މިހާރަކަށް އައިސް ޙައްޤު މާނަކުރަނީ ހަމައެކަނި އެންމެ ގޮތަކަށެވެ. އެއީ ތިމާއަށް ލިބެންޖެހޭ ކަމެއް ތިމާއަށް ނުލިބުން ކަމަށެވެ. ތިމާއަށް ކިތަންމެ ކުޑަނަމަވެސް އަނިޔާއެއް ލިބުން ކަމަށެވެ. ތިމާ އަނެކުންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމަކީ ޙައްޤަކަށް ނުހަދައެވެ.
ތިމާއަށް ދަރާއޮތް މީހެއްގެ ކިބައިން އެދަރަނި ހޯދަން ދިއުމުން "ޝަރީޢަތަށްދާން" އެބުނަނީ މިބުނި ވިސްނުމުގެ މީހުންނެވެ. ބަލަ ދަރަނި ހޯދީ ޝަރީޢަތަށް ގޮސްގެން ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ ދަރަންޏެއް ހޯދަން ދާން ޖެއްސުމަކީވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އޮތީ އެއްބަސްވެފައިވާ ގޮތަށް ތިމާ ޢަމަލުކޮށް ދަރަނި ހިފައިގެންގޮސް އަދާކުރުމެވެ.
އަހަރެމެން ސުވަރުގެ ހޯދަން މަސައްކަތްކުރިނަމަވެސް އަހަރެމެންނާއި ސުވަރުގެއާއި ދެމެދަށް ހުރަސްއެޅިގެންދާ ކަންތައްތަކެއް އެބަހުއްޓެވެ. އެކަންކަމުގެ ސަބަބުން ސުވަރުގެ ނުވައްދަވާނެ ކަންތައްތަކެއް އެބަހުއްޓެވެ. އެއިގެ ތެރެއިންވެސް އެންމު ނުރައްކައުތެރިކަން ބޮޑު ކަމަކީ މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމެވެ.
الشيخ علي بن عبد الرحمن الحذيفي – حفظه الله ވިދާޅުވެފައިވެއެވެ.
"އިންސާނުންނަށް ނުބައި ނިމުމެއް ލިބިގެންދާ 5 ސަބަބެއްވެއެވެ. އެއީ:
-- ﷲ ތަޢާލާގެ ޙައްޤުތަކާއި މީސްތަކުންގެ ޙައްޤުތައް އަދާނުކުރުން.
– ބޮޑެތި ފާފަތަކާއި އުރެދުންތަކުގައި ދެމިހުރުން.
--ﷲ ތަޢާލާގެ މަތިވެރިކަމާމެދު ކުޑައިމީސްކޮށް ދެކުން.
– ދުނިޔޭގައި ޤަރާރުވެ ހުރުމަށް އެދުން.
– އާޚިރަތް ހަނދާން ނައްތާލުން." ކަމަށެވެ.
އަދިވެސް ޝައިޚް ވިދާޅުވެފައިވެއެވެ. "(އަބަދުވެސް) މަރަށް ތައްޔާރުވެ ހުރުމުގެ ގޮތުން އިހުމާލުވުމެއް، ލަސްކުރުމެއް ނެތި މީސްތަކުންގެ ޙައްޤުތައް އަދާކުރާށެވެ. ފަހެ، ﷲ ގެ ޙައްޤުތަކާމެދު ދަންނައެވެ. ޝިރުކު ފިޔަވާ އެހެން ފާފަތައް އެއިލާހު ފުއްސަވައިދެއްވާނެއެވެ. އަދި މީސްތަކުންގެ ޙައްޤުތަކާމެދު ދަންނައެވެ. ފަހެ، އަނިޔާވެރިކަމުން މީހެއްގެ އަތުން އަތުލައިގަނެފި އެއްޗެއް އެއަނިޔާވެރި ވެވުނު މީހާއަށް ރައްދުކުރުމުން، ނުވަތަ އެމީހާ މާފުކުރުމުން މެނުވީ ﷲ ތަޢާލާ ޢަފޫ ނުކުރައްވާނެއެވެ."
އެއެއްޗެއް އަނބުރައި ރައްދުކުރެވޭނީ ދުނިޔޭގައެވެ. އެކަން ނުކޮށް އޮއްވައި މަރުވެއްޖެ ނަމަ ޖެހޭނީ އެމީހަކު ކުޅަ ހެޔޮކަމަކުން އަނިޔާލިބުނު މީހާއަށް ބަދަލުދޭށެވެ! ބަދަލުދޭނެ ހެޔޮކަމެއް އެމީހާގެ އަތުގައި ނެތިއްޖެނަމަ ޖެހޭނީ އަނިޔާ ލިބުނު މީހާ ކޮށްފައިވާ ފާފަތަކުން އެކަމަކަށް ޙައްޤު މިންވަރު އަމިއްލައަށް ލިބިގަންނާށެވެ! ޤިޔާމަތް ދުވަހަކީ ކޮންމެ މީހަކުވެސް ކުރެވުނު ހެޔޮކަން މަދުވެގެން އުޅޭނެ ދުވަހެވެ. ވީމާ އެއްވެސް މީހަކު އެދުވަހު އަނެކާއަށް މާފެއްނުކުރާނެއެވެ!
މިބަސްފުޅުގައި އެވާ "އަނިޔާވެރި ގޮތުގައި" އެއްޗެއް އަތުލައިގަތުމުގެ މާނައިގައި ހިމެނެނީ ހަމައެކަނި ގައަށްއަރައިގަނެ ފޭރުމެއް ނޫނެވެ. ވައްކަމާއި މަކަރާ ހީލަތް ހެދުމާއި އެފަދަ ގޮތްގޮތުން ލިބިގަތުން ހިމެނެއެވެ. އަދި މީހަކަށް ޙައްޤުކަމެއް ލިބިގަންނަން އެމީހާ މަސައްކަތްކުރަމުންދަނިކޮށް އެކަމަށް ހުރަސްއަޅައި ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން ތިމާއަށް ލިބިގަތުންވެސް ހިމެނިގެންވެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން