ކުރިމަތިވާ ހިތްދަތިކަމާ އުފުލަންޖެހޭ ތަކްލީފްތަކުން ލިބޭވޭން ކުޑަކުރަން ނިކަން މިގޮތަށް ޢަމަލުކޮށްބަލަ! ތަފާތު ފެންނާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ކުރިމަތިވާ ހިތްދަތިކަމާ އުފުލަންޖެހޭ ތަކްލީފްތަކުން ލިބޭވޭން ކުޑަކުރަން ނިކަން މިގޮތަށް ޢަމަލުކޮށްބަލަ! ތަފާތު ފެންނާނެ! އިން ޝާ ﷲ: މުފްތީ މެންކް

ހިތްދަތި ޙާލެއް ކުރިމަތިވެއްޖެނަމަ ނުވަތަ ތަކްލީފެއް އުފުލަންޖެހިއްޖެނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް އެހެން މީހުންނަށް ގިނަބައަކު ކިޔައިދެއެވެ. ނަމަވެސް އެފަދަ ވަޤުތުގައި ޢަމަލުކުރަން އެމީހަކަށް އުނދަގޫވުމަކީ ޢާންމު ކަމެކެވެ. ވީމާ ވިސްނައިލާށެވެ!

ގިނަ ބައަކަށް ކިރިޔާ ކަމެއް ކުރިމަތިވިނަމަވެސް ފުރަތަމަވެސް ފުންމައިގަނެވެނީ ފޯނާއި ދިމާއަށެވެ. ކޮންމެވެސް މީހަކާއި ގުޅައި އެހީތެރިކަން ހޯދުމަށެވެ. ވިސްނައި ނުލެވޭ ކަމަކީ އެފަދަ ޙާލަތުގައި ފުރަތަމަވެސް ތިމާގެ ނިކަމެތިކަން ބަޔާންކޮށް މަދަދާއި އެހީތެރިކަމަށް އެދި ދަންނަވަންވީ ކޮންފަރާތެއްގައިކަމެވެ.

ކޮންމެއަކަށް ހާސްވެ ކަންބޮޑުވާ ވަގުތުތަކުގައި، މުޞީބާތާއި ހިތްދަތިކަން ކުރިމަތިވާ ވަގުތުތަކުގައި އަމަލުކުރަން ޖެހޭނީ އެމީހަކު ކަންކަން ކުރަން ބޭނުންވާ ގޮތަކަށް ނޫނެވެ. ފުރަތަމަވެސް ބަލަން ޖެހޭނީ އެފަދަ ޙާލަތެއް ކުރިމަތިވެވަޑައިގަތުމުން ރަސޫލް (ﷺ) ޢަމަލުފުޅު ކުރެއްވެވި ގޮތެވެ. ސުންނަތުގައި އޮތްގޮތެވެ.

ހަމައެއާއިއެކު ހިތުގެ އަޑިން إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ ބުނެވޭ ނުވަތަ ކިޔާ މީހަކުކަމުގައިވާން އެބަޖެހެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ކުރިމަތިވި ކަންތައް ކިތަންމެ ބޮޑުވި ނަމަވެސް، އެކަމުގައި މަރުވި ނަމަވެސް އެނބުރި ދާންޖެހެނީ ﷲ ތަޢާލާގެ ޙަޟްރަތަށް ކަމުގައިވާތީއެވެ. ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައިވާ ފަދަ އީމާންތެރި، ﷲ ތަޢާލާއަށް ވަކީލުކުރާ މީހަކުކަމުގައިވާން ޖެހޭތީއެވެ.

ހިތާމައަކީ ކަންކަން ކުރިމަތިވުމުން ސުންނަތުގައި އޮތްގޮތާއިމެދު ވިސްނައި ނުލެވޭކަމެވެ. ތިމާއަށް ވިސްނޭ ގޮތް އެއީ މާރަނގަޅު ނުވަތަ އެންމެ ރަނގަޅު ގޮތް ކަމުގައި ޤަބޫލުކުރެވޭތީއެވެ. އެކަމުގެ ނަތީޖާއަކަށްވެގެންދަނީ ކަންކަން ޙައްލުވެ ނުވަތަ ކާމިޔާބުވުމުގެ ބަދަލުގައި އުފުލަންޖެހޭ ވޭންތައް އެތައް ގުނައަކަށް ބޮޑުވެގެންދިއުމެވެ.

އެހެން އެކަން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ކޮންމެ ކަމެއްގައިވެސް އެކަލާނގެއަށް ކިޔަމަންތެރިވުމަށެވެ. އެއީ ކީރިތި ޤުރްއާނަށް ޢަމަލުކުރުމެވެ. ސުންނަތަށް ޢަމަލުކުރުންވެސް ވަނީ ކީރިތި ޤުރްއާނަށް ޢަމަލުކުރުމުގެތެރެއިންނެވެ.

ވީމާ ކުރިމަތިވާ ކޮންމެ ހިތްދަތިކަމެއްވެސް އަދި މުޞީބާތަކުންވެސް ސަލާމަތްކަން އެދޭމީހާ ޢަމަލުކުރަންވީ ގޮތް މިއޮތީ ފެންނާށެވެ! އެގޮތަކީ ކުރިންވެސް ބަޔާންމިކުރި ފަދައިން އެފަދަ ކަމެއް ކުރިމަތިވެވަޑައިގަތުމުން ރަސޫލް (ﷺ) ޢަމަލުފުޅު ކުރެއްވެވި ގޮތެވެ! ކާމިޔާބު ލިބުންވަނީ އެގޮތަށް، އެގޮތަށް ޢަމަލު ނުކުރެވޭނެ ނަމަ ވީހައި ގާތް ގޮތަކަށް ޢަމަލުކުރުމެވެ.

ކަންބޮޑުވުމާއި މުޞިބާތުގެ ވަގުތުތަކުގައި ޢަމަލުކުރެވޭ ގޮތް ބިނާވެފައި އޮންނަނީ އެމީހެއްގެ ސިކުނޑި ޕްރޮގްރާމްކޮށްގެން ގެންގުޅޭ ގޮތެއްގެ މައްޗަށެވެ. މިކަމުގައި އެމީހަކު އުޅެ ބޮޑުވާ މާޙައުލު ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. ހަމަ އެއާއިއެކު އެމީހަކު އަމއްލައަށް އަމަލުކުރަން ބޭނުންވާ ގޮތްވެސް ހަމައެހައިމެ މުހިންމު ދައުރެއް އަދާކުރެއެވެ. ވީމާ ކަމެއް ދިމާވުމުން ފުރަތަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން މަދަދާއި އެހީތެރިކަމަށް އެދެން އާދަކުރާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން