ހެޔޮލަފާ އަންތބަކު އޭނާގެ ސަމާލުކަން އެންމެ ބޮޑަށް ދޭނީ ފިރިމީހާއަށެވެ. ފިރިމީހާއަށްވުރެ މުހިންމު އެކަކުވެސް ނުހުންނާނެއެވެ. ފިރިމީހާ ރުހޭނެ ހުރިހާ ކަންކަން ކޮށްދީގެންވެސް އެކުގައި އުޅެން ބޭނުންވާނެއެވެ. ތިމާއަށް ފިރިމީހާ ގެއްލިދާނެ އެއްވެސް ކަމެއް މެދުވެރިވުމަކަށް ނުއެދޭނެއެވެ. އެހެންވެ ހުންނާނީވެސް ވަރަށް ބޮދަށް ފާރަވެރިވެގެންނެވެ.
ދެންމިވާ ގޮތަކީ ދުނިޔަވީ ރައްޓެހި ރަޙްމަތްތެރިކަމުގައި ނަމަވެސް ފިރިމީހާ ގިނަ އަންހެނުންތަކަކާ ވާހަކަ ދައްކާނަމަ ހުރެވޭނީ ކަންބޮޑުވެފައެވެ. އެއީ މިޒަމާނުގައި ތެދުވެރި އެކުވެރިން މަދުކަމުން ކޮންމެ މީހަކުނަމަވެސް ކޮންމެވަޤުތަކު ނަމަވެސް ލަނޑެއްދީފާނެ ކަމުގެ ބިރަށެވެ.
މިމައްސަލަ އޮތް އެންމެ ރަނގަޅު ޙައްލަކީ ވާހަކަދައްކާ ހިލޭ އަންހެނުންގެ ޢަދަދު މަދުކުރުމެވެ. ވާހަކަ ދައްކާ ބައަކާއިވެސް ސިއްރުން އެކަނިހުރެ ވާހަކަ ނުދެއްކުމެވެ. އަދި ވާހަކަ ދައްކާ އެކުވެރިންނަކީ ކޮންބައެއްކަން އަނބިމީހާއަށް އަންގާފައި ބޭއްވުމެވެ.
ފޯނުގައި ނަމަބަރު ށޭވްކުރާއިރުވެސް އަޞްލު ނަން ނޫން ނަންނަމުގައި ސޭވްނުކުރާށެވެ.
މީހަކު އޭނާގެ އެކުވެރިއެއްގެ ނަމްބަރު ސޭވްކުރިއިރު މަޖަލަކަށް ސޭވްކުރީ ފިރިހެނެއްގެ ނަމުގައެވެ. ފޮޓޯއަކަށްވެސް ލާފައި އިނީ ފިރިހެނެއްގެ ފޮޓޯއެވެ. އެގޮތަށް ކަންތައްކޮށްގެން އުޅެނިކޮށް ފިރިމީހާއާއި އޭނާ އާއި ވާހަކަދައްކަނިކޮށް އަނބިމިހާއަށް އަޑުއިވުނުއިރު އަންހެނެއްގެ އަޑަށްވުމުން އެކަންވީ ބޮޑު ޒަލްޒަލާއަކަށެވެ. ކައިވެނި ނުރޫޅުނީވެސް ހމަކިރިޔާއެވެ.
މިފަދަ ކަންކަމުން އެނގެނީ ކައިވެނިކުރުމަށްފަހު މަޖަލަކަށްވެސް އަނބިމިހާއަށް އޮޅުން އަރާނެ ގޮތަށް ކަންކަން ކޮށްގެން ނުވާނެ ކަމެވެ. ޒަވާޖީ ހަޔާތް އުފާވެރިވުމުގެ އެންމެ ބޮޑު އެއްބާރަކީ އިތުބާރެވެ. އިތުބާރު ގެއްލޭނެ އެއްވެސް ކަމެއް ދެމީހުންކުރެ އެކަކުވެސް ނުކުރާށެވެ! އެއަށްވުރެ ބޮޑު ގޯހެއް ނެތްކަމަށް އެންމެންވެސް ޤަބޫލުކުރެއެވެ.
- ތަޖުރިބާކާރު ޢިލްމުވެރިއެއްގެ ވާހަކަފުޅުން