސް އެފަދަ އޮޕަރޭޝަން ކުރާތީއެވެ. ވީމާ އެހެން ގޮތެއް ނެތިގެން ނޫނީ ދަރިމައިނުވާ ނުވަތަ ދަރިން ނުލިބޭނެ އޮޕަރޭޝަން ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

 

- ޝައިޚް އަހްމަދު ހަމްބަލް ގެ ދަރުސަކުން

 

މިއަދު އޮންލައިން