އެއްވެސް މީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިއްޖެނަމަ އެމީހެއްގެ ކިބައިން ފެންނާނެ ނުވަތަ އެމީހަކަށް އިޙްޞާޞް ކުރެވޭނެ ބައެއް ޢަލާމާތްތައް ފެންނާނެއެވެ.
- ފުރތަމަ ކަމަކީ ވަކީލްކުރެވުން އިތުރުވާނެއެވެ. ވަކީލްކުރެވޭ މިންވަރު ބޮޑުވާނެއެވެ. އެކަމުގެ ސަބަބުން ހިތަށް އުފާވެރިކަން ލިބޭނެއެވެ. އަދި ދުވަހެއް ދުވަހަކަށް ދާނީ އެއުފާވެރިކަން އިތުރުވެސްވަމުންނެވެ.
ހަމަ އެއާއިއެކު ތިމާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާކަން އެމީހަކަށް އިޙްޞާޞްކުރެވޭނެއެވެ. އެއްވެސް މީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިއްޖެނަމަ އެކަން އެމީހަކަށް އިޙްޞާޞް ނުކުރެވި ނުދާނެކަން އެއީ ހަމަ މުޖައްރިބް ކަމެކެވެ.
- ދެވަނަ ކަމަކީ އިތުރަށް އަޅުކަންކުރަން (ކުރެވޭ އަޅުކަން އިތުރުކުރަން) ބޭނުންވާނެއެވެ.
- ތިންވަނަ ކަމަކީ ﷲ ތަޢާލާގެ އެއްވެސް އަމުރުފުޅަކަށް ނުކިޔަމަންތެރިވާން ބިރުގަނެ ޖެހިލުންވެވޭނެއެވެ. ފާފައަކާއި ކައިރިވާންވެސް ބިރުގަންނާނެއެވެ.
- ހަތަރުވަނަ ކަމަކީ ކަންކަން ކުރިމަތިވުމުން ބޭއިޚްތިޔާރުގައިވެސް ﷲ ތަޢާލާއަށް މުޚާޠަބްކޮށް ވާހަކަ ދެއްކުން ފަށާނެއެވެ.
- ފަސްވަނަކަމަކީ ކޮންމެ ފަދަ ކަމެއް ކުރިމަތިވިނަމަވެސް ހާސްވެ ކަންބޮޑުވެގެން ނުއުޅޭނެއެވެ. މިކަން އަނެއްކާވެސް ގޮސް މިގުޅެނީ ފަށަމުން ބުނި ވަކީލްކުރުމާއިއެވެ. އެމީހާ ހުންނާނީ ހުރިހާ ޙާލަތެއްގައިވެސް ﷲ ތަޢާލާއަށް ވަކީލްކޮށްގެންނެވެ. ދެރަގޮތެއް މިންވަރު ނުކުރައްވަވާނެކަން ޔަޤީންކޮސްގެންނެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން