ތައުބާވުމަކީ ކުރަން އެންމެ ފަސޭހަކަންތަކެވެ. ކުރެވުނު ފާފައާއިމެދު ދެރަވެ، ކަންބޮޑުވެ، އެފަދަ ފާފައެއް އިތުރަށް ނުކުރަން ޢަޒުމް ކަނޑައަޅައި ކުރެވުނު ފާފަ ފުއްސަވައި ދެއްވެވުން އެދި ދެންނެވުމުން އެއޮތީ ތައުބާވެވިފައެވެ. ކުރަން އުނދަގޫ ކަމަކަށްވަނީ ފާފަ ނުކޮށް ހުރުމެވެ.
މިގޮތުން ބަލާއިރު ގިނަ މީހުންނަށް ހުއްޓާލަން އެންމެ އުނދަގޫ 2 ފާފައަކަށްވެފައި އޮންނަނީ ދޮގުހެދުމާއި ޒިނޭކުރުމެވެ. އެއީ ކަށީގައި ހިފައިފިނަމަ ވަރަށް ހިތްވަރުގަދަ މީހުންނަށް ނޫނީ ސަލާމަތްވެވޭ ކަންކަމެއް ނޫނެވެ.
ޒިނޭ ކުރެވި ތައުބާވުމަށްފަހު އަލުން އެކަން ނުކޮށް ހުންނަން ވަރަށް ބޮޑަށް މަސައްކަތްކުރަންޖެހޭނެއެވެ. އެގޮތުން ފުރަތަމަ ކަމަކަށް ބެލުންތައް ތިރިކުރާށެވެ! އެއަށްފަހު ޒިނޭއާއި ގާތްވެވިދާނެ އެންމެހައި ކަންކަމުން ދުރުހެލިވެ ހުންނަން ގަދައަޅައި މަސައްކަތްކުރާށެވެ. އިޚްލާޞްތެރިކަމާއިއެކު ތައުބާވި ކަމަށްވާނީ އެއިރުންނެވެ.
ގުޅުންހުރި ސުވާލަކާ ޖަވާބު:
ސުވާލު: ޒިނޭކުރުން ހުއްޓައިލަން ބޭނުންވާ މީހާ އެކަން ހުއްޓައިލާ ތައުބާވުމަށްފަހު ވެސް ޒިނޭއަށް މަގުފަހިވާ (ހިލޭފިރިހެނުންނާ ކިސްކޮށް ބެއްދުން) ފަދަ ކަންކަން ކުރާ ނަމަ، އެ ވެވުނީ ފުރިހަމަ ތައުބާއަކަށް ވާނެތޯ؟ އަދި މިއީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު: ޒިނޭއަށް މަގުފަހިވާ ފަދަ އެއްވެސް ކަމަކަށް އަރައިގަނެގެން ނުވާނެއެވެ. ތިޔަ ވިދާޅުވެފައިވާ ކަންތައްތަކަކީ ޒިނޭއަށް މަގުފަހިވެދާ ފަދަ ކަންތަކެވެ. އެފަދަ ކަންތަކަށް އަރައިގަންނަ ކަމަށް ވާނަމަ، ޒިނޭއިން ތައުބާވީ ކަމަކަށް ނުބެލެވޭނެއެވެ.
- ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް