ދެވަނަ ކައިވެނިކުރުމަށްފަހު ކުރީގެ ކައިވެންޏާއިމެދު ވިސްނާ މީހަކަށް އުފާވެރިކަމެއް ނުލިބޭނެ! ލިބޭނެ ދެރަ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ދެވަނަ ކައިވެނިކުރުމަށްފަހު ކުރީގެ ކައިވެންޏާއިމެދު ވިސްނާ މީހަކަށް އުފާވެރިކަމެއް ނުލިބޭނެ! ލިބޭނެ ދެރަ މާބޮޑުވާނެ!

ފުރަތަމަ ކަމަކަށް ދުނިޔޭގެ ޙަޔާތުގައި މިއޮންނަނީ 3 ދުވަހެކެވެ. ފުރަތަމަ ދުވަހަކީ އިއްޔެ (މާޒީ) އެވެ. ދެވަނަ ދުވަހަކީ މިއަދެވެ. 3 ވަނަ ދުވަހަކީ މާދަމާއެވެ. މާދަމާ ކަންކަން މެދުވެރިވާނެ ގޮތް ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ވީމާ އެންމެ ބުއްދިވެރި ގޮތަކީ މިއަދު އުފަލުގައި ދިރިއުޅެން މަސައްކަތްކުރުމެވެ.  

އެންމެންނަށްވެސް އެނގޭނެ އެއްކަމަކީ މާޒީ އަނބުރައި ނުގެނެވޭނެ ކަމެވެ. އެއީ ވެނިމި ގޮސްފައިވާ ކަމެއް ކަމެވެ. ފަހަރެއްގައި މާޒީގެ ދިރިއުޅުމަކީ މާއުފާވެރި ދިރިއުޅުމަކަށްވެސް ވެދާނެއެވެ. ވީމާ ކައިވެނި ރޫޅި ދެވަނަ ކައިވެނި ކުރެވުނަސް މާޒީގެމަތިން ހަނދާން ނައްތާލަން އުނދަގޫވަނީ ކަމަށްވެސްވެދާނެއެވެ.  

މިގޮތަށް ވިސްނާށެވެ! ކުރިން ހުރީ ވަރަށް ރަނގަޅު ވަޒިފާއެއްގައެވެ. ނަމަވެސް ވަޒިފާ ގެއްލުނީއެވެ. ދެންވީ އެކަމަށްވިސްނައި ދެވަނަ ވަޒީފާއެއް ހޯދައިގެން ދިރިއުޅެން ބޭނުންވާ ފައިށާ ނުހޯދައި ހުންނަން ހެއްޔެވެ؟ މޮޔައަކު ނޫނީ އެކަން އެގޮތަކަށް ނުކުރާނެއެވެ. އަދި ދެވަނަ ވަޒީފާ ލިބުމުން މަސައްކަތްކުރާނީ އެވަޒީފާގައި ކުރިއަރައި ދިއުމަށެވެ. ޕްރަމޯޝަން ހޯދުމަށެވެ.  

ޒަވާޖީ ޙަޔާތުގައިވެސް އޮތީ ހަމަމިގޮތެވެ. ކުރީގެ ކައިވެނި ރޫޅި، ރުޖޫޢަ ނުކުރެވިގޮސް ދެވަނަ ކައިވެނިކުރެވުމުން އޮތީ ކުރީގެ ކައިވެނީގެ ކަންކަން އެހިސާބުން ނިންމައިލުމެވެ. ދެވަނައަށް ކުރެވުނު ކައިވެނީގައި އުފަލުގައި ދިރިއުޅެން މަސައްކަތްކުރުމެވެ.  

އެގޮތަށް އެކަން ނުކުރެވި މިހާރުގެ ބައިވެރިޔާއަށް މަކަރުހަދައި ކުރީގެ ބައިވެރިޔާއާއި ގުޅުން ބާއްވާނަމަ އެކަމުގެ ނަތީޖާ ފެންނާނީ ވަރަށް ހިތިކޮށެވެ. ޖެހޭނީ ހިތާމަކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން