އެއީ އެއްވަރުގެ ތަނަވަސް ދެމީހުންނެވެ. އަނބިމީހާއާއި ފިރިމީހާއަކީވެސް ތަނަވަސް ދެ މީހުންނެވެ. ދެމީހުންގެ ކައިވެނީގެ ކުރިން އެއްބަސްވުމެއް ތައްޔާރުކޮށް ސޮއިކުރިއެވެ. އެއިގެ އެއް މާދާއެއްގައި ބުނެފައިވަނީ އެކުގައި ދިރިނޫޅެވިގެން ކައިވެނިރޫޅަންޖެހިއްޖެ ޙާލަތެއްގައި އެކަންކުރަންވާނީ ދެމީހުންގެ މެދުގައި މަޝްވަރާކޮށްގެން އަނެކާއަށް އަނިޔާއަކަށްނުވާނެ ގޮތަށް ކަމަށާއި އަދި އެއްވެސް މީހަކު އަނެކާއަށް ބޭވަފާތެރިވެ ޚިޔާނާތްތެރިވެއްޖެނަމަ ޚިޔާނާތްތެރިވީމީހާގެ ތަނަވަސްކަމުން ދެބައިކުޅައެއްބައި އަނެކާއަށް އެއްވެސް އިތުރު ޝަރުޠެއްނެތި ދޭންޖެހޭނެ ކަމަށެވެ.
ކައިވެނިކުރެވިއްޖެއެވެ. ކައިވެނީގައި ދުވަސްކޮޅެއް ފާއިތުވުމުން އަނބިމީހާ ވިސްނަމުންދިއައީ ފިރިމީހާ ރަނގަޅަށް ފްރޭމްކުރުމަށްފަހު އޭނާގެ ތަނަވަސްކަމުން ބައެއް އަތުލާނެ ގޮތަށެވެ. އެކަމަށް ވިސްނަމުން ގޮސް ރަށްފުށުގެ ވަރަށް ރީތި އަންހެންކުއްޖަކު ނޯކަރެއްގެ ގޮތުގައި ގެއަށް ގެނައެވެ.
އޭނާގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ހަދާފައި އޮތީ ކުރުހެދުންލައިގެން ފިރިމީހާގެ ކުރިމަތީގައި އުޅެ ފިރިމީހާ މަޅީގައި ޖެއްސުވުމެވެ. އެކަމަށް ބޮޑުއަގެއް ކަނޑައަޅައި އެއްބައި ކުރިއަށްވެސް ދިނެވެ. ކަންތައް ކާމިޔާބުވުމުން އަނެއްބައި ދޭގޮތަށެވެ.
އަންހެންކުއްޖާ ދިއައީ އެކަމަށް މަސައްކަތްކުރަމުންނެވެ. ކުރިހެދުންލައިގެންނާއި ގައިފެންނަފަދަ ތުނިހެދުންލައިގެން ބޮސްގެކުރިމަތީގައި ދިއައީ އުޅެމުންނެވެ. އެފަދަ ހެދުން ނުލާން ބުނުމުން ބުނަނީ އޭނާގެ އަތުގައި ނިވާވާފަދަ ހެދުން ނެތީކަމަށެވެ. އެހެން ބުނުމުން ހެދުން ގަނެދިނުމުންވެސް ގަނެދިން ހެދުންލާނެ ގޮތެއް ނުވިއެވެ.
އެހިސާބުން އޭނާއަށް ވިސްނުނެވެ. މިކަމުގައި ގޯހެއް އެބައުޅެއެވެ. އެހެންވެ ފުރަތަމަ އެވާހަކަދެއްކީ އަނބިމީހާގެ ގާތުގައެވެ. އަނބިމީހާ ބުނީ ގޭތެރޭގައި އެބާވަތުގެ ހެދުން ލުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެއިރުން މަސައްކަތްކުރަން ފަސޭހަވާނެ ކަމަށެވެ.
"ތިއައުޅެނީ އަހަރެން ލައްވައި ގޯހެއް ހައްދައި ބޮޑުފާފައެއް ކުރުވަންތޯ" ސުވާލުކުރުމުން އަނބިމީހާ ބުނީ އެބާވަތުގެ ކަންކަމަކީ މާބޮޑު މައްސަލައެއްކަމަށް ނުވިސްނާ ކަމަށާއި ކަމެއް ހިނގިޔަސް އޭނާ ޝަކުވާ ނުކުރާނެ ކަމަށެވެ. އެހެން ބުނެފައި ބުނީ އެފަދަ ކަމެއް ފިރިމީހާ ނުކުރާނެ ކަމުގެ ފުރިހަމަ އިތުބާރު އޭނާއަށް އެބަ އޮތް ކަމަށެވެ.
އަނބިމީހާގެ ވާހަކަހުރިގޮތުން އަނބިމީހާ އޭނާދެކެ ލޯބިނުވާކަމާއި މަސައްކަތް އެކުރަނީ ގޯހެއް ހައްދުވާފައި ކައިވެނީގެ އެއްބަސްވުމުގެދަށުން އޭނާގެ ތަނަވަސްކަމުން ބައެއް ހޯދަންކަމަށް އޭނާއަށް ޔަޤީންކުރެވުނެވެ.
ފިރިމީހާ ވަރަށް މަސައްކަތުން އެއަންހެންކުއްޖާގެ އެކައުންޓު ނަމްބަރު ހޯދައިގެން ބެލިއިރު އަނބިމީހާވަނީ އެކައުންޓަށް ވަރަށް ގިނަ ފައިސާ ޖަމާކޮށްދިފައެވެ. އެހިސާބުން ކުރިން ކުރެވުނު ތުހުމަތަކީ ޙަޤީޤަތްކަން ޔަޤީންކުރެވުނެވެ.
ފިރިމީހާ ދުވަސްކޮޅަކު ގޭގައި ބަހައްޓަންކަމަށްބުނެ ވަރަށް ރީތި ފިރިހެނަކު ގެއަށް ގެނައެވެ. އޭނާގެ މިޝަނަކީ އަންހެންކުއްޖާ އާއި ގުޅުން އުފައްދައި ކަމުގެ ޙަޤީޤަތް އޭނާލައްވާ ބުނުވުމެވެ. އެމިޝަން އޭނާ ކާމިޔާބުކުރިއެވެ. އަންހެންކުއްޖާގެ މިޝަން "ލޯބިވެރިޔާއަށް" ކިޔައިދިނެވެ.
އެކަން ޙާޞިލުކުރެވުމުން ފިރިމީހާ އަނބިމީހާގެ މައްސަލަ ކޯޓަށް ހުށަހެޅިއެވެ. އެއީ ބޭވަފާތެރިވުމާއި ޚިޔާނާތްތެރިވުންކަމަށް ބަލައިގެންނެވެ. ކޯޓުންވެސް ޙުކުމްކުރީއެގޮތަށެވެ. އަދި ކައިވެނީގެ އެއްބަސްވުމުގެދަށުން އަނބިމީހާގެ ތަނަވަސްކަމެއް އެއްބައި ފިރިމީހާއަށް ނަގައިދިނެވެ.
ކައިވެނިރޫޅުމުން އަނބިމީހާއަށް ގެއިން ނުކުންނަން ޖެހުނީ އޭނާގެ ތަނަވަސްކަމުން ބައެއް ގެއްލިފައިވާ ޙާލުގައެވެ. ބައެއް އިތުރުކުރަން ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ ބައެއް އަތުން ގެއްލިގެން ދިއުމެވެ.
މިއީ އަޅުގަނޑު ކިޔާފައިވާ ބާހަކައެކެވެ. މިއީ އަޅުގަނޑަށް ވަރަށް ޢިބްރަތްތެރިވާހަކައެކެވެ. ތަނަވަސްކަމާއި ނިޢްމަތް ކިތަންމެ ވަރަކަށް ލިބުނަސް ހިތްނުފުރޭ ކޮންމެ މީހަކަށް މިއީ ޢިބްރަތްތެރިވާހަކައެއް ކަމަށް ދެކެމެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކައިން ފިލާވަޅެއް ލިބޭނެ ކަމަށްވެސް އުންމީދުކުރަމެވެ.
- ޢައްޒަ / މިއަދުނޫހުގެ ކިޔުންތެރިއެއް