ދަރިން ލިބުމުން އަމިއްލަ އުފާވެރިކަމަށްވުރެ ދަރިންގެ އުފާވެރިކަމަށް ވިސްނާ މީހުންނަށް ލިބޭނެ ޙަޤީޤީ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 59ސ
ދަރިން ލިބުމުން އަމިއްލަ އުފާވެރިކަމަށްވުރެ ދަރިންގެ އުފާވެރިކަމަށް ވިސްނާ މީހުންނަށް ލިބޭނެ ޙަޤީޤީ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ

ފުރަތަމަ ކަމަކީ އެއްވެސް މީހަކަށް ދެރައެއް ދީފައި ތިމާއަށް އުފަލުގައި ނުހުރެވޭނެ ކަމެވެ. ކުރިމަތިވާ ހިތްދަތިކަން މާބޮޑުވާނެކަމެވެ. އެހެންކަމަށްވާއިރު ތިމާއަށް ލިބިފައިވާ ދަރިން ނިކަމެތިކޮށް ހިތްދަތިކުރުވާފައި އެމީހަކަށް ލިބޭނީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟  

ދެން ބުނެލަން ބޭނުންވަނީ ދަރިން ލިބުމުން އެދަރިންގެ ޙައްޤުގައި ތިމާމެންގެ އަމިއްލަ އުފާތައް ޤުރްބާންކުރާނަމަ އެބައަކަށް (އެމީހަކަށް) ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބި އިތުރުވަމުންދާނެ ކަމެވެ. އެކަމުން ލިބޭނެ އުފާވެރިކަމާއި ކުރިއެރުން މާބޮޑުވާނެ ކަމެވެ.  

ދުނިޔޭގެ ޙަޔާތަކީ ދާދިމަދު ދުވަސްކޮޅެކެވެ. އޮންނާނީ ދުނިޔެއާއި ވަކިވާންޖެހިފައެވެ. އެހިސާބުން ފެށިގެން އެދަނީ އެމީހެއްގެ އުޚުރަވީ ޙަޔާތެވެ. ނިމުމެއް ނެތް އެޙަޔާތުގައި އުފާވެރިކަން ލިބުން އޮތީ ﷲ ތަޢާލާގެ މަގުގައި ދުނިޔޭގައި އުޅެވުނު ނަމައެވެ.  

ދަރިން ލިބުމުން ބަލަހައްޓައި ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަކީ ގަދައަމުރުފުޅަކުން ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވާ ކަމެކެވެ. ދެމަފިރުންގެ މައްޗަށް އޮތް ވާޖިބެކެވެ. ފިރިމީހާގެ ދައުރު ބޮޑުވެގެންވެއެވެ. ވީމާ ޙަޤީޤީ އުފާވެރިކަން ބޭނުންވާނަމަ ދަރިން ލިބުމުން އަމިއްލަ އުފާތައް ޤުރްބާންކޮށްފައިވެސް ދަރިންނަށް އިސްކަންދޭށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް ދެދުނިޔޭގައިވެސް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

މިއުޅެނީ ވަކިބައަކު ކުށްވެރިކުރާކަށް ނޫނެވެ. ކުރަންޖެހިގެން މިއުޅޭކަމަކީ ހުޅަގުގެ އުޞޫލުތަކުން އަހަރެމެންގެ ތެރެއަށް އަންނަމުންދާ ކަންކަމަށް ހޭލުންތެރިވުމުގެ މުހިންމުކަމުގެ ވާހަކަދެއްކުމެވެ.  

އަހަރެން ތަހުޛީބެކެވެ ނުކިޔާނަމެވެ. "ގޮނޑު" ހުޅަނގުގައި ދަރިން ލިބުމުން ބެލުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެއް ނޫނެވެ. ކޮންމެވެސް ބޯޑިންގެ އެއްގެ މަސްއޫލިއްޔަތެކެވެ. ވީމާ މައިންބަފައިން ދުވަހަކު އެކުގައި ދިރިނުއުޅުނު ނަމަވެސް ބޯޑިންގަށް ފައިސާ ދައްކާނަމަ ދަރިންބަލައިދޭނެއެވެ. ހުޅަނގުގެ މިފަދަ "ގޮނޑު" އުޞޫލުތަކަށް މުސްލިމުން ޢަމަލުކޮށްގެން ނުވާނެއެވެ. އެ ޙާލަތުން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!   

ކޮންމެ ދެމަފިއަކުވެސް ކައިވެނި ކުރަނީ ހިތްހަމަޖެހިގެން ތިބެއެވެ. ދަރިން ހޯދަނީ ވެސް ހިތްހަމަޖެހިގެން ތިބެއެވެ. ދަރިން ލިބުން ލަސްވުމުން ކަންބޮޑުވެއެވެ. 3،4 ދަރިން ލިބޭ ފަހުން ކޮންމެވެސް އެކަކު ބަހަނާތަކެއް ދައްކާފައި ކުދިންކޮޅު އެބަ ނިކަމެތިކޮށްލައެވެ. މައިންބަފައިން ދުނިޔޭގައި ތިބެމެ އެކުދިންކޮޅު އެބަ ޔަތީމުކޮށްލައެވެ. އެކުދިންގެ އެއްވެސް ކުށަކާއި ނުލައެވެ. ދެމަފިރިންކުރެ ކޮންމެވެސް އެކަކަށް ކޮންމެވެސް މޮޅު ގޮތެއް ފެނިގެންނެވެ.  

ބައެއް ޙާލަތްތަކުގައި ދެމަފިރިން ވަކިވުމަށްފަހު ދަރިން އެބަ ފޮރުވައެވެ. މިބުނަނީ އެކަކަށް ދަރިން ނުވެސް ދައްކާ ވާހަކައެވެ. ބައްދަލު ކުރިއަވެސް ނުދޭ ވާހަކައެވެ. މިކަމުގައި ފިރިހެނުން ނުވަތަ އަންހެނުން ކުށްވެރިކުރާކަށް ނެތީމެވެ. ދެމީހުންވެސް އެފަދަ ކަންކަން ކުރާތީއެވެ.  

މައްސަލައަކަށްވަނީ އެހިސާބުން ދަރިންނަށް މަންމަ ނުވަތަ ބައްޕަ ގެއްލިގެންދާ ކަމެވެ. އެކަމުން މަންމަ ނުވަތަ ބައްޕައަށް ހިތްހަމަޖެހުން ލިބިދާނެއެވެ. ނަމަވެސް ކުދިންނަށް ލިބެމުންދާނީ އަނިޔާއެވެ. އެފަދަ އަނިޔާގެ ސަބަބުން މާޔޫސް ބަލި ޖެހޭ ކުދިންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.  

ކައިވެނިކޮށް ދަރިން ލިބުމުން ދެމަފިރިން ވަކިވުމަކީ ދެން އެހެން ގޮތެއް ނެތިގެން ނޫނީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހިސާބުން ބަލަން ޖެހޭނީ ތިމާމެންގެ އަމިއްލަ އުފާތަކަކަށް ނޫނެވެ. ދަރިންގެ އުފާތަކަށެވެ. ދެމަފިރިންގެ މެދުގައި މައްސަލަ ޖެހުނު ނަމަވެސް ދަރިންގެ ޙައްޤު ކުރިއަށް ނެރެ ދެމަފިރިން ވަކި ނުވެ އެކުގައި އުޅެވޭތޯ ބެލުމަކީ ކުރެވޭ ވަރަށް މަތިވެރި ޖިހާދެކެވެ. އެ ޖިހާދުގެ މޭވާ ވެސް ހަމަ އެހައި ފޮނިވާނެއެވެ.  

މީގައި ވިސްނަން ޖެހޭ ކަމަކީ ދަރިން ލިބޭ ފަހުން ވެސް މާ ލޯބި ލޯބިވެރިއަކު ފެނިގެން ދެމަފިރިން ވަކިވާކަމެވެ. އަހަރެންނަށް އެނގުނު ގޮތުގައި ވަރިވާ މީހުންގެ 80 އިންސައްތަ ވަރިވެފައިވަނީ ކޮންމެވެސް އެކަކަށް މާވަރުގަދަ ލޯބިވެރިއަކު ފެނިގެންނެވެ. ވަކިވުމުގެ ބަހަނާއަކަށް ކޮންމެ ކަމެއް ދެއްކި ނަމަވެސް ފޮރުވިފައި އޮންނަ ބޮޑު ސިއްރަކީ މާވަރުގަދަ ލޯބިވެރިއަކު ފެނުން ކަމަށެވެ.

ނިކަން ވިސްނައިބަލާށެވެ! ކައިވެންޏަށް ދަރިން ލިބުމުން ދަރިންގެ ލޯތްބަށްވުރެ މުހިންމުވާނެ ލޯތްބެއް އޮންނާނެ ހެއްޔެވެ؟ ޤްރްބާން ވާންވީ ދަރިން ރަނގަޅު ގޮތުގައި ބަލައި ބޮޑުކޮށް އެކުދިންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދީގެން އެކުދިންގެ ލޯބި ހޯދަން ނޫން ހެއްޔެވެ؟ އެދަރިންނަށްވުރެ ތިމާ ދެކެ ލޯބިވާނެ މީހަކު ހޯދާނީ ކޮންތަނަކުން ހެއްޔެވެ؟  

ޚާއްޞަކޮށް ބައްޕައިން މިކަމަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. އެހެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ބަލަދުވެރި ބެލެނިވެރިއަކީ ބައްޕަ ކަމަށްވުމުންނެވެ. ދަރިން ދޫކޮށްލާފައި ދިއުމުން އެދަރިންނަށް ލިބޭ ކޮންމެ ނިކަމެތިކަމެއްގެ ޒިންމާ އުފުލަންޖެހޭނެ މީހަކީ ބައްޕަ ކަމުގައިވާތީއެވެ. އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމަކީ ދެމަފިރިންގެ ޒިންމާއެއް ނަމަވެސް އެކަމުގައިވެސް އެންމެ ބޮޑު ޒިންމާއެއް އުފުލަންޖެހޭނީ ބައްޕައަށް ކަމުގައިވާތީއެވެ.  

ކޮންމެއަކަސް ދެމަފިރިންނަށް އެކުގައި އުޅެވޭނެ އެއްވެސް ގޮތެއް ނެތިގެން ވަކިވި ނަމަވެސް، އަދި ދަރިން ބެލުމާއި ހަވާލުވީ ކޮންމެ މީހަކު ނަމަވެސް ދަރިން ނުފޮރުވާށެވެ! މަންމަ ނުވަތަ ބައްޕަގެ ލޯބިން ދަރިން މަޙްރޫމް ނުކުރުވާށެވެ! އެކަމުން ދަރިންނަށް ލިބޭ އަނިޔާގެ ބަދަލެއް ނުދެވޭނެއެވެ. ކުދިން ކުޑަ ނަމަ މަންމަ ނުވަތަ ބައްޕަ ދައްކާ ވާހަކަ އެވަގުތު ޤަބޫލުކޮށް އެކަކަށް ނަފްރަތުވެސް ކޮށްފާނެއެވެ. ނަމަވެސް އެކުދިންނަށް ތަންދޮރު އޮޅުންފިލައި ހަޤީޤަތް އެނގޭ ދުވަހު ކުރިން ކުރި ނަފުރަތު އެނބުރި ތިމާއަށް ރައްދުވުން އޮންނާނީ ދާދިގާތުގައެވެ. އެއީ ގިނަ ބައަކަށް އަބަދުވެސް ކުރަން ޖެހިފައި އޮންނަ ވަރަށް ހިތި ތަޖުރިބާއެކެވެ.  

ބައެއް ފިރިންނަށް ޤަބޫލުކުރެވިފައި އޮންނަނީ ދަރިން ލިބިފައިވާނަމަ އަނބިމީހާ އާއިމެދު ކޮންމެ ގޮތަކަށް އަމަލުކުރިނަމަވެސް އަނގަބަންދުކޮށް އަޅުވެތިވެގެން ގޭގައި މަޑުން އިންނާނެ ކަމަށެވެ. ހަމައެއާއިއެކު ކުރާ މަސައްކަތުން އާމްދަނީ ލިބޭތީ ކޮންމެ ޢިއްދައެއް ހަމަވުމުން ފިރިއަކާ ކައިވެނިކުރުމަކީ މައްސަލައެއް ކަމަށް ނުދެކޭ އަންހެނުންވެސް އެބަ އުޅެއެވެ. ވީމާ އޮތީ ވަކިބައަކު ކުށްވެރިކުރުމެއް ނޫނެވެ! ޙަޤީޤީ ޙައްލަކީ ދަރިން ލިބުމުން ދެމީހުން ވަކިނުވެ ދިރިއުޅެން މަސައްކަތްކުުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން