ރީތި އަންހެންކުއްޖަކަށް ބުނެވުނެވެ! "ތިބާ ހާދަ ރީއްޗެވެ! ވަރަށް ރަނގަޅުވެސް ވާނެއެވެ!" އެކުއްޖާގެ ޖަވާބު އެނގޭ ހެއްޔެވެ؟ ފުރަތަމަ ކަމަކަށްވެސް އަޫޛް ކިޔައި ވައަތްފަރާތަށް 3 ފަހަރު ކުޅުޖެހީއެވެ. ދުޢާކުރިއެވެ! "ޔާ ﷲ! ޝައިޠޯނުންގެ ކިބައިން މިއަޅާއަށް ރައްކައުތެރިކަން ދެއްވަވާނދޭވެ!" ބުންޏެވެ! "އަހުރެން ރީތިނަމަ އެތަމުގެ ތަޢްރީފް ޙައްޤުވަނީ އަހުރެން އުފެއްދެވި ﷲ ތަޢާލާއަށެވެ. އެކަމުގައި އަހުރެންގެ އެއްވެސް ދައުރެއް ނެތެވެ."
އެހިށާބުން އެމީހާއަށް ޖެހުނީ އިސްދަށަށްޖަހާލައިގެން ހުރެ ދުރަށްދާށެވެ! އޭނާގެ މަޅިފަތީގައި ނުޖެހޭނެކަން އެނގުމުންނެވެ. ނަމަވެސް ގިނަވާނީ ދެންވެސް ކޮންމެވެސް މޮޅު ވާހަކައެއް ދައްކާލައިގެން ކިރިޔާ ނަމަވެސް ކަންފުޅެއްވޭތޯ އުޅޭ ޝައިޠޯނުންނެވެ. ބިރުވެތިވާން މިޖެހެނީ އެކަމަށެވެ. ހިތާމައަކީ މިބަޔާންކުރި ފަދައިން ތަޢްރީފްކުރީމާ އެކުއްޖާ ކަންތައް އެކުރި ގޮތަށް ކަންކަން ކުރެވޭނެ ކުދިން މަދުކަމެވެ.
މީސްތަކުންގެ ތަޢްރީފަށާއި ޚުޝާމަދު ކުރުމަށް ހެއްލެވުމަކީ ގިނަ ބައަކަށް ދުނިޔެއާއި އާޚިރަތްވެސް ގެއްލިގެންދާ ސަބަބެކެވެ. އެެހންވެ ދީނުގެ މަތިވެރި ބޭކަލުންގެ ގާތުގައި އެބޭކަލުންނަށް ތަޢްރީފްކޮށްފިނަމަ އެކަން މަނާކުރައްވައެވެ. އަދި އެބޭކަލުންނަށް ކުރެއްވޭ ކުށްތަކާއި އެބޭކަލުންގެ ކިބައިގައި ހުންނަ އުނިސިފަތައް ފާހަގަކޮށްދީ ތެދުމަގު ދައްކައިދޭން އެހީތެރިވުމަށް އެދިލައްވައެވެ.
ދީނުގެ ކަންކަން ދުރުގައި ބާއްވާފައި މީހާގެ ރީތިކަމަށް ތަޢްރީފްކުރާނަމަވެސް އެކަން ހުއްޓުވާށެވެ! އެފަދަ އަޑުތައް އެއަންނަނީ ޝައިޠޯނުންގެ ކިބައިންނެވެ. މިބުނަނީ ދެމަފިރިން ނުވަތަ ޢާއިލާގެ ތެރޭގައި ބަދަހިކުރަން ކުރާ ތަޢްރީފްގެ ވާހަކައެއް ނޫނެވެ. ދުރުހިލޭ މީހުން އެމީހުންގެ މަޅީގައި ޖައްސުވަން ކުރާ ތަޢްރީފްގެ ވާހަކައެވެ.
ދޮށިން މަސްވެރިކަންކުރާ މީހުން ބުނެއެވެ. މަސް އައިނަށް އެރުމުން އެމުގެ ބަދަލުގައި ފެންއުކަންފެށިނަމަވެސް އެއުކަނީ އެންކަމަށް ހީކޮށް މަސްތައް އައިސް ބުޅީގައި އަޅައިގަނެއެވެ. ހުސްބުޅީގައި މަސްބޭނެއެވެ.
އެކަން އެހެން އެވަނީ މަހަކީ ﷲ ތަޢާލާ މީސްތަކުންނަށްޓަކައި ކަނޑުގައި ލައްވަވާފައިވާ ރިޒުޤެކެވެ. ވީމާ ބޭނޭނެ މަގު ފަސޭހަކޮށް ދެއްވަވަނީއެވެ. މަހަށް ބުއްދި ނުދެއްވަވާތީ އެއުކަނީ ފެންކަން ނުވިސްނެނީއެވެ. އެއީ ﷲ ތަޢާލާ އެކަން ލައްވަވާފައިވާ ގޮތެވެ.
ކޮންމެއަކަސް އަހަރެމެންނަކީ އިންސާނުންނެވެ. ﷲ ތަޢާލާ ވަނީ ބުއްދިދެއްވަވައިފައެވެ. ވީމާ ހުސްބުޅީގައި މަސްބޭނޭ އުޞޫލުން ބޭނޭ ބައަކަށްވެގެން ކަމަކުނުދާނެއެވެ. މިހިސާބުން މިދަނީ މިރޭގެ އަސްލު މައުޟޫއަށެވެ.
"ކަލާ ވަރަށް ރީތި، ކަލާ ދެކެ ވަރަށް ލޯބިވޭ!" ފަދަ ބަސްތައް މިއީ ގިނަ ބައެއްގެ ދޫމަތިން ބޭރުކޮށްލަން އެންމެ ފަސޭހަ ބަސްތަކެވެ. އެންމެ ގިނައިން ބޭރުކުރާ ބަސްތަކެވެ. އެބުނާ ބުނުމުގައި އެއްވެސް ޙަޤީޤަތެއް ނެތްއިރުވެސްމެއެވެ. ނަރަކައާ ދިމާއަށް ލަވާބިސްމަޅިއެއްގެ ގޮތުގައިވެސްމެއެވެ.
ހިތާމައަކީ ދުނިޔޭގެ ދަޅަތަކަށް ދަހިވެތިވެ ޝައިޠޯނާގެ ބިސްމަޅީގައި ޖެހިފައިވާވަރުން
މިއަދު މިފެންނަނީ ގިނަ ބައަކު ތައުރީފްކުރުމާއި ޚުޝާމަދުކުރުމުން ގެއްލި ހަލާކުވަމުންދާތަނެވެ. އެންމެ ބޮޑު ހިތާމައަކީ ހަމައެކަނި ހެއްލެނީއެއްވެސް ނޫންކަމެވެ. ހެއްލެވުމާއިއެކު ގެއްލެނިވެގެންވެސް ދާކަމެވެ. ކިހައި މިންވަރަކަށް ހެއްޔެވެ؟ ސީދާ ނަރަކަ އާއިގެ އަލިފާނާއި ދިމާއަށް ދުވެވެން ފަށާކަމެވެ.
ޢާއިލީ ދިރިއުޅުމަށް ބަލާށެވެ. ޙަޔާތުގެ ބައިވެރިޔާ ފިޔަވައި އިތުރު މީހަކު ކުރާ ތައުރީފަށް ހެއްލޭ މީހަކު އަބަދުވެސް ހުންނާނީ ވާވަދެފައެވެ. "ކަލާ ވަރަށް ރީތި، ވަރަށް ލޯބި" ބުނުމުން އެކަން ބަލައިގެންފިކަން ކިރިޔާ އިޙްޞާޞްވާއިރަށް ފަހަތުން ލިބެން ފަށާނީ ޝައިޠާނީ ދައުވަތުތަކެވެ. އެއިން ދައުވަތަކަށް އިޖާބަ ދެވިއްޖެނަމަ މުޅި ދިރިއުޅުން ފަނާވެގެންދިއައީއެވެ. ޢާޚިރަތާއިވެސް އެކުގައެވެ. ވިމާ ވިސްނުންތެރިކަމާއިއެކު އަޑުއަހާށެވެ!
ބަހުން ތަޢްރީފް އޮއްސާ މީހާއަށްވުރެ އަމަލުން ކިތަންމެ ކުޑަ ނަމަވެސް ހެޔޮ ކަމެއް ކޮށްދޭ މީހާގެ މުހިންމުކަން މާބޮޑެވެ! ނަމަވެސް އެކަން ޤަބޫލުކުރެވެނީ ވަރަށް މަދު މީހަކަށެވެ. ގިނަ ބައެއްގެ ކުރިމަތީގައި މުހިންމީ ބަހުން ތަޢްރީފްކުރާ މީހުންނެވެ. އަމަލުން ކިތަންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ މީހާއަކީ އެއްވެސް މުހިންމު މީހެއް ކަމަކަށް ނުބަލައެވެ.
މިހެން މިދިމާވަނީ ޚުޝާމަދުކުރުމަށް ލޯބިކުރެވޭތީއެވެ. މީސްތަކުންގެ ތަޢްރީފަށް ބޭނުންވާތީއެވެ. ނަމަވެސް ޚުޝާމަދު ކުރުމަށް ލޯބިކުރުމާއި މީސްތަކުންގެ ތައްރީފަށް ބޭނުންވެ އެފަދަ ކަންކަން ކުރުމުން މަރުޙަބާ ކިޔުމަކީ މިސްލިމުން ކޮށްގެންވާނެ ކަމެއް ނޫނެވެ.
މިފަދަ ކަންކަމަކީ މުސްލިމުން ކޮށްގެންވާނެވެސް ކަންކަމެއް ނޫނެވެ. އެފަދަ ކަންކަން ކުރުމުގައި ހައްދުފަހަނައަޅައި ދިއަ މުޖުތަމައުތަކަށް ﷲ ތަޢާލާ ވަނީ ކޯފާ ފޮނުއްވަވައިފައެވެ. އެހެނީ މީސްތަކުންނަށް ވާޖިބުވެގެންވަނީ މީސް މީހުންނަށް ސަނާ ކިޔުމެއް ނޫނެވެ. މީސްތަކުން ދުނިޔެއަށް ފޮނުއްވުނީ ވެރިންނަށާއި މަހުޖަނުންނަށް ސަނާ ކިޔާކަށް ނޫނެވެ. ވެރިންނާއި މަހުޖަނުން މަތިވެރިކުރާކަށްވެސް ނޫނެވެ. މީސްތަކުން ދުނިޔެއަށް ފޮނުއްވެވިފައި މިވަނީ ﷲ ތަޢާލާ މަތިވެރި ކުރުމަށެވެ. ޙަމްދް ޘަނާ ކިޔަން ޖެހޭނީ ﷲ ތަޢާލާއަށެވެ.
ދުނިޔޭގައި ކަންކަން ހިނގަމުން އަންނަ ގޮތަށް ބަލާއިރު ތައްރީފްގެ ބަސްތައް އޮއްސައި ސަނާ ކިޔަނީ އެމީހެއްގެ ކިބައިން ކޮންމެވެސް ކަންތައްތަކެއް ބޭނުންވެގެންނެވެ. ޚާއްޞަކޮށް ޙައްޤު ނޫން ގޮތުގައި ކަންތައްތަކެއް ބޭނުންވުމުންނެވެ. ނާޖާއިޒު ފައިދާއެއް ނަގަން ބޭނުންވުމުންނެވެ.
އެމީހަކު ޙާޞިލުކުރަން ބޭނުންވި ކަންތައް ޙާޞިލުވުމުން އެމީހާ ދުވެ ފިލާނެއެވެ. ނަމަވެސް ތިމާއަށް އެހީތެރިކަން ބޭނުންވާ ކަންކަމުގައި އަމަލުން ކިތަންމެ ކުޑަ ނަމަވެސް އެހީތެރިކަން ފޯރުކޮށްދޭ މީހާޢަކީ އެހައި ފަސޭހައިން ފިލާނެ މީހެއް ނޫނެވެ. އެމީހާ އެކަންކަން އެ ކޮށްދެނީ ހިތުގެ ލޯބިން ކަމަށްވާތީއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޚުޝާމަދުކުރުމަށް ނުހެއްލޭށެވެ. މީސްތަކުންގެ ތައްރީފަށްވެސް ނުހެއްލޭށެވެ! އެކަމުން ލިބޭނީ ކަނޑައެޅިގެން ގެއްލުމާއި ހަލާކެވެ. މިދުނިޔޭގައި އެކަންޏެއް ނޫނެވެ. އާޚިރަތުގައިވެސް މެއެވެ. ވީމާ ޚުޝާމަދު ކުރުމާއި ތައްރީފަށް ހެއްލި ގެއްލެނިވެގެންވާ މީހުންގެ ތެރޭގައި ނުހިމެނޭށެވެ!
ޢުމަރުގެފާނުގެ ބަސްފުޅުން ޢިބްރަތް ޙާޞިލުކުރާށެވެ! ހެޔޮ އެދޭނަމަ ކުރެވޭ ކުށްތައް ބުނެދީ އިޞްލާޙްކުރަން މަސައްކަތްކޮށްދޭށެވެ. ވިދާޅުވި ބަސްފުޅުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން