ދެން މިބަލައިލަނީ ލޯބިވަމޭ ބުނަމުން ފާފަކުރުވާ މީހުންނަށެވެ. އެއީވެސް ވަރަށް ނުރައްކައުތެރި ބައެކެވެ. ތިބާގެ އަތުގައި ހިފައި ދަމަމުން ގެންގޮސް ނަރަކައަށް ވައްޓާލަން މަސައްކަތްކުރާ މީހުންނެވެ.
ލޯތްބޭ ކިޔާ ކަންތައް ޖެހުނީމާ ގިނަބައެއްގެ ނަފްސް އެމީހުންގެ އަމިއްލަ ކޮންޓްރޯލުން ނެއްޓިގެންދެއެވެ. ލޯބިވެރިޔާއަށް އަޅުވެތިވެވެއެވެ. އެއަޅުވެތިކަމުގެ ސަބަބުން ކަސްތޮޅުއެޅި ބައެއް މީހުން ﷲ ޙަރާމްކުރެއްވި ޢަމަލުތައް ކުރުމަށްފަހު އެކަންކުރީ ލޯބިވެރިޔާ ރުއްސަން ކަމަށް އެބަބުނެއެވެ. ލޯބިވެރިޔާ ނުރުހި ރުޅިވެދާނެތީކަމަށް އެބަ ބުނެއެވެ. މާނައަކީ ލޯބި ގެއްލިދާނެތީއެވެ.
ކިތަންމެ ބޮޑަށް ލޯބިވާ ލޯބިވެރިޔާކަމުގައި ވީނަމަވެސް މީހެއްގެ މަޅީގަ ޖެހި ފާފަކުރެވޭނަމަ ކުށްވެރިކުރަންވީ އެމީހާއެއް ނޫނެވެ. އަމިއްލަ ނަފުސެވެ. މާފަށް އެދެންވީ އަމިއްލަ ނަފުސުގެ ކިބައިންނެވެ. ދެރަވެ ނިކަމެތިވެ ހިތާމަކުރަންވީ ފާފަނުކޮށް ހުރުމުގެ ބާރު ﷲ ދެއްވެވުމުން އެ ނިޢްމަތުގެ ބޭނުން ނުހިފައި ދޫކޮށްލެވޭތީއެވެ!
މީސްތަކުން ލައްވައި ފާފަކުރުވާ ބޮޑު އިބިލީސްގެ ބޮލުގައި ވެސް ތިމާކުރިފާފަތައް އަޅުވާފައި ތިމާއަށް ސަލާމަތް ނުވެވޭނެއިރު އެހެން މީހެއްގެ ބޮލުގައި ފާފަ އެޅުވުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ފާފަކުރި މީހާޢަށް އެކަމުގެ ޒިންމާ އުފުލަން ނުޖެހި ޤިޔާމަތް ދުވަހު ސަލާމަތެއް ނުވެވޭނެއެވެ. ފާފަކުރިމީހާ ފާފަވެރިވެ ނަރަކައަށް ވަންނަން ނުޖެހޭނެ އެއްވެސް ގޮތެއް ނެތެވެ! ﷲ ތަޢާލާ ޢަފޫކުރައްވަވައިފިނަމަ މެނުވީއެވެ!
ވީމާ ފާފަކުރުވާ މީހާގެ ކިބައިން އަވަހަށް ސަލާމަތްވާށެވެ! ތިބާ އެމީހަކު ދެކެ ކިތަންމެ ވަރަކަށް ލޯބިވީނަމަވެސްމެއެވެ. ތިބާއަށްޓަކައި އެއީ ލޯބިވެރިއެއް، އެއްވެސް ވަރަކަށް ހެޔޮ އެދޭ މީހެއް ނޫނެވެ. އެއީ ޝައިޠޯނެކެވެ! ޝައިޠޯނާގެ ކަސްތޮޅުން ސަލާމަތްވެ ތައުބާވުމަށް އަވަސްވެގަންނާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން