އަޅުކަންކުރުމުގަ ދެމިހުންނަން ޖެހޭކަމާ އެކަމުގެ މުހިންމުކަން އެނގޭނަމަ ހިނދުކޮޅަކަށްވެސް އަޅުކަންކުރުން ހުއްޓައެއް ނުލާނެ!-: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
އަޅުކަންކުރުމުގަ ދެމިހުންނަން ޖެހޭކަމާ އެކަމުގެ މުހިންމުކަން އެނގޭނަމަ ހިނދުކޮޅަކަށްވެސް އަޅުކަންކުރުން ހުއްޓައެއް ނުލާނެ!-: ޝައިޚް އަބޫބަކުރު ޒައުދު

ބައެއް މީހުން ވަރަށް ފޮރީގައި އަޅުކަންކުރަން ފަށައެވެ. ކުޑަދުވަސްކޮޅަކުން ހުއްޓައިލައެވެ. ނުވަތަ މަދުކުރެއެވެ. މިއީ މުސްލިމުން އެކަންކުރަން އޮތްގޮތެއް ނޫނެވެ. ކޮށްގެންވާނެ ކަމެއްވެސް ނޫނެވެ.

އަހަރެމެން ދުނިޔޭގައި ހޭދަކުރާ ޙަޔާތް ހޭދަކުރާނެ ގޮތާއިމެދު އަހަރެމެން ﷲ ތަޢާލާ އަށް އެއްބަސްވާ ވަރަށް ވަރުގަދަ އެއްބަސްވުމެއް ވެއެވެ. އެއެއްބަސްވުން ހިމެނިގެންވަނީ ކީރިތި ޤުރްއާނުގެ ފުރަތަމަ ސޫރަތުގައެވެ. އެއެއްބަސްވުމަކީ:

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ

"އަޅަމެން އަޅުކަންކުރަނީ، ހަމައެކަނި އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، ހަމައެކަނި އިބަރަސްކަލާނގެ ޙަޟްރަތުންނެވެ." (އަލްފާތިޙާ: 5)

އެއަށްފަހު މުޅި ކީރިތި ޤުރްއާނުގައި ބަޔާންވެގެން އެވަނީ މި އެއްބަސްވުމަށް ޢަމަލުކުރަންވީ ގޮތެވެ. ވީމާ އަހުރެމެންވާ މިއެއްބަސްވުމަކީ ކިހައި ވަރުގަދަ އެއްބަސްވުމެއްކަން އެނގިގެން އެބަދެއެވެ.

ކޮންމެއަކަސް މިއެއްބަސްވުމުގެ ފުރަތަމަބައިގައި އެވަނީ މަރުވަންދެން ﷲ ތަޢާލާއަށް އަޅުކަންކުރުންމަތީގައި ދެމިހުރުމުގެ ވާހަކައެވެ. މިއީ ކުޑަ ކަމެއް ނޫނެވެ. އަދި ކުރަން ފަސޭހަކަމެއްވެސް ނޫނެވެ. ސަބަބަކީ އަހުރެމެން މިއެއްބަސްވަނީ އަހުރެމެން ހިތަށް އެރިހައި ގޮތަކަށް ހިތަށް އެރި ފަހަރަކު އަޅުކަންކުރުމަކަށް ނޫނެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަޅުކަންކުރުންމަތީގައި ދެމިހުރުމަށެވެ.

ގިނަބައަކު ފޭލްވެގެންދަނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަޅުކަންކުރުމުގައި ޘާބިތުވެ ނުހުރެވޭތީއެވެ. ދުވަސްކޮޅަކު ނުވަތަ ޢުމުރުން ބޮޑުބައެއްގައި އަޅުކަންކުރަން މަސައްކަތްކޮށްފައި ކަންނެތްވެވޭތީއެވެ.

މީސްތަކުންނޭވެ! ތައުބާވެ ހިތްވަރުކޮށްފައި އަޅުކަންކުރަން ފަށާ އެތައް ބައަކު އަޅުކަންކުރުން ހުއްޓައިލާ ސަބަބުތަކުގެ ތެރޭގައި މާލީ ދަތިތައް ކުރިމަތިވުން، ކައިވެނި ރޫޅުން ފަދަ ސަބަބުތައް ހިމެނެއެވެ. އެމީހުން ބުނަނީ މާޔޫސްވެ ހިތްދަތިކަން ލިބުނީމާ އަޅުކަންކުރަން އުނދަގޫވަނީ ކަމަށެވެ.

ނަމަވެސް މިއީ ކޮން ގޮތަކުން ދެކޮޅު ޖެއްސޭނެ ވާހަކައެއް ހެއްޔެވެ؟ އެފަދަ ޙާލަތެއް ކުރިމަތިވެއްޖެ ނަމަ ޙައްލުހޯދަންވެސް އަޅުކަންކުރުން ގިނަކުރުން ނޫން ހެއްޔެވެ؟

މީސްތަކުންނޭވެ! އަހަރެމެންނަށް އޮތީ އެއްބަސްވުމަށް ޢަމަލުކުރުމެވެ. ﷲ ތަޢާލާއަށް އަޅުކަންކުރުމަކީ ކުރަން ބޭނުންވުމުން އެކަންކޮށްފައި ކުރަން ފޫހިވުމުން ނުކޮށް ހުއްޓައިލާ ކަމަކަށް ހަދައިގެން މިބަޔާންކުރި އާޔަތަށް ޢަމަލުކުރެވުނު ކަމަކަށް ނުވާނެއެވެ. ޔަޤީންކުރަންވީ އެއްބަސްވުމަށް ޢަމަލުކުރެވިއްޖެނަމަ އެމީހަކަށް ދެދުނިޔޭގެ ކާމިޔާބު ދެއްވަވާނެ ކަމެވެ. އިން ޝާ ﷲ

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން