ދޮގުހަދާ އެކުވެރިންނާއެކު އުޅުމަކީ ދިރިއުޅުން ހަލާކުވާ ކަމެއް! ބައިވެރިޔާ ކަމަށްވީނަމަވެސް ހުއްޓާނުލައިފިނަމަ އޮތީ ވަކިވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ދޮގުހަދާ އެކުވެރިންނާއެކު އުޅުމަކީ ދިރިއުޅުން ހަލާކުވާ ކަމެއް! ބައިވެރިޔާ ކަމަށްވީނަމަވެސް ހުއްޓާނުލައިފިނަމަ އޮތީ ވަކިވުން!

އޭނާއަކީ ދޮގުހަދާ މީހެއްކަން އެނގިހުރެވެސް ބައެއް މީހުން އެމީހުންނާއި ގުޅިގެން އުޅެއެވެ. އެކަމުން ވަރަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. އެންމެ ބޮޑު އެއް ގެއްލުމަކީ ދޮގުހަދައިގެން ދައްކާ ވާހަކަތަކުގެ އަޑު އިވުމުން އެވާހަކަތައް ޤަބޫލުނުކުރެވުނަސް ހިތުގައި ޝައްކުތައް އުފެދޭ ކަމެވެ.  

ވިސްނާށެވެ! އެވެނި މީހަކު މިވެނި ދޮގެއް ހަދައިފިކަމަށް އެހެން މީހުންގެ ގާތުގައި ބުނެވޭނަމަ އެކުރެވެނީވެސް ފާފައެކެވެ. ސަބަބަކީ އެއިރުން އެދޮގު ފެތުރާމީހަކަށްވެވޭކަމެވެ. މިފަދަ އެތައް ކަންތައްތަކެއް ކުރިމަތިވެއެވެ. ސަލާމަތްވެވެން އޮތީ ދޮގުހަދާ މީހުންނާއި ދުރުހެލިވެގެންނެވެ. ` 

ބައެއް މީހުންނަށް ހީވަނީ ވައްކަން ކުރުމުން އަތްކަނޑަން އޮވެފައި ދޮގު ހެދުމުން ދޫބުރިކޮށްލަން ނެތުމުން ދޮގުހެދުމަކީ އެއްވެސް ފާފައެއް ނޫން ކަމަށެވެ. ނަމަވެސް ހަޤީޤަތަކީ ދޮގު ހެދުމަށްވެސް ބޮޑެތި އަދަބުތައް ވެސް އެބަހުރިކަމެވެ. ހައްދު ޖެހުންވެސް އެބައޮތެވެ. ހެދި ދޮގުގެ ސަބަބުން ޢާންމުވި ފިތުނައިގެ ބަދަލު ހޯދުންވެސް އެބައޮތެވެ. ދޮގު ހެދުމަކީ ނުވަތަ ދޮގު ބުނުމަކީ ހަމަ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ. 

ކަންކަމަށް ކެތްތެރިވެ އެކުގައި އުޅެން އެންމެ ބޮޑަށް މަސައްކަތްކުރަންވީ ޙަޔާތުގެ ބައިވެރިޔާއާއިއެކުގައެވެ. ޙަޔާތުގެ ބައިވެރިޔާ ނަމަވެސް ދޮގުހެދުން ހުއްޓާނުލައިފިނަމަ އެކުގައި ދިރިއުޅެން މަސައްކަތް ކުރުމެއްނެތެވެ. އޮތީ އެމީހަކާއި އަވަހަށް ދުރުހެލިވުމެވެ.  

އެއްވެސް މީހަކީ ދޮގު ހަދާ މީހަކުކަން އެނގިއްޖެނަމަ އެކަން ހުއްޓުވޭތޯ މަސައްކަތްކުރަންވާނެއެވެ. ނަމަވެސް އެމީހާ ދޮގުހެދުން ހުއްޓާނުލައިފިނަމަ އެމީހަކު ލައްވައި އިތުރަށް ދޮގު ނުހައްދުވައި ވީހައި އަވަހަކަށް އެމީހަކާއި ދުރުހެލިވާންވީ އެމީހެއްގެ ކިބައިން ލިބިދާނެ ފައިދާއަކަށްވުރެ ލިބިދާނެ ގެއްލުން މާބޮޑުވީމައެވެ. 

ޚުދު ތިމާގެ ފިރިމީހާ ނަމަވެސް އަނބިމީހާ ނަމަވެސް ތަޝައްރަފް ފުދިފައިވާ ދަރިއަކު ނަމަވެސް ދޮގު ހަދާކަން ޔަޤީން ވުމުން ދުރުވެވެން އޮތް މިންވަރަށް ދުރުހެލިވާންވާނެއެވެ. ރައްޓެއްސަކު ނަމަ އެކުގައި ދުރުހެލިވާންވާނެއެވެ.  

ދޮގު ހަދާކަން އެނގިއްޖެނަމަ އެކަން ނުކޮށް ހުއްޓައިލުމަށް ނަޞޭހަތްތެރިވާށެވެ! ދެވަނަ ފަހަރަށް ދޮގު ހަދައިފިނަމަ ވެސް އެކަމުގެ ހުރި ނުބައިކަން ވިސްނައިދޭށެވެ! ޤަބޫލުނުކޮށް 3 ވަނަ ފަހަރު ދޮގުހަދައިފިނަމަ އެމީހަކާއި އޮތީ ހަމަ ގުޅުން ކަނޑައިލުމެވެ. ސަބަބަކީ ދޮގު ހެދުމަކީ ފިތުނައިގެ ފެށުމެވެ. އެ ފިތުނައިގެ ހުޅުކޮޅު ބޮޑުވެ މުޅި ޢާއިލާއެކުގައި އަނދާފައި އެބަހުއްޓެވެ. މުޅި މުޖުތަމައު ވެސް އެކުގައި އަނދާފައި އެބަހުއްޓެވެ. މާނައަކީ ޢާއިލާތަކުގައި ފިތުނަ އުފެދި ޢާއިލީ ގުޅުންތައް ކެނޑި، ޢާއިލާތައް ރޫޅޭކަމެވެ. މުޅި މުޖުތަމައު ފަސާދަވެ ބޮޑެތި ތަޅާފޮޅުމާއި ހަނގުރާމަތައް ހިނގާ ކަމެވެ.  

ވީމާ ބައެއް އިލްމުވެރިންގެ ނަޒަރުގައި ދޮގުހެދުމަކީ ހަމަ އެންމެ ބޮޑުފާފައެކެވެ. އެކަމަށް ޙައްޤު ޢަޛާބު ﷲ ތަޢާލާ ދެއްވަވާނެއެވެ! ވީމާ ދޮގު ހެދުމުގެ ނުބައި އާދަ އަވަހަށް ދޫކޮށްލާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން