އަބަދުގައިވެސް ވިސްނުމުގައި ބަހައްޓަން މަސައްކަތްކުރަންވީ ޤިޔާމަތް ދުވަހެވެ. ޤިޔާމަތް ދުވަހު ތިމާއާއިމެދު ކަންކަން މެދުވެރިވެދާނެ ގޮތެކެވެ. އެކަންކުރެވޭނީ ދުނިޔޭގައި އުފުލަންޖެހޭ ކަންކަމަށްވުރެ އާޚިރަތް ލިބިގަތުމަށް ސަމާލުކަން ދެވިގެންނެވެ. ވީމާ މިރޭ މިކޔައިދެނީ އާޚިރަތް ލިބިގަތުމަށްޓަކައި ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެއްގެ ވާހަކައެވެ.
ބައެއް މީހުންގެ ގާތުން މާފަށް އެދުމުން "އުނހު! މާފެއް ނުކުރާނަން! އެކަން ނިންމާނީ ޤިޔާމަތް ދުވަހު މަޙްޝަރު މައިދާނުގަ!" ކަމަށް އެބަބުނެއެވެ. މިއީ ދުލުން ބުނެވޭ ވަރަށް ނުބައި ބަހެކެވެ. އަދި ތިމާއަށް ވަރަށް ގެއްލުންހުރި ބަހެކެވެ. އެކަމުގެ މިޘާލެއް ކިޔައިދޭނަމެވެ.
ތިބާއަށް އޭނާ އޮތީ ދެރައެއް ދީފައެވެ. ތިބާގެ ކުށެއް ނެތެވެ. އެހެންވެ ޤިޔާމަތް ދުވަހު މައްސަލަ ނިމުނީވެސް ތިބާގެ ކޮޅަށެވެ. ﷲ ތަޢާލާއީ އެންމެ ޢަދުލުވެރިވަންތަ ރަސްކަލާނގެއެވެ. މައްސަލަތައް ނިންމަވާނީވެސް އެންމެ އިންޞާފުންނެވެ. ތިބާއަށް އޭނާގެ ކިބައިން ލިބެންޖެހޭ ބަދަލުވެސް ލިބިއްޖެއެވެ. އެކަމުގެ ހިތްހަމަޖެހުން ތިބާއަށް ލިބިއްޖެއެވެ.
ތިބާ ކުޅަ ހެޔޮ ޢަމަލުތަކުގެ ޙިސާބުކުރަންފެށުނީއެވެ. ކުރިނަމާދުތަކުގެ ކަންކަން ބައްލަވަން ފެށްޓެވީއެވެ. ކުރި އެއްވެސް ނަމާދެއް ކަމުދާކަށް ނެތެވެ. ނަމާދުތައްކޮށްފައި ހުރީ ވަރަށް ފަރުވާކުޑަކޮށެވެ. ދޭންޖެހޭ ސަމާލުކަން ނުދީއެވެ.
އެޙާލަތުގައި ﷲ ތަޢާލާ ތިބާއަށް ރަޙުމް ނުކުރެއްވެވީއެވެ. އެއީ ތިބާ އެހެން މީހުންނަށް ރަޙުމް ނުކުރީތީއެވެ. މީސްތަކުންނަށް ރަޙުމްކޮށް ދީލަތިކަމާއިއެކު މާފުކުރަން އަންގަވާފައިވާ ބަސްފުޅަށް ތިބާ ޢަމަލުނުކުރީތީއެވެ. ތިބާގެ ހިތުގައި މީސްތަކުންނަށް ރަޙުމް ނެތީތީއެވެ.
ނިކަން ބުނެބަލާށެވެ! އެޙާލަތުގައި ތިބާއަށްވާނީ ކިހިނަކުންހެއްޔެވެ؟ ތިބާއަށް ތިބާ ބޭނުންވި ބަދަލު ލިބިއްޖެއެވެ. ނަމަވެސް ތިބާ އޭނާއަށް މާފުނުކުރީތީ، ރަޙުމް ނުކުރީތީ ތިބާއަށް ވަންނަން ޖެހުނީ ނަރަކައަށް ކަމަށް ވެއްޖެނަމަ އޭމީހާގެ ކިބައިން ލިބުނު ބައިން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ޖެހޭނީ ހަމަ ނަރަކައަށް ވަންނަން ނޫންހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ގެއަށް ގޮސްވެސް މިދެއްކި ވާހަކަތަކަށް ވިސްނާށެވެ. ތިބާއަށް ކިތަންމެބޮޑު އަނިޔާއެއް، ގެއްލުމެއް، ދެރައެއް ދީފައި އޮތް މީހަކުކަމުގައިވީނަމަވެސް ތިބާގެ ކިބައިން މާފަށް އެދިއްޖެނަމަ އަވަހަށް މާފުކުރާށެވެ. އަދި މާފަށް ނުއެދުނަސް މާފުކުރާށެވެ. އެކަމުން ކުރާނެ ބޮޑު ފައިދާ ކޮންމެވެސް ވަރަކަށް މިކިޔައިދިނީއެވެ.
ވީމާ ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދެން ބޭނުންވާ މީހާ އެހެންމީހުންނަށް ރަޙުމްކުރާށެވެ. ދީލަތިކަމާއިއެކު މާފުކުރަމުންގެންދާށެވެ. ކުށްތަކުރާރުކުރި ނަމަވެސް މާފުކުރާށެވެ.
މާފްކުރުމުގެ މުހިންމުކަމާއި އެކަމުން ލިބޭނެ ފައިދާ ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި ވަޙީކުރައްވަވައިފައެވެ
"ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެ ދެމެދުގައިވާހާ ތަކެއްޗެއް، حق ގޮތުގައި މެނުވީ ނަހައްދަވަމެވެ. އަދި ހަމަކަށަވަރުން، ޤިޔާމަތުގެ ވަގުތު އަންނާނެކަން ކަށަވަރެވެ. ފަހެ، ރިވެތިވެގެންވާ ގޮތުގައި ކަލޭގެފާނު މާފުކުރައްވާށެވެ!" (އަލްޙިޖްރް: 85)
"ނުބައިކަމެއްގެ ޖަޒާއަކީ އެއާއެއްފަދަ ނުބައިކަމެކެވެ. ފަހެ (ނުބައިކަމެއް ކޮށްފިމީހާއަށް) ޢަފޫކޮށް، ޞުލްޙަވެރިވެގަތްމީހާގެ ޘަވާބު ވަނީ، ﷲ ގެ ޙަޟްރަތުގައެވެ. ހަމަކަށަވަރުން، އެކަލާނގެ، އަނިޔާވެރިންދެކެ ލޯބިވެވޮޑިގެނެއް ނުވެތެވެ." (އައްޝޫރާ: 40)
"އަދި ހަމަކަށަވަރުން، ކެތްތެރިވެ، ޢަފޫ ކުރިމީހާ (ދަންނާށެވެ!) ހަމަކަށަވަރުން، އެކަންކަންވަނީ، ޢަޒުމްކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންކަން ކަށަވަރެވެ." (އައްޝޫރާ: 43)
"އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، ﷲ ގެ ޙަޟްރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، ޚުލްޤްނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު ޢަފޫކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ މަޝްވަރާ ކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު ޢަޒުމް ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު ﷲ އަށް ވަކީލް ކުރައްވާށެވެ! ހަމަކަށަވަރުން، ވަކީލް ކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ."
(އާލް އިމްރާން: 159)
"ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރިން، ގާތްތިމާގެ މީހުންނަށާއި، މިސްކީނުންނަށާއި، ﷲ ގެ މަގުގައި ހިޖުރަ ކުޅަ މީހުންނަށް، ނުދިނުމަށް ހުވާނުކުރާހުށިކަމެވެ! އަދި އެއުރެން ޢަފޫ ކޮށް މާފުކުރާހުށިކަމެވެ! ﷲ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." (އަންނޫރު: 22)
މިދެއްކި ހުރިހާ ވަހަކަތަކާއި އަދި އެއިގެ އިތުރަށްވެސް މިއާޔަތްތަކުން ދަލީލު ލިބިގެންދެއެވެ. ވީމާ ކުރިން މިބަޔާންކުރި ފަދައިން ކިތަންމެ ބޮޑު ނުބައިކަމެއްކޮށް ކިތަންމެ ބޮޑު އަނިޔާއެއް ނުވަތަ ގެއްލުމެއް ދީފައި އޮތް މީހަކަށް ނަމަވެސް މާފަށް އެދިއްޖެނަމަ މާފުކުރުމުގައި ދީލަތިވާށެވެ. އެއީ ތިބާއަށް ސުވަރުގެ ވަދެވޭ ސބަބުކަމުގައިވުމަށް އުންމީދުކުރާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން