ކެންސަރުގެ ބާވަތްތަކުގެ ތެރެއިން އުރަމަތީގެ ކެންސަރު ޖެހުމުން ސަލާމަތްވެ ހުންނަން ކުރެވިދާނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 34ސ
ކެންސަރުގެ ބާވަތްތަކުގެ ތެރެއިން އުރަމަތީގެ ކެންސަރު ޖެހުމުން ސަލާމަތްވެ ހުންނަން ކުރެވިދާނެ ބައެއް ކަންކަން-

ރާއްޖޭގައި ކެންސަރުގެ ތަފާތު ބާވަތްތައް ޖެހުން ގިނަވެފައިވާއިރު އުރަމަތީގެ ކެންސަރުޖެހޭ މީހުންވެސް އަންނަނީ އިތުރުވަމުންނެވެ. ޞިއްޙީ ހޭލުންތެރިކަން އިތުރުކުރަން މިވަނީ މަސައްކަތްކުރަންޖެހިފައެވެ.

މިމޭރުމުން ވިސްނައިލާށެވެ! ކޮންމެ މީހަކަށްވެސް ކޮންމެ ބައްޔެއްވެސް ޖެހިދާނެއެވެ. ރައްކައުތެރިވުމަށް ކުރަންޖެހޭ ކަންކަން ކޮށްގެން ހުއްޓައިވެސް ބައްޔެއް ޖެހިދާނެއެވެ. ނަމަވެސް ބޮޑު ތަފާތެއް ވެއެވެ. އެއީ ވަކީލްކުރުން އޮތީ ބަލިތަކުން ރައްކައުތެރިވުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށްފަހުގައި ކަމެވެ.

ވީމާ ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ފައިދާހުރި މަޢުލޫމާތުތަކެއް ލިބިލައްވާނެއެވެ. އިން ޝާ ﷲ

އުރަމަތީގެ ކެންސަރ

ޑރ. މުޙައްމަދް ޝިފާން

• އުރަމަތީގެ ކެންސަރ އަކީ ކޮބާ؟

• އުރަމަތީގެ ކެންސަރ، އުފެދެން ފަށަނީ އުރަމަތީ ގައިހިމެނޭ ބައިތަކުގެ އެތެރެ ފަށަލައިގެ ސެލްތައް، ވަރަށް އަވަހަށް އިތުރުވެ، ބޮޑުވާން ފެށުމުންނެވެ. ކޮންޓްރޯލް ގެއްލި ކުޑަމުއްދަތެއްގެ ތެރޭގައި އިތުރުވުމުންނެވެ. ދެނެގަންނަންވީ އެންމެ މުހިއްމުކަމަކީ އުރަމަތީގައިލާ ގިނަގަނޑު ތަކަކީ އުރަމަތީގެ ކެންސަރ އެއް ނޫނެވެ. އަދި ގިނަވައްތަރުތަކަކީ ކެންސަރ އަށް ބަދަލުވާވައްތަރުތަކެއް ނޫނެވެ.

އާންމުކޮށް އުރަމަތީގެ ކެންސަރ ފަށާނީ، ކިރުދައުރުކުރާ ޑަކްޓުތަކުގައެވެ(ޑަކްޓަލް ކާސިނޯމަ). އަދި ކިރުއުފައްދައި ދޭ ގްލޭންޑް ތަކުގައެވެ (ލޮބިއުލަރ ކާސިނޯމާ). މަދުފަހަރެއް ގައި އުރަމަތީގެ އެހެނިހެން ޓިޝޫތަކުން ކެންސަރު އުފެދެއެވެ.

• ދުނިޔޭގެ ހާލަތު އަކީ ކޮބާ؟

ޑަބްލިއު އެޗް އޯ ގެ ދިރާސާތަކުން ދައްކާގޮތުގައި 2018 ވަނަ އަހަރު ދުނިޔޭގައި 2.1 މިލިއަން މީހުން ވަނީ އަލަށް އުރަމަތީގެ ކެންސަރަށް ޑައިގްނޯސް ވެފަ އެވެ، އަދި 6،27000 މީހުން ވަނީ މިބަލީ ގައި ނިޔާވެފަވެއެވެ. މިއީ އަންހެނުންނަށް ޖެހޭ ކެންސަރުން ނިޔާވާ އެންމެން ގެ 15% އެވެ.

• ރާއްޖޭގެ ހާލަތަކީ ކޮބާ؟

 

• 2018 ވަނަ އަހަރު ދިވެހިންގެ ތެރޭގައި އަލަށް ދެނެގަނެވުނު ކެންސަރު ބަލިމީހުންގެ ތެރޭގައި އެންމެ ގިނައީ އުރަމަތީގެ ކެންސަރުގެ ބަލިމީހުން، އެއީ 73 މީހުން، އެއީ އެއަހަރު ކެންސަރ އަށް އަލަށް ޑައިގްނޯސްވީ މީހުންގެ %17 އެވެ.(ގްލޯބޯކޭން)

2019ވަނައަހަރު އައިޖީއެމް އެޗް ހޮސްޕިޓަލް ގައި 52 މީހުންވަނީ އުރަމަތީގެކެންސަރ އަށް އޮޕަރޭޝަން ކޮށް އިތުރު ފަރުވާނަގަންފަށާފައެވެ. 2020 ވަނައަހަރު ގެ ސެޕްޓެމްބަރ މަހުގެނިޔަލަށް 34 މީހުން ވަނީ އަލަށް ޑައިގްނޯސް ކުރެވި ފަރުވާއަށް ހުށަހެޅި ފައެވެ.

އެންމެ އާންމު އުމުރުފުރާއަކީ 40-60 އަހަރާ ދެމެދުގެ އުމުރުފުރާއެވެ. 60 އަހަރުން މަތީގެ އުމުރު ފުރާގަ ގިނައީ ފުރަތަމަ ޑައިގްނޯސް ކުރެވޭ އިރުވެސް ދުރަށް ފެތުރިފަ ވާ ބައްޔެވެ.

އުރަމތީގެ ކެންސަރުގެ ވައްތަރުތަކަކީ ކޮބާ؟

އުރަމަތީގެ ކެންސަރ ގެ ތަފާތުވައްތަރުތަކެއް ހުރެއެވެ. އަދި ބައެއް ފަހަރުމިތަފާތުވައްތަރު ތަކުގެ ބަލީގެ ގެ ފަރުވާގައި ތަފާތުތަކެއްހިމެނެއެވެ. މައިގަނޑުގޮތެއްގައި އުރަމަތީގެކެންސަރ ބެހެނީ ދެބަޔަކަށެވެ.

ހ.ނުފެތުރޭ ވައްތަރު ތައް (ފެތުރުމުގެ ޗާންސް ނާދިރު ވައްތަރުތައް)

• ޑަކްޓަލް ކާސިނޯމާ އިންސިޓޫ

• ލޮބިއުލަރ ކާސިނޯމާ އިންސިޓޫ

ށ. ފެތުރޭ ވައްތަރު ތައް

• އިންވޭސިވް ޑަކްޓަލް ކާސިނޯމާ( އިންފިލްޓްރޭޓިން ޑަކްޓަލް ކާސިނޯމާ)

މިވައްތަރަކީ ކިރުދައުރުކުރާ ޑަކްޓުގެ އެތެރެފަށަލައިން އުފެދި، ޑަކްޓުތަކުގެ ވަށައިގެންވާ އެހެނިހެންޓިޝޫތަކަށް ފެތުރޭވައްތަރެކެވެ. އަދި މިވައްތަރަކީ އެންމެ އާންމު ވައްތަރެވެ. ގާތްގަނޑަކަށް އުރަމަތީގެ ހުރިހާ ކެންސަރެއްގެ %80 އެވެ.

• އިންވޭސީވް ލޮބިއުލަރ ކާސިނޯމާ

• ޕޭޖެޓްސް ޑިސްއީސް (ވަށްގަނޑުން ފަށާވައްތަރު)

• އިންފްލެމޭޓްރީ ބްރެސްޓް ކެންސަރ

• ފައިލޮއިޑްސް ޓިއުމަރ

• ކައިރިއަށް ފެތުރިފަ ވާ އުރަމަތީގެ ކެނަސަރ

• ދުރަށް ފެތުރިފައިވާ އުރަމަތީގެ ކެނަސަރ

ފަރުވާ ކުރުމަށް ބެހިފައިވާ ހާއްސަ ވައްތަރުތައް (މިވައްތަރުތައް ބެހިފައިވަނީ، އެކުލެވޭ ޖީން އެއް ނޫނީ ހޯމޯން ރިސެޕްޓަރ އަށް ބަލާފައެވެ) މިއީ ތިން ވައްތަރެކެވެ.

ހ.ހޯމޯން ރިސެޕްޓަރ އެކުލެވޭ ވައްތަރު (މިވައްތަރު ތަކުގައި “އިސްޓްރޯޖެން” ނޫނީ “ޕްރޮޖެސްޓަރޯން” ނުވަތަ ދެވައްތަރު ގެ ރިސެޕްޓަރަ ކެންސަރ ސެލްތަކުގައި ހިމެނޭނެއެވެ. މިފަދަ ވައްތަރުތަކުގައި ފަރުވާކުރުމުގައި މިފަދަ ރިސެޕްޓަރ ގެ ބޭނުން ހިފައި ހޯމޯން ދަށް ކޮށް ދިނުމަށް ބޭނުން ހިފެއެވެ.

ށ.”ހަރ-2 ޕްސިޓިވް” (މިއީ ސެލްތައް ބޮޑުވުމަށް މަގުފަހިކޮށްދޭ ޕްރޮޓީން އެކެވެ. މިވައްތަރުގެ ޕްރޮޓިން، ކެންސަރ ސެލްއެއްގައި އާންމުކޮށް ހުންނަ ވަރަށް ވުރެ އިތުރުނަމަ ކެންސަރ ސެލްތައްއިތުރުވެ ބޮޑުވާލެއް އަވަސް ވާނެއެވެ. ނަމަވެސް މިޕްރޮޓީން އަށް އަމާޒުކުރެވިގެން ދޭ ފަރުވާކާމިޔާބުވުން ގާތްވާނެއެވެ.

ނ.”ޓްރިޕަލް ނެގެޓިވް” އުރަމަތީގެ ކެންސަރ (މިވައްތަރަކީ “އީސްޓްރޯޖެން” “ޕްރްޖެސްޓަރޯން، އަދި އިތުރަށް”ހާރް-2” ޕްރޮޓީން އެކުނުލެވޭ ވައްތަރެވެ. މީގެ މާނައަކީ މިފަދަ ކެންސަރ ގެ ސެލްތައް އިތުރުވެ ބޮޑުވުމުގައި މިލިޔެވުނު ތިންވައްތަރުގެ އެއްވެސް ރޯލެއް ނުވާނެއެވެ. މިސަބަބަށް ޓަކައި މިއީ ފަރުވާކުރުމަށް ދަތި ވައްތަރެކެވެ.

2. އުރަމަތީގެކެންސަރުގެ އަލާމާތް، ދެނެގަންނާނީ ކިހިނެއް!

އެންމެ އާންމު އަލާމާތަކީ އުރަމަތިން އަލަށް ފާހަގަކުރެވޭ ދުޅައެއް ނޫނީ ގަނޑެކެވެ. ތަދުނުވާ ހަރު، ގަނޑު ކޮޅެކެވެ. މިސަބަބަށް ޓަކާ އަލަށް ގަނޑުކޮޅެއް ފެނިއްޖަނަމަ ޑޮކްޓަރަކަށް ދައްކައި ޗެކްކުރަންވާނެއެވެ.

އެހެނިހެން އަލާމާތްތައް:

އުރަމަތި އެއްކޮށް ނޫނީ ބައެއް ދުޅަވެފައި ހުރުން( ގަނޑުކޮޅެއް ވަކިން ނެތްކަމުގައި ވިޔަސް)

ހަނގަނޑު ރޫޖެހިއެތެރެ އަށް ވަދެފައި ހުރުން( އޮރެންޖް ތޮށި ގަނޑެއް ހެން)

އުރަމަތި ނޫނީ ވައްގަނޑު ގައި ރިއްސުން

ވައްގަނޑުއެތެރެއަށް ވަދެފައި އިނުން

ވައްގަނޑު ނޫނީ އުރަމަތީގެ ހަނގަނޑު ބޯވެ، ރަތްވެ، ހަން ނޮޅޭގޮތްވުން.

ވައްގަނޑުން އެއްޗެހި އައުން(ކިރު ނޫން)

ގޮށެއް ދުޅަވެފައި އިނުން (ބައެއްފަހަރު އުރަމަތިން ގަނޑެއްފެނުމުގެ ކުރިން ކިހިލި ފަތްދޮށުން ނޫނީ ކަރުން ގޮށެއް ފެނިދާނެއެވެ)

_______________________________________________

މަތީގައި ބަޔާންކުރެވުނު އަލާމަތްތައް އުރަމަތީގެ އެހެނިހެން ބަލިތަކުގައިވެސްފެނިދާނެއެވެ. މިސަބަބަށް ޓަކައި މިފަދަ އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރަކަށް ދެއްކުން މުހިއްމުވާނެއެވެ. ބަލަންވީ އަލާމާތްތައް އިނގި، މިފަދަ އަލާމާތެއް ނުފެނުމަކީ، އެއްގޮތަކަށް ވެސް އަހަރަކު އެއްފަހަރު ހަދަމުން އައި މެމޯގްރާމް(އާންމު ކޮށް 40 އަހަރުން މަތީގެ މީހުން) އަދި އެހެނިހެން ސްކްރީން ކުރާ ޓެސްތަކަށް ފަރުވާކުޑަކުރަންވީކަމެއް ނޫނެވެ.

3. ބަލިޖެހުމަށް ދިމާވާ ސަބަބުތައް(ރިސްކް)/ ރައްކާތެރި ވާނެގޮތް.

ސީދާ މިބަލިން ރައްކާތެރިވެވޭނެ ގޮތެއް ނުއޮވޭ، ނަމަވެސް ބަލިޖެހުން ދުރުކުރުމަށް ކުރެވިދާނެ ކަންކަން ހުރެއެވެ. މިސާލަކަށް ބަލި ޖެހެން މަގުފަހިވާ ކަންކަން، އަމިއްލަ އިހްތިޔާރުގައި ބަދަލުކުރުމުގެ ބާރުހުރިކަންކަން ދެނެގަނެ އެކަމަށް ހެޔޮފިޔަވަޅެއް އެޅިދާނެއެވެ.

އާދަ ކާދަޔާގުޅި ފައިވާ، އަމިއްލަ އިހްތިޔާރުގައި ބަދަލު ކުރުމުގެބާރުހުރި ކަންކަން:

ބަނގުރާ ބުއިން.

މާބޮޑަށް ހަށިގަނޑުގެ ބަރުދަން އިތުރުވުން

ކަސްރަތު މަދުވުން

ދަރިން ނުހޯދުން

ގާތުން ކިރުނުދިނުން

ދޭތެރެ ދުރުކުރާބޭސް

ވާރުތަކުރާ ޖީންސް

އަމިއްލަ އަށް ބަދަލު ކުރުމުގެ އިހްތިޔާރުނެތް ކަންކަން

އަންހެނަކަށް ވުން

އުމުރުން ދުވަސް ވުން

ކައިރިތާ ތިމާގެމީހުން

ކުރިން އުރަމަތީ ކެންސަރަށް ފަރުވާކޮށްފައިވުން ނަސްލު

4. ސްކްރީން ކުރުން .

ސްކްރިން ކުރުމުގެ އަމާޒަކީ ބައްޔެއްގެ އަލާމާތްތައް ފެނުމުގެކުރިން އެބައްޔެއް، ހާއްސަވަސީލަތެއް ބޭނުން ކޮށް ގެން، ބަލީގެ އެންމެ ކުރީކޮޅު ދެނެނެގަތުމެވެ. ގައިޑްލައިން:(ހުލާސާ )

އެވަރެޖް ރިސްކް ގްރޫޕް( މިފަދަ އަންހެނުންނަކީ، ކުރިން އުރަމަތީގެ ކެންސަރ ޖެހިފައި ނުވާ، އާއިލާގައި މަންމަ، ބޮޑުދައިތަ، ދައްތަ ފަދަ މީހެއް އުރަމަތީގެ ކެންސަރ އަށް ފަރުވާކޮށްފައި ނުވާ. އަދި އިނގޭ އެއްވެސް ވާރުތަކުރާ ފަދަ ‘ޖީން” އެއް މިސާލަކަށް ބީ.އާރް.ސީއޭ ޖީން) ފަދަ ޖީން އެއް ނުވާ، އަދި އުމުރުން 30 އަހަރުގެ ކުރިން މޭގެ އެއްވެސް ހިސާބަކަށް ރޭޑިއޭޝަން ލިބިފައި ނުވާ މީހުންނެވެ.)

40-44 ދެމެދުގެ އުމުރުފުރައިގެ އަންހެނުން : އަހަރަކު އެއްފަހަރު މެމޯގްރާމް އެއް ހެދުމުގެ އިހްތިޔާރުވެއެވެ.

45-54 ދެމެދުގެ އުމުރު ފުރައިގެ އަންހެނުން: މެމޯގޮރާމް އަހަރަކު އެއްފަހަރު ހަދަންބާރުއަޅަ އެވެ.

އުމުރުން 55 އަހަރާއި، އެއަށް ވުރެ ދޮށީ އުމުރުގެ އަންހެނުން: މެމޯގްރާމް އެއްބޭނުން ކޮށްގެން ސްކްރީން ކުރުން ދެއަހަރުން އެއްއަހަރު ނޫނީ އަހަރަކު އެއްފަހަރު ހެދުން ވެސް އެންމެ ރަނގަޅެވެ.

އުމުރުން ދުވަސްވީކަމުގައި ވިޔަސް އާންމު ސިއްހަތު ރަނގަޅުނަމަ، މިފަދައިން(މެމޯގޮރާމް ގެ އެހީގައި) ސްކްރީން ކުރަންވާނެއެވެ.

 

ނޯޓް: އަމިއްލަ އަށް އުރަމަތި ބެލުން (self breast examination) ނޫނީ ސިއްހީ ހިދްމަތް ތެރިއެއް އުރަމަތި ބަލާފާސްކުރުން (clinical breast examination) އަކީ އެވަރެޖް ގޮރޫޕް ގެ މީހުން ސްކްރީން ކުރުމުގަ މެމޯގްރާމް ގެ ބަދަލުގައި ބޭނުން ކުރެވޭނެ ވަސީލަތެއް ނޫނުވެ.

ހައި ރިސްކް ގޮރޫޕް (high risk group)

މިގްރޫޕް ގައި ހިމެނޭ އަންހެނުން އަހަރަކު އެއްފަހަރު އެމް .އާރް.އައި. އަދި މެމޯގްރާމް ގެ އެހީގައި އުރަމަތި ޗެކްކުރަން ވާނެއެވެ. ސްކްރީން ކުރަން ފައްޓަން ވާނީ އުމުރުން 30 އަހަރުން ފަށައިގެންނެވެ.

މިގްރޫޕްގައި ހިމެނެނީ ރިސްކް ބަލާ ވަސީލަތެއް ގެ އެހީގައި، އުރަމަތީގެ ކެންސަރ ޖެހުމުގެ ރިސްކް %25 އަށް ވުރެ އިތުރުވާ މީހުންނެވެ.

މީގެއިތުރުން މަތީގައި ބަޔާންކުރެވުނު ކަންކަން ވާނަމައެވެ.

5.ފަރުވާ

އުރަމައްޗައް އެކަނި ދޭފަރުވާ( local treatments)

މިފަދަ ފަރުވާ ދެވޭނީ ޓިއުމަރ އަށް އެކަނި އެވެ. އަދި ހަށިގަނޑުގެ އެހެން ހިސާބުތަކަށް އަސަރެއްނުކުރާނެއެވެ.

އުރަމަތީގެ ކެންސަރ އަަށް ފަރުވާއެއްގެ ގޮތުގައި ކޮންމެވެސް ކަހަލަ އޮޕަރޭޝަނެއް ހިމެނޭނެއެވެ. ބައެއް ފަހަރު އޮޕަރޭޝަން ގެ ކުރިން އެހެނިހެން ފަރުވާ އެއް ބޭނުން ވެދާނެއެވެ (neo adjuvant therapy). މިފަރުވާ ގެ ތެރޭގައި ހިމެނެނީ:

އޮޕަރޭޝަން

ރޭޑިއޭޝަން

މުޅިހަށިގަނޑަށް އަސަރުކުރާ ފަރުވާ( systemic treatments)

ބޭހެއް ދީގެންދޭ ފަރުވާ، މިވައްތަރުގެ ފަރުވާގެ އަސަރު މުޅި ހަށިގަނޑައް ކުރާނެއެވެ. މިފަރުވާ ދެވޭނީ ބޭސް ގުޅައެއް ގެ ގޮތުގަ ނޫނީ ސީދާ ލޭގެ ތެރެއަށެވެ. (މިސާލަކަށް: އައި ވީ އެއް ގެ ގޮތުގައި، ނުނީ ޕޯރޓް އެއްލައްވައިގެންނެވެ). މިފަރުވާ ގެ ތެރޭގައި ހިމެނެނީ:

ކީމޯތެރެޕީ

ހޯރމޯން ތެރެޕީ

ޓާރގެޓަޑް ތެރަޕީ

އިމިއުނޯ ތެރަޕީ

:ފަހުބަސް

(އުރަމަތީގެ ކެންސަރ އަކީ އެބަލީގެ ކުރީކޮޅުގައި ފެނިއްޖެނަމަ އެއްކޮށް ޝިފާލިބޭ ބައްޔެކެވެ. އަދިބަލި ފެތުރުމަށް ފަހުވެސް، ފަރުވާއަށް އައިސްފާވާބަދަލާ އެކު، ބަލި އިތުރުވިޔަނުދީ، އެހެނިހެން ދާއިމީ ބައްޔެކޭ އެއްފަދައިން ފަރުވާކުރެވޭ ބައްޔެކެވެ.

 

މިއަދު އޮންލައިން